ހަބަރު

އިންތިހާބުތަކުގައި މަކަރު ނުހެދޭނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ

Nov 6, 2016
4

ރާއްޖޭގައި ކުރިއަށް އޮތް އިންތިހާބު ތައް އިންސާފުވެރި ނުވެދާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދަމުން ގެންދާ ދަނޑިވަޅެއްގައި، އިންތިހާބު ތަކުގައި މަކަރު ހެދުމުގެ ފުރުސަތު ވަރަށް ކުޑަވާނެ ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިވަގުތު އިނގިރޭސި ވިލާތުގައި ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ނަޝީދު "މިނިވަން ރޭޑިއޯ" އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވޯޓު ލުމާއި ގުނުމުގެ ކަންތައް ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދަނީ ރައްޔިތުންގެ އިތުރުން ކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައި ކަމަށެވެ.

"އަޅުގަނޑަށް އެނގޭ ވަގު ވޯޓް އެޅިދާނެ. އަދި އެކަހަލަ ދެ ތިން ނޭއްގާނީ ކަމެއް ކޮށްލެވިދާނެ. އެހެން ނަމަވެސް، އަޅުގަނޑު މެންނަށް މިކަން ބެލެހެއްޓެން ޖެހޭނެ ނޫންތޯ. ދެން ކީއްކުރާ ރަށެއްތޯ ނޫނީ ރައްޔިތެއްތޯ އަޅުގަނޑުމެންނަށް މިކަން ނުބެލެހެއްޓެންޏާ؟ ދެން މުގުރަކުން އައިސް ޖަހައިގެން ކޮންމެ މީހެއްގެ ވޯޓެއް ނުގެންދެވޭނެ ނޫންތޯ،" އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ތައް ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ނުކުމެ ވޯޓު ދޭންޖެހޭނެ ހެން. ވޯޓު ގުނުމުގައި އުޅެންޖެހޭނެ. ވޯޓު ގުނުމުގެ ކަންތަކުގައި ނޫޅެ، ދެން އަޅުގަނޑު މެން ޝަކުވާ ކުރާނެ ކަމެއް ނެތް،"

ލާމަރުކަޒީ ނިޒާމުގެ ތެރެއިން އުފެދިފައިވާ ކައުންސިލްތަކުގެ ބާރުތައް ވަރަށް ބޮޑަށް ހަނިކުރެވިފައި ވީ ނަމަވެސް، އެ މަނިކުފާނު ވިދާޅުވި ގޮތުގައި އަންނަ ޖެނުއަރީ މަހު ބޭއްވޭ ލޯކަލް ކައުންސިލް އިންތިހާބު ގައި ވޯޓުލާން ނުކުތުން ވަރަށް ވެސް މުހިންމު ކަމަށެވެ.

"މެދު އަދި ކުރު ރާސްތާގައި ވެސް މި އިންޖީނު ހިންގަ ހިންގާ އަޅުގަނޑުމެން ބަހައްޓަންޖެހޭނެ. ހުއްޓާލައިގެން މީތި ރަނގަޅު ވާނެ ގޮތެއް ނޯންނާނެ،" ލާމަރުކަޒީ ނިޒާމު މެޝިނެއްގެ ގޮތުގައި ސިފަ ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ޖެނުއަރީ 14 ގައި ބޭއްވޭ ލޯކަލް ކައުންސިލް އިންތިހާބު ގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް ވޯޓިންގް ތައާރަފް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރި އެވެ. ނަމަވެސް، އެފަދަ ނިޒާމެއްގެ ތެރެއިން ވޯޓު ލުން އިންސާފުވެރި ނުވާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނުމުން، އީ-ވޯޓިންގް ބޭނުން ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމާފަ އެވެ.