ރައްޔިތުންގެ މަޖިލިސް

ބަޖެޓް ބަހުސް އަންނަ ހޯމަ ދުވަހަށް ފަސްކޮށްފި

އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުން އަންނަ ހޯމަ ދުވަހުގެ ޖަލްސާގައި ކުރިޔަށް ގެންދާ ގޮތަށް މަޖިލީހުން ފަސް ކޮށްފި އެވެ. ރައްޔިތުން މަޖިލީހުގެ ގަވާއިދަށް ކުރިން ގެނައި އިސްލާހާއި އެކު ބަޖެޓު ހުށަހަޅާ ދުވަހު ބަޖެޓްގެ ބަހުސް ފަށަން ޖެހެ އެވެ.

ނަމަވެސް މިއަދު ބޭއްވި ޖަލްސާގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު، އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ހުށަހެޅުމަށް ފަހު ރިޔާސަތުން އެންގީ ބަޖެޓަށް ބަހުސް ކުރަން ފަސް ކޮށްފައިވާ ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާގައި ބަޖެޓު ބަހުސް ބާއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މިއަދު ވިދާޅުވި އެވެ.

ބަޖެޓާ ގުޅިގެން އާންމު ކޮމެޓީގެ ޖަލްސާގައި ފާސްކޮށްފައިވަނީ ބަޖެޓަށް ބަހުސް ކުރާ އިރު ކޮންމެ މެންބަރަކަށް 15 މިނެޓްގެ ވަގުތު ދޭށެވެ. އެ ބަހުސަށް ފަހު ބަޖެޓް ދިރާސާ ކުރުމަށް ހާއްސަ ވަގުތީ ކޮމިޓީއެއް އެކުލަވާލައި ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތްތައް ކުރާނެ އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް މިއަދު ހުށަހަޅާފައި ވަނީ 26 ބިލިއަން ރުފިޔާގެ އަރަނި ބަޖެޓެކެވެ.