ވިޔަފާރި

ކުރީގެ ޗެކު ފޮތްތައް ބޭނުން ކުރުން ބީއެމްއެލް އިން ހުއްޓާލަނީ

Nov 9, 2016

ޗެކް ކްލިއަރިންގެ މަސައްކަތް އޮޓޮމޭޓް ކުރުމަށް މަރުކަޒީ ބޭންކުން ނިންމުމާ ގުޅިގެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2013 ގެ ކުރީގެ ޗެކު ފޮތްތައް ބޭނުން މިމަހުގެ 15 ވަނަ ދުވަހުގެ ފަހުން ބޭނުން ކުރުން ހުއްޓާލަން ނިންމައިފި އެވެ.

ބީއެމްއެލް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ ޗެކު ދޫކުރުމާއި ލިޔުމުގައި މިހާރު އަމަލުކުރަމުންދާ ބައެއް އުސޫލުތަކަށް ބަދަލު ގެނެވިފައިވާ ކަމަށާއި، މި ބަދަލުތައް ގެނެވިފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޗެކް ކްލިއަރިންގެ މަސައްކަތް އޮޓޮމޭޓް ކުރުމަށް ހަމަޖެހިފައިވުމާއެކު އެކަމަށް ބޭނުންވާ މިންގަނޑުތަކަށް އަމަލުކުރުމުގެ ގޮތުން ކަމަށެވެ.

ގައުމީ ބޭންކުން ބުނީ 2013 ކުރީގެ ޗެކްފޮތްތައް ބޭނުން ކުރުން ހުއްޓާލާތީ، ކުރީގެ ޗެކު ފޮތްތައް ގެންގުޅުއްވާ އެއްވެސް ފަރާތެއްވާނަމަ ޗެކު ފޮތް އާ ކުރެއްވުމަށް ބޭންކުން އެދޭ ކަމަށެވެ.

ޗެކް ފޮތްތައް ބަދަލު ކުރަން މަރުކަޒީ ބޭންކުން ނިންމީ، ޗެކު ފޮތްތަކުގެ ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށް، ޗެކް ކްލިއަރެންސްގެ މަސައްކަތް ހަލުވި ކުރުމުގެ ގޮތުންނެވެ. މި ބަދަލާއެކު ޗެކު ޕްރޮސެސް ކުރުން އޮޓޮމޭޓް ކުރުމުގެ ގޮތުން މެގްނެޓިކް އިންކް ކެރެކްޓަރ ރިކޮގްނިޝަން (މައިކާ) ޕްރިންޓް ބޭންޑެއް ހިމަނާފައިވެ އެވެ.

މި ބަދަލާއެކު، ޗެކު ލިޔުމާއި ގެންގުޅުމުގައި ކަސްޓަމަރުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި މައިކަރ ޕްރިންޓް ބޭންޑް މައްޗަށް ނާރާ ގޮތަށް ޗެކުގައި ލިޔުމާއި ސޮއި ކުރުން އަދި ތައްގަނޑު ޖެހުން ހިމެނެއެވެ. އަދި ޗެކު ފަތް ނުޖެހުމަށާއި ޗެކަށް ހީރަސް ނުޖެހުން ހިމެނެ އެވެ. މި ފިޔަވަޅުތަކަކީ ޗެކު ކްލިއަރިން އޮޓޮމޭޓް ކުރުމާ ވިދިގެން ބޭނުންކުރެ ވޭނީ ޗެކުގެ ޑިޖިޓަލް އިމޭޖްކަމަށްވުމާއެކު ޗެކުގެ ސައްހަކަން ދެނެގަތުމަށްޓަކައި މުހިއްމު ކަންތައްތަކެވެ.