ދައުލަތުގެ ބަޖެޓް

ބަޖެޓް ބަހުސްގައި ކޮންމެ މެންބަރަކަށް 15 މިނެޓް

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވާފައިބާ ދައުލަތުގެ ބަޖެޓަށް މަޖިލީހުގައި މެމްބަރުން ބަހުސް ކުރައްވާއިރު ކޮންމެ މެންބަރަކަށް 15 މިނެޓްގެ ވަގުތު ދޭ ގޮތަށް ކޮމެޓީން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީގެ މިއަދުގެ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވަނީ އެހެން އަހަރުތަކުގައި ވެސް ބަޖެޓަށް ބަހުސް ކުރަން ދިން 15 މިނެޓްގެ ވަގުތު މި އަހަރުގެ ބަހުސްގެ ފުރަތަމަ މަރުހަލާގައި ވެސް ކޮންމެ މެމްބަރަކަށް ދިނުމަށް މިއަދު ހުށަހަޅުއްވާފަ އެވެ. އަދި މެމްބަރުންގެ ބަހުސަށްފަހު ބަޖެޓް ކޮމެޓީއަށް ފޮނުވުމަށް ފަހު ކޮމެޓީން ހުށަހަޅާ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް ވެސް ހަތް މިނެޓުގެ ވަގުތު ދިނުމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ.

އާމިރުގެ މި ހުށަހެޅުމަށް ގުރައިދޫ ދާއިރާގެ މެމްބަރު ހުސެން މަނިކު ދޮން މަނިކާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީންވަނީ ތާއީދު ކުރައްވާފަ އެވެ. އެ ތާއީދާއެކު އާންމު ކޮމެޓީން މިގޮތަށް ފާސްކުރީ ކޮމެޓީ ޖަލްސާގައި މިއަދު ބައިވެރިވެ ވަޑައިގެންނެވި ހަތް މެމްބަރުންގެ ތެރެއިން ހަ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއް ވެސް ކޮޅަކަށް ވޯޓް ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި މި އަހަރު ހުށަހަޅާފައިވަނީ 26 ބިލިއަން ރުފިޔާ އެވެ. މިއީ މިއަހަރަށްވުރެ ބިލިއަނެއްގާ ރުފިޔާ ކުޑަ ބަޖެޓެކެވެ. ބަޖެޓުގެ ގޮތުގައި 26 ބިލިއަން ކަނޑައަޅާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ މިިދިޔަ ހޯމަ ދުވަހު އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ބަޖެޓް ހުށަހަޅާ ވަގުތުން ފެށިގެން ބަޖެޓާ މެދު ބަހުސްކޮށް، ބަޖެޓް ދިރާސާ ކުރާ ކޮމިޓީއެއް އެކުލަވާލައި ބަޖެޓް ކޮމިޓީއަށް ފޮނުވަން ޖެހެ އެވެ. ނަމަވެސް ބަޖެޓާމެދު ބަހުސް ކުރަން މަޖިލީހުގެ ޖަލްސާއެއް އެޖެންޑާކޮށްފައެއް ނުވެ އެވެ.