ބޮލީވުޑް

އެންމެ ގިނައިން ބެލި ޓްރެއިލާ އަކަށް "ގާބިލް"

Nov 5, 2016

ރިތިކް ރޯޝަން އާއި ޔާމީ ގޯތަމް ލީޑްރޯލުން ފެނިގެންދާ "ގާބިލް" އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު ރިލީޒްކުރާއިރު މިފިލްމު ސުޕަސްްޓާ ޝާހްރުކް ޚާންގެ "ރައީސް" އާ ކުރިމަތިލުމަކަށްދާނެ އެވެ.

"ގާބިލް" ގެ ޓްރެއިލާ ރިލީޒްކުރުމަށް ހާއްސަ ހަފްލާއެއް ބާއްވަމުން ތައްޔާރުވަމުން ދަނިކޮށް ކުއްލިއަކަށް ޓްވިޓާގައި އާންމުކުރީ މިފިލްމުގެ ޓްރެއިލާ ބަޔަކު ލީކުކޮށްލުމާ ގުޅިގެންނެވެ.

ރިތިކް އާއި ޔާމީ ލޯފަން ދެލޯބިވެރިންގެ ރޯލުން ފެނިގެންދާ ތްރިލާ މިފިލްމުގެ ޓްރެއިލާ ރިލީޒްކުރިތާ ގާތްގަނޑަކަށް ހަފްތާއެއްގެ ތެރޭގައި 23 މިލިއަން ފަހަރު ބަލާފައިވާއިރު، މިފިލްމުގެ ޓްރެއިލާ މިވަނީ މިހާތަނަށް އެންމެ ގިނަބަޔަކު ބެލި ބޮލީވުޑް ފިލްމެއްގެ ޓްރެއިލާގެ މަގާމު ލިބިފަ އެވެ.

"ގާބިލް" ގެ ޓްރެއިލާ:

ރިތިކް މިހާތަނަށް ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން އޭނާ އެންމެ މޮޅަށް ކުޅެނީ އެކްޝަން ފިލްމު ކަމަށްވީއިރު މިފިލްމަކީ އެކްޝަން ގިނަ މަންޒަރުތަކަކާއި ލޯބީގެ ބައިވެސް ހިމެނޭ ފިލްމަކަށް ވުމުން މިފިލްމަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް މިހާރުއްސުރެން ފެށިގެން އަންނަނީ ބުނަމުންނެވެ.

ލޯފަން ޔަމީ އާ ރިތިކް ދިމާވެ ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެ އެކުގައި އުފާވެރި ދިރިއުޅުމެއް އުޅެމުން ދަނިކޮށް ބަޔަކު ޔާމީ ކިޑްނެޕްކުރެ އެވެ. ލޮލަށް ނުފެން ހާލުގައި ވެސް ރިތިކް އޭނާގެ ލޯބިވެރިޔާ އެނުބައި މީހުންގެ އަތްދަށުން ސަލާމަތްކުރުމަށް އެމީހުންނާ ދެކޮޅަށް ހަނގުރާމަކުރެ އެވެ.

ސަންޖޭ ގުޕްތާ ޑައިރެކްޓްކޮށް ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ޕްރޮޑިއުސްކޮށްފައިވާ މިފިލްމުގެ ޓްރެއިލާ ލޯންޗްކުރުމަށް ކުރަން ނިންމާފައިވާ ހުރިހާ ކަމެއް ކުއްލިއަކަށް ޓްރެއިލާ ލީކުވުމުން ފެނަށް ދިޔަ ނަމަވެސް ލޯތްބާއި އެކްޝަންގެ ތްރިލާ މިފިލްމު މިހާރުވެސް މިވަނީ ބެލުންތެރިންގެ ހިތް އަތުލާފަ އެވެ.