ލައިފްސްޓައިލް

ކޮފީގެ ރަހަ މިފަހަރު މޫނާއި ގައިގެ ހަމަށް!

ބައެއް މީހުންނަކީ ކޮފީ އެއް ބޯނުލައި ހެނދުނުގެ މަސައްކަތް ފަށައިނުގަނެވޭ މީހުންނެވެ. އަނެއް ބައި މީހުންނަކީ ކޮފީ އެއް ނުބޮއި ދުވަސް ނިންމާނުލެވޭ ވަރަށް ކޮފީއަށް ހިތްކިޔާފައި ތިބި މީހުންނެވެ. ނަމަވެސް ކޮފީ އަކީ ހަމައެކަނި މީހާގެ ސިކުނޑި ހޭލެއްވުމަށް އެކަނި ބޭނުން ކުރެވޭ އެއްޗެއް ނޫނެވެ. މޫނުގެ ހަން އުޖާލާކޮށް ގައިގައި މަރުވެފައި ހުންނަ ހަންތައް ސާފުކޮށްލުމަށް ވެސް ކޮފީ އަކީ ހަމަ އެއްވަނަ އެވެ.

ކޮފީ ބޮޑީ ސްކްރަބް

މިއީ ގައިގަ މަރުވެފައި ހުންނަ ހަން ސާފުކޮށް އޮމާން ކުރުމުގެ އިތުރުން ގައިގައި ނަގާ ބިއްސަށް ވެސް ވަރަށް ރަނގަޅު ސްކްރަބް އެކެވެ. މި ސްކްރަބް ތައްޔާރު ކުރާނެ ގޮތަކީ ކުޑަ ހުސް ޖަގެއްގެ ތެރެއަށް އެއް ޖޯޑް ކޮފީ އާއި ހަ ސަމްސާ ކާށިތެޔޮ އަޅާށެވެ. އަދި ސީ ސޯލްޓް ނުވަތަ ހަކުރު އެޅުމަށްފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ. ތައްޔާރުކޮށްފައި ހުރި ސްކްރަބް ގައިގަ އުނގުޅަން ބޮޑީ ސްކްރަބް ބުރުހެއް ވެސް ބޭނުން ކުރެވިދާނެ އެވެ.

މި ސްކްރަބް ގަވައިދުން ކުރާނަމަ ގައިގެހަމުގައި ރޫޖެހުމުން ދުރުކޮށްދީ ގައިގެ ހަން ވާންކޮށް އޮމާންކަން މަތީ ބެހެއްޓުމަށް އެހީވެދެ އެވެ.

ކޮފީ ފޭސް ސްކްރަބް

މި ސްކްރަބް ބޭނުން ކުރުމުން މޫނުމަތީގައި މަރުވެފައި ހުންނަ ހަންތައް ސާފުކޮށްދީ ވާންކޮށްދިނުމުގެ އިތުރުން މޫނު އުޖާލާ ކަމަށް ދައްކަ އެވެ. މި ސްކްރަބް ތައްޔާރު ކުރާނެ ގޮތަކީ ތިން ސަމްސާ ކޮފީގެ ތެރެއަށް އެއް ސަމްސާ ބްރައުން ޝުގަރ އަދި އެއް ސަމްސާ އޮލިވް އޮއިލް އަޅާށެވެ. ބޭނުންނަމަ ކާށި ތެޔޮ އަލްމަންޑް އޮއިލް ބޭނުން ކުރެވިދާނެ އެވެ. މި ސްކްރަބް ތައްޔާރު ކުރާއިރު، ތެޔޮ އަޅަން ވާނީ ކޮފީ އާއި ބްރައުން ޝުގަރ ރަނގަޅަށް މިކްސް ކުރުމަށްފަހު އެވެ. އަދި މޫނުގައި ސާކިއުލާ މޯޝަންއަށްވާ ގޮތަށް މަޑުމަޑުން ސްކްރަބް ކޮށްލާށެވެ.

ކޮފީ އަދި މާމުއި ފޭސް ޕެކް

މޫނުމަތި އުޖާލާކޮށް އަލިކުރުމުގެ އިތުރުން ހަމުގެ ތެރޭގައި ހުންނަ ވިހަ މާއްދާތައް ސާފުކޮށްލުމަށް ވެސް މިއީ ވަރަށް ރަނގަޅު މާސްކެކެވެ. މި މާސްކް ތައްޔާރު ކުރާނެ ގޮތަކީ ދެ ސަމްސާ ކޮފީގެ ތެރެއަށް ދެ ސަމްސާ ކޮކޯ ޕައުޑަރ އަދި އެއްސަމްސާ މާމުއި އަޅާށެވެ. އަދި ތިން ސަމްސާ ކިރު އަޅާށެވެ. ކިރުގެ ބަދަލުގައި ޕްލެއިން ޔޯގަޓްވެސް ބޭނުން ކުރެވިދާނެ އެވެ. ހުރިހާ އެއްޗެއް ރަނގަޅަށް މިކްސް ކޮށްލުމަށްފަހު 15 މިނެޓް ވަންދެން މޫނުގައި އެޅުމަށްފަހު ރީތި ފެންފޮދަކުން މޫނު ދޮވެލާށެވެ.