ބޮލީވުޑް

"އުޅްތާ ޕަންޖާބް" އިން އެވޯޑެއް ނުލިބިއްޖެނަމަ ދެރަވާނެ: އާލިއާ

Nov 9, 2016

މިއަހަރު ނިކުތް 'އުޅްތާ ޕަންޖާބް" ގައި ޒުވާން ބަތަލާ އާލިއާ ބަޓް ފެނިގެންދިޔަ ރޯލަކީ އެތައް ބައެއްގެ ތައުރީފު އޭނާ އަށް އޮހުނު ރޯލެކެވެ.

އިންޑިއާގެ ބިހާރު ސްޓޭޓުން ޕަންޖާބަށް ހިޖުރަކޮށް ދަތިހާލުގައި ދިރިއުޅެމުން ދަނިކޮށް ބަޔަކު އޭނާ ކިޑްނެޕްކޮށް ހަށިވިއްކުމުގެ ވިޔަފާރީގައި ބޭނުންކުރާ ޒުވާން އަންހެން ކުއްޖެއްގެ ރޯލުން އާލިއާ ފެނިގެންގޮސްފައިވާ މިފިލްމަކީ އޭނާގެ ކުރު ފިލްމީ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ އުނދަގޫ ރޯލެވެ.

އެތައް ބައެއްގެ ތައުރީފު އާލިއާގެ އެކްޓިން އަށް ލިބުނު މިފިލްމުން އޭނާ އަށް އެންމެ މޮޅު ބަތަލާގެ އެވޯޑް ނުލިބިއްޖެނަމަ ވަރަށް ދެރަވާނެ ކަމަށް އާލިއާ ވަނީ ބުނެފަ އެވެ.

ޑައިރެކްޓަރު ކަރަން ޖޯހަރު ހޯސްޓްކުރާ ސެލެބްރިޓީ ޗެޓް ޝޯ "ކޮފީ ވިތް ކަރަން" ގެ ފަސް ވަނަ ސީޒަންގެ މެހެމާނެއްގެ ގޮތުގައި ސުޕަސްޓާ ޝާހްރުކް ޚާނާއެކު ބައިވެރިވެ ކަރަން އާލިއާ ކުރެން "އުޅްތާ ޕަންޖާބް" އިން އޭނާ އަށް މޮޅު ބަތަލާގެ އެވޯޑް ނުލިބިއްޖެނަމަ ދެރަވާނެތޯ އެހުމުން ވަނީ "ވަރަށް ދެރަވާނެ" ކަމަށް ބުނެފަ އެވެ.

އެފިލްމުގައި ހިޖުރަކުރާ މަސައްކަތު މީހެއްގެ ރޯލު އާލިއާ ވަނީ އޭނާގެ ހަށިގަނޑަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ. އަދި މުޅި ފިލްމުގައި އޭނާ ފެނިގެން ގޮސްފައިވަނީ އެހެން ފިލްމުތަކުގައި ފެނިގެން ގޮސްފައިނުވާ ގޮތަށް، އެއްވެސް މޭކަޕަކާއި ރީތި ހެދުމެއް ނުލަ އެވެ.

އަބީޝެކް ޗޮއުބޭ ޑައިރެކްޓްކޮށްފައިވާ "އުޅްތާ ޕަންޖާބް" އަކީ ޕާންޖާބު ސްޓޭޓްގައި މަސްތުވާ އެއްޗިސަށް ޒުވާނުން ދެވި ހިފާފަައިވާ މިންވަރާއި މަސްތުވާތަކެތީގެ ވަބާގައި ޖެހި މުޅި މުޖުތަމައު ހަލާކުވެފައިވާ މިންވަރު ދައްކުވައިދޭ ފިލްމެކެވެ.

އާލިއާގެ ދެން އެންމެ އަވަހަށް ރިލީޒްވާ ފިލްމަކީ މިމަހުގެ ފަހުކޮޅި ރިލީޒްވާ "ޑިއާ ޒިންދަގީ" އެވެ. މިފިލްމުގެ މުހިންމު ރޯލަކުން ޝާހްރުކް ވެސް ފެނިގެންދާނެ އެވެ.