ލައިފްސްޓައިލް

ބްލީޗް ކުރާއިރު ވިސްނަންވީ މުހިންމު ކަންކަން ހުރޭ!

Nov 8, 2016

ގައިގެ ހަން ބްލީޗް ކުރުން މިއީ އަންހެނުން ރީތިވުމަށް އެންމެ އާންމުކޮށް ކުރާ އެއް ކަންތަކެވެ. ގައިގެ ހަން ބްލީޗް ކުރާ ތަފާތު އެކި ވައްތަރުގެ ޕްރޮޑަކްޓްސްތައް ބާޒާރުން ލިބެން ހުރިއިރު، ބޭނުންކުރާ ޕްރޮޑަކްޓަކީ ހަމާ ގުޅޭ ޕްރޮޑަކްޓެއްތޯ ބެލުން ވަރަށް މުހިންމެވެ. އަދި ބްލީޗް ކުރާއިރު، ކޮށްގެން ނުވާނެ ކަންތައްތަކާ ދޭތެރޭ ވެސް ވިސްނަން ޖެހެއެވެ.

ބްލީޗް ކުރުމުގެ ކުރިން

އަބަދުވެސް ބްލީޗް ކުރަން ވާނީ މަދުވެގެން އެއް މަސް ފަހުންނެވެ. މާ ކައިރި ކައިރި ބްލީޗް ކުރުމަކީ އެއިން ވާ ފައިދާ އަށްވުރެ ބޮޑަށް ހަންގަނޑަށް ގެއްލުން ވެދާނެ ކަމެކެވެ. ބްލީޗް ކުރަން ފެށުމުގެ ކުރިން ރީތި ފެންފޮދަކުން މޫނު ރަނގަޅަށް ދޮވެލާ މޫނު ހިއްކާލާށެވެ. އަދި މޫނުގައި ބްލީޗް އުނގުޅުމުގެ ކުރިން އެއްވެސް އެލާޖީއެއްވޭތޯ ބެލުމަށް އުޅަނބޮށީގައި ކުޑަ ބްލީޗް ކޮޅެއް އުނގުޅާލާށެވެ. އަދި އެއްވެސް ކަހަލަ ގޮތަކަށް ހަންގަނޑު ހިރުވައި ދުޅަވެ ރަތްވާނަމަ ބްލީޗް ނުކުރާށެވެ.

ހޫނުފެނުން ފެންވެރުމަށްފަހު ބްލީޗް ނުކުރާށެވެ. ސަބަބަކީ އެވަގުތު ހަންގަނޑުގެ ޕޯސްތައް ހުޅުވި ހަންގަނޑު ނާޒުކުވާނެތީ އެެވެ. ބްލީޗް ކުރުމަށްފަހު 5 ނުވަތަ 6 ގަޑިއިރު ވަންދެން މޫނުގައި އެއްވެސް އެއްޗެއް އުނގުޅައިގެން ނުވާނެ އެވެ. އެހެންކަމުން އަބަދުވެސް ބްލީޗް ކުރަން އެންމެ ރަނގަޅީ ހަވީރު ނުވަތަ ރޭގަނޑެވެ. ސަބަބަކީ ބްލީޗް ކުރުމަށްފަހު 24 ގަޑިއިރު ނުވަނީސް އަތްވަށް ނުކުތުމަކީ ހަންގަނޑަށް ގެއްލުން ހުރި ކަމަކަށްވާތީ އެވެ.

މިކްސް ކުރަން އިރުޝާދު ދީފައިވާ ރޭޝިއޯ އަށް ވުރެ އިތުރަށް އަދި މަދުން ވެސް ޕައުޑާ މިކްސް ކޮށްގެން ނުވާނެ އެވެ. އެހެންވެއްޖެނަމަ ބްލީޗްގެ ސަބަބުން ހަންގަނޑަށް ގެއްލުން ލިބިދާނެ އެވެ. އަދި މިކްސް ކުރި ބައި ބާކިވެއްޖެނަމަ ފަހުން އުނގުޅަން ނުބަހައްޓާށެވެ.

މޫނުގައި ނުވަތަ ގައިގެ އެއްވެސް ތަނެއް ބްލީޗް ކުރާނަމަ 15 މިނިޓަށްވުރެ އިތުރަށް ބްލީޗް އުނގުޅާފައި ނުބަހައްޓާށެވެ. ލޯކައިރި ބުމަ އަދި ނޭފަތް އެތެރެއަށްވާގޮތަށް ބްލީޗް ނުކުރާށެވެ. އަދި ވެކްސް ކުރުމަށްފަހު ވެސް ބްލީޗް ނުކުރާށެވެ. ބަނޑުބޮޑުވެފައި ހުންނައިރު ނުވަތަ ދަރިފުޅަށް ގާތުންދޭ ނަމަވެސް ހަންގަނޑު ބްލީޗް ކުރުމާއި ދުރުވާށެވެ.

ހަންގަނޑު ބްލީޗް ކުރުމަށް ބޭނުންކުރާ ޕްރޮޑްކްޓްސް ތަކުގައި ހުންނަ ހައިޑްރޮޖެން ޕްރޮކްސް ސައިޑުން ހަންގަނޑުގައި ހުންނަ ޕޯސްތައް ސާފުކޮށްދިން ނަމަވެސް އިސްތަށިފެޅުން ބައެއް ފަހަރަށް އިތުރުވެސް ކޮށްދެ އެވެ. މިހެންވެއްޖެނަމަ ބްލީޗް ކުރުން މަދުކޮށްލާށެވެ. ބްލީޗްކޮށް ނިމިގެން އަބަދުވެސް މޮއިސްޗަރައިޒް އެއް ބޭނުން ކުރަން ހަނދާންކުރަންވާނެ އެވެ. މޮއިސްޗަރައިޒާއެއްގެ ގޮތުގައި ބޭނުން ކުރަން އެންމެ ރަނގަޅީ ކާށިތެލެވެ.