ބޮލީވުޑް

"ކޮފީ ވިތް ކަރަން" ގައި ކާޖޮލް އާއި ފަވަދް ބައިވެރި ނުވާނެ

Nov 6, 2016

ބޮލީވުޑްގެ ތަރިންނާއެކު ބާއްވާ ސެލެބްރިޓީ ޓޯލްކް ޝޯ "ކޮފީ ވިތް ކަރަން" ގެ ފަސް ވަނަ ސީޒަން ސްޓާ ވޯލްޑުން ޕްރިމިއާކުރާއިރު މިއަހަރުގެ ސީޒަންގެ ފުރަތަމަ މެހެމާނުންނަކީ ޝާހްރުކް ޚާނާއި ޒުވާން ބަތަލާ އާލިއާ ބަޓް އެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރިން ވަކިންނާއި ދެ ތަރިން އެކުގައި ގެނެސްގެން ހޮސްޓް މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު ކުރިމަތިކުރާ ސުވާލުތަކަކަށް ޖަވާބުދީގެން ކުރިއަށް ގެންދާ މި ޝޯގައި ވަރަށް ޕާސަނަލް ވާހަކަތަކާއި ވާދަވެރި އެހެން ތަރިންނާއި ގުޅޭ އާންމުނަށް ނޭނގޭ ސިއްރުތައް ވެސް ފަޅާ އަރުވާލާފައިވާއިރު މި އަހަރުގެ ޝޯގައި ވެސް ބޮލީވުޑްގެ ނަން ހިނގާ ފަރާތްތަށް މިޝޯއިން ފެނިގެންދާނެ ކަމަށްވެ އެވެ.

ކާމިޔާބު ހަތަރު ސީޒަން މިޝޯގެ މިހާތަނަށް ގެނެސްދީފައިވާއިރު ފަސް ވަނަ ސީޒަން ފަށަނީ ދެއަހަރުގެ ބްރޭކަކަށްފަހު އެވެ.

ބޮލީވުޑްގައި މިވަގުތު ތިބި އެންމެ ނަން ހިނގާ ތަރިން މިޝޯއިން ފެނިގެންދާނެ ކަމަށްވާއިރު ކަރަންގެ ގާތްއެކުވެރިޔާ އަދި ބަތަލާ ކާޖޮލް އާއި ކަރަން އެންމެފަހުން އުފެއްދި ފިލްމު "އޭ ދިލްހޭ މުޝްކިލް" ގެ މުހިންމު ރޯލަކުން ފެނިގެންދިޔަ ޕާކިސްތާނުގެ އެކްޓަރު ފަވަދް ޚާން މިއަހަރުގެ ޝޯގައި ފެނިގެންނުދާނެ ކަމަށްވެ އެވެ.

ކާޖޮލް ބޮލީވުޑަށް ނިކުތުމުގެ ކުރިން ވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުރި ކަރަންއާ ދެމެދު މައްސަލަތަކެއް ޖެހި ދެތަރިންގެ އެކުވެރިކަން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ކަރަންގެ "އޭ ދިލްހޭ މުޝްކިލް" އާއި ބޮކްސް އޮފީހުގައި ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަންގެ "ޝިވާއޭ" ކުރިމަތިލާފައިވާއިރު މި ދެފިލްމު ރިލީޒްކުކުރުމުގެ ކުރިން އެފިލްމު ބަދުނާމުކޮށް ވާހަކަ ދައްކަން ކަރަން ރިޝްވަތު ދިން ކަމުގެ އަޑުތަކެއް އެރުމުން ކާޖޮލް އާއި ކަރަންއާ ދެމެދު އެހިސާބުން ފެށިގެން މައްސަލަތައް ޖެހިފައިވާ ކަމަށްވެ އެވެ.

ކަރަން އާއި ކާޖޮލްގެ އެކުވެރިކަން ހީނަރުވެފައިވާތީ "ކޮފީ ވިތް ކަރަން" ސީޒަންގެ ފަހަކަށް އޭނާ އަށް ދައުވަތު ދިން ނަމަވެސް ނުދާނެކަން އެއީ ޔަގީންވާ ކަމެކެވެ. ކަރަންގެ ފިލްމާ ކުރިމަތިލި ފިރިމީހާގެ ފިލްމުގެ ހުރިހާ ޕްރޮމޯޝަނަލް މަސައްކަތްތަކުގައި ވެސް އެންމެ އިސްކޮށް ބަައިވެރިވެފައިވަނީ ކާޖޮލް އެވެ.

ކާޖޮލްގެ އިތުރުން ކަރަންގެ އެއް ފެވަރިޓް ތަރިއެއްގެ ގޮތުގައި ހިމެނޭ ފަވަދް ވެސް މިއަހަރުގެ ސީޒަންގެ ފުރަތަމަ މެހެމާނެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ޖެހިގެން އުޅޭ މައްސަލަތަކުގައި ބޮލީވުޑުން ޕާކިސްތާނުގެ ތަރިން ބޭރުކޮށްފައިވާތީ އަނބުރާ އިންޑިއާ އަށް އާދެވޭނެ ކަމުގެ އުންމީދެއް ނެތެވެ.

އެހެންކަމުން ފަވަދް، ކަރަންގެ ފިލްމުގެ ރޯލަކުން ފެނިގެން ގޮސްފައިވާތީ ވެސް އެރޯލުގެ ބޮޑު ބައެއް އުނިކޮށްގެން ރިލީޒް ކުރުވާފައިވާއިރު މިޝޯގައި އޭނާ ހިމަނައިގެން އިތުރު މައްސަލަތަކެއްގެ ތެރޭގައި ބެދެން ކަރަން ބޭނުން ނުވާތީ ފަވަދް ވެސް މިއަހަރުގެ "ކޮފީ ވިތް ކަރަން" ގައި ފެނިގެންނުދާނެ އެވެ.

ކާޖޮލް އާއި ފަވަދްގެ އިތުރުން މިއަހަރުގެ ސީޒަންގެ ފެނިގެންނުދާނެ ކަމަށް ބެލެވޭ އިތުރު ތަރިންފެ ތެރޭގައި އަޖޭ އާއި ކަންގަނާ ރަނާވަތު އަދި މަޝްހޫރު ޕްރޮޑިއުސަރު އަދިތްޔަ ޗޯޕްޅާ ހިމެނެ އެވެ.

"ކޮފީ ވިތް ކަރަން" ސީޒަންގެ ފަހެއްގެ ދެވަނަ އެޕިސޯޑްގައި މެހެމާނެއްގެ ގޮތުން ފެނިގެންދާނެ ދެތަރިންނަކީ އަދިތްޔަ ރޯއި ކަޕުރާއި ޕަރިނީތީ ޗޯޕްޅާ އެވެ.