ފޭރުގަހަކީ ރާއްޖޭގައި އެންމެ އާންމު ބާވަތުގެ ގަހެވެ. އަދި ފޭރުފަތުގެ މޮޅުވާހަކަ މިދޭތެރެއަކުން ވަރަށް ގަދަޔަށް ސޯޝަލް މީޑިއާ ގައި ވެސް ދެކެވިއްޖެ އެވެ. ނަމަވެސް މިކަން ތަޖުރިބާ ކުރީ ކިތައް މީހުން ހެއްޔެވެ؟. މައްސަލަ އެއް ނެތެވެ. މި ހިމަނާލަނީ މިފަތުގެ ޖާދުލުން އިސްތަށި ފޭބުމަށް އޮތް ހައްލުތަކުގެ ވާހަކަ އެވެ. ފޭރު ފަތުން އިސްތަށި ފޭބުމަށް ހޯދި ދާނެ ހައްލުތައް ތިރީގައި މި އޮތީ އެވެ.
ތައްޔާރު ކުރާނެ ގޮތް
އެއްލީޓަރުގެ ހޫނުފެން ތެއްޔެއްގެ ތެރެއަށް ދެއަތުން ނެގޭ ވަރުގެ ފޭރުފަތްތައް އަޅާލާށެވެ. އަދި 20 މިނެޓް ވަންދެން ފެންގަނޑު ކައްކާލުމަށްފަހު، ހިހޫވަންދެން ބަހައްޓާށެވެ. ފެންގަނޑު ހިހޫވުމުން ފަތްތައް ނަގާލާށެވެ. ބޭނުންނަމަ ފެންގަނޑުގެ ތެރޭ ފަތްތައް ބެހެއްޓިޔަސް މައްސަލަ އެއް ނެތެވެ.
ބޭނުން ކުރާނެ ގޮތް
ފުރަތަމަ އިސްތަށިގަނޑު ޝޭމްޕޫ ލައިގެން ރަނގަޅަށް ދޮވެލާށެވެ. ނަމަވެސް ކޮންޑިޝަނާ ބޭނުންކޮށްގެން ނުވާނެ އެވެ. އަދި އިސްތަށިގަނޑު ހިއްކާލުމަށްފަހު، ތައްޔާރުކޮށްފައި ހުރި ފޭރުފަތުގެ ދިޔަގަނޑު ބޮލަށް އެޅުމަށްފަހު މަޑުމަޑުން ބޯ މަސާޖު ކޮށްލާށެވެ. ބޯ މަސާޖު ކުރާއިރު، އިސްތަށިތަކަށް ބާރުނުވާ ގޮތަށް މަޑުމަޑުން ކުރަން ހަނދާން ކުރަންވާނެ އެވެ. އަދި ރަނގަޅަށް މުޅި ބޯ މަސާޖު ކޮށްލުމަށްފަހު ހެއާކެޕް އެއް ނުވަތަ ތުވާއްޔެއް އިސްތަށިގަނޑު ގައި އޮޅާލާށެވެ. މިހެން ދެ ގަޑިއިރު ވަންދެއް ބެހެއްޓުމަށްފަހު ރީތި ފެންފޮދަކުން އިސްތަށިގަނޑު ދޮވެލާށެވެ.
އިސްތަށި ފޭބުމުގެ މައްސަލަ ވަރަށްބޮޑަށް ދިމާވެފައިވާ ފަރާތްތަކުން މި ހެއާ ޕެކް ހަފްތާއަކު ތިން ފަހަރު ބޭނުން ކުރުން ރަނގަޅު ވާނެ އެވެ. އަދި އިސްތަށިގަނޑު އަވަހަށް ދިގުކޮށް އުޖާލާ ކަންމަތީ ބަހައްޓަން ބޭނުންނަމަ ހަފްތާއަކު ދެ ފަހަރު މި ހެއާ ޕެކް ބޭނުން ކުރެވިދާނެ އެވެ.