ބޮލީވުޑް

"ޕާޓްނާ" ގެ ދެވަނަ ބަޔާއެކު ސަލްމާނާ ގޯވިންދާ އެނބުރި އަންނަނީ؟

Nov 7, 2016

ސުޕަސްޓާ ސަލްމާން ޚާން އާއި މަޝްހޫރު އެކްޓަރު ގޯވިންދާ އެކުގައި ފެނިގެންދިޔަ ކޮމެޑީ ފިލްމު "ޕާޓްނާ" އަކީ ގިނަބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ލިބގެން ދިޔަ ފިލްމެކެވެ.

ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާ ކޮމެޑީ މިފިލްމު ރިލީޒްކުރިތާ ނުވަ އަހަރު ފާއިތުވެގެން ގޮސްފައިވާ މިފިލްމުގެ ދެވަނަ ބައެއް އުފައްދަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

ޑައިރެކްޓަރު ޑޭވިޑް ދަވަން އުފެއްދި "ޕާޓްނާ" އަކީ ހޮލީވުޑް ފިލްމު "ހިޗް" ގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ.

"ޕާޓްނާ 2" އުފައްދަން އުޅޭ ކަމުގެ އަޑުތަކެއް އަރާފައިވާއިރު މިފިލްމުގެ ވެސް ލީޑްރޯލުން ފެނިގެންދާނެ ކަމަށްވަނީ ސަލްމާން އާއި ގޯވިންދާ އެވެ.

ބުނެވޭ ގޮތުގައި މިސިލްސިލާގެ ދެވަނަ ބައި މަޝްހޫރު ޑައިރެކްޓަރު ޑުއޯ ސާޖިދު-ފަރްހާދް ޑައިރެކްޓްކުރާ ގޮތަށް ހަމަޖެހިފައިވާއިރު ފުރަތަމަ ބައި ޑައިރެކްޓްކުރި ޑޭވިޑް މިހާރު ބިޒީކޮށް އުޅެނީ ދަރިފުޅު ވަރުން ދަވަން ލީޑްރޯލުން ފެނިގެންދާ "ޖުޅްވާ 2" އުފެއްދުމުގެ މަސައްކަތުގަ އެވެ.

މިފިލްމު ކުޅެން ސަލްމާން އާއި ގޯވިންދާ އަދި ސޮއިކުރިކަން އަދި ޔަގީންނުވާއިރު ދެވަނަ ބައިގައި ސަލްމާން ފެނިގެންދާނެ ކަމަށްވަނީ ހާއްސަ މަންޒަރެއްގަ އެވެ. ވަރަށް އަވަހަށް މިފިލްމު އުފައްދަން ފަށާނެ ކަމަށްވާއިރު ސާޖިދް-ފަރްހާދް މިހާތަނަށް އުފައްދާފައިވާ ކޮމެޑީ ފިލްމުތަކުގައި ލީޑްއެކްޓަރެއްގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ އަކްޝޭ ކުމާރެވެ.

"ޕާޓްނާ" ގައި ސަލްމާން އާއި ގޯވިންދާ އާއެކު ބަތަލާގެ ރޯލުން ފެނިގެން ގޮސްފައިވަނީ ކެޓްރީނާ ކައިފް އާއި ލާރާ ދައްތާ އެވެ.