އެމރިކާގެ ހާރިޖީ ވަޒީރު ކަމުގައި ހުންނެވިިއިރު ރަސްމީ ބޭނުންތަކަށް އަމިއްލަ މެއިލް ބޭނުން ކުރައްވާފައިވާ މައްސަލައާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ހިލަރީ ކްލިންޓަންގެ މައްޗަށް ދައުވާ ކުރެވޭނެ ގޮތެއް ނެތް ކަމަށް އެމެރިކާގެ ތަހްގީގީ އިދާރާ (އެފްބީއައި) އިން އަނެއްކާ ވެސް ބުނެފި އެވެ.
ހިލަރީގެ މައްސަލަ ތަހްގީގް ކުރުމާ ހަވާލުވެ ހުރި އެފްބީއައި އެޖެންޓް ޖޭމްސް ކޮމީ ވިދާޅުވީ "އީމެއިލްތައް އިތުރަށް ބެލުމަށްފަހު ހިލަރީގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ ހަމައެއް ނެތް" ކަމަށެވެ.
މިއަހަރު ޖުލައި މަހުވެސް އެފްބީއައިއިން ބުނެފައިވަނީ އެ މައްސަލައިގައި ހިލަރީގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށެވެ.
މިދިޔަ މަހުގެ ފަހު ކޮޅު ކޮމީ ވަނީ އިންތިހާބާ ދިމާކޮށް ހިލަރީގެ މައްސަލަ އަލުން ހުޅުވާފަ އެވެ. އެކަމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އެފްބީއައި އަށް ފާޑު ކިޔުންތައް ވެސް އަމާޒުވި އެވެ.
ޑިމޮކްރެޓިކް ޕާޓީން ތުހުމަތު ކުރީ ކޮމީ، އިންތިހާބާ ދިމާކޮށް ބޮމެއް ވައްޓާލީ ކަމަށެވެ. އަދި ބޭނުމަކީ ހިލަރީގެ ތާއީދު ދަށަށް ވައްޓާލުން ކަމަށް ޑިމޮކްރެޓިކް ޕާޓީން ވަނީ ތުހުމަތުކޮށްފަ އެވެ. އެކަމުގެ ސަބަބުން ހިލަރީގެ ތާއީދު ދަށަށް ދިޔަކަމަށްވެސް ހިޔާލު ހޯދުމުގެ ވޯޓްތަކުން ދެއްކި އެވެ. އެފްބީއައިގެ ނިންމުމާ އެކު ހިލަރީގެ ތާއީދު އިތުރަށް ބޮޑުވާނެ ކަމަށް މި ވަނީ ބެލެވެން ފަށައިފަ އެވެ.