ލައިފްސްޓައިލް

މިއަދު މާ ބޮޑަށް ހެދިކާ ކާހިތްވަނީތަ؟

Nov 12, 2016

ރޭ ރަނގަޅަށް ނުނިދެނީ ހެއްޔެވެ؟ އެހެން ވެއްޖެނަމަ މިއަދު މާ ގިނައިން ކާހިތްވުމަކީ އެކަށީގެންވާ ކަމެކެވެ.

މިއީ ޔޫރަޕިއަން ޖާނަލް އޮފް ކްލިނިކްސް އިން 172 މީހުން ހިމަނައިގެން ހެދި ނިދުމުގެ ދިރާސާއިން ލިބުނު ނަތީޖާ އެވެ. އެ ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ، ރޭގަނޑު ތިން ހަތަރު ގަޑި އިރަށް ނިދުމަށް އާދަވެފައިވާ މީހުންނާއި، މުޅި ރޭ އަރާމުކޮށް ނިދާ މީހުން އެނަލައިޒް ކުރުމަށްފަހު އެ ދެ ގްރޫޕް މީހުންނަށް ނިދުމުގެ ފަހުން އަންނަ ބަދަލުތައް ބަލައިގެންނެވެ.

އެ ދިރާސާގައި ބައިވެރިކުރި މީހުންނަށް ވަނީ ރޭގަނޑުގެ ނިންޖަށް ފަހު ހެނދުނުގެ ނާސްތާ ނެގުމުގެ އިންތިޒާމާއި ބޭނުންވާ ގަޑިއެއްގައި ކާއެއްޗިހި އޯޑަރު ކުރުމުގެ އިންތިޒާމްތައް ހަމަޖައްސައިދީފަ އެވެ. އެ ފުރުސަތު އެގޮތަށް ދިނީ، އެމީހުން ކެލޮރީ ހިމެނޭ ކާނާއާ ހަކަތަ، ނުވަތަ ކާބޯހައިޑްރޭޓް ހިމެނޭ ކާނާ ކާ މިންވަރު ޓްރެކް ކުރުމަށެވެ.

މި ދިރާސާއިން، އެނގުނީ، ރޭގަނޑު މަދު ވަގުތުތަކަކަށް ނިދި މީހުން އެއާ ޖެހިގެން އައި ދުވަހު، އާދަޔާ ހިލާފަށް ކެލޮރީ ހިމެނޭ ކާނާ ބޭނުން ކޮށްފައިވާ ކަމެވެ. އަދި ރޭގަނޑު ފުރިހަމަޔަށް ނިދި މީހުންނަށްވުރެ ގިނައިން ކަޕްކޭކާއި ޗިޕްސް ފަދަ ފެޓްސް ހިމެނޭ ކާނާ ވެސް އެމީހުން ބޭނުން ކޮށްފައިވެ އެވެ. އަދި ޕްރޮޓީން ހިމެނޭ ކާނާ އެމީހުން ބޭނުންކުރިލެއް އެނޫން މީހުންނަށް ވުރެ މަދެވެ.

އެ ޓީމުން ފާހަގަކޮށްފައިވަނީ، ނިދި ހަލާކުވުމަކީ ބަނޑުހައިވުމަށް މަގުފަހިކުރުވާ ހޯމޯނަށް އަސަރުކުރާ ކަމެއްގެ ގޮތުގަ އެވެ.

މަދު މީހުން ހިމަނައިގެން ކުރި އެ ދިރާސާގެ ނަތީޖާ އެގޮތަށް ދެއްކުމާ ގުޅިގެން ލަންޑަންގެ ކިންގްސް ކޮލެޖްގެ ސީނިއާ ލިޔުންތެރިޔާ ޖެރެޑް ކޭ ޕޮޓް ވިދާޅުވެފައިވަނީ، އެކަށީގެންވާ ވަރަށް ނިދި ނުލިބުމަކީ ފަލަވުމަށް މެދުވެރިވާ ކަމެއްތޯ ބެލުން ކޮންމެހެން މުހިއްމު ކަމަށެވެ. މާ ބޮޑަށް ފަލަވުމުގެ މައްސަލައަކީ ވަރަށް ގިނަ ގައުމުތަކަށް ދިމާވެފައިވާ މައްސަލައަކަށް ވުމުން، އެ ދިރާސާގެ އެއަށްވުރެ ފުޅާ ދާއިރާއެއްގައި ހިންގުން މުހިއްމު ކަމަށެވެ.