ހަބަރު

އެހެން ހެލްތު އިންޝްއަރެންސެއް ލިބޭ ނަމަ އާސަންދަ ކަނޑާލަނީ

އެހެން ހެލްތު އިންޝުއަރެންސް ސްކީމެއްގައި ބައިވެރިވެފައިވާ ފަރާތްތަކަށް އަންނަ އަހަރުގެ ތެރޭގައި އާސަންދައިގެ ހިދުމަތް ކަނޑާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް ކައުންސިލްގެ ޗެއާ އަދި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު މިއަދުގެ ބަޖެޓް ކޮމިޓީގައި ވިދާޅުވެއްޖެ އެވެ.

އާސަންދަ ސްކީމް ހިންގާ އެންސްޕާ އަށް މިއަހަރު ދިން ބަޖެޓަށް ވުރެ، އަންނަ އަހަރަށް ކަނޑައެޅި ބަޖެޓް ކުޑަވެފައިވާތީ ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޒުހޫރު ވިދާޅުވީ އެ ބަދަލު އައިސްފައި ވަނީ އާސަންދައަށް ކުރެވޭ ހަރަދުތަކަށް ބަދަލު ގެންނަން ވިސްނައިގެން ކަމަށާއި އެ ހަރަދުތައް ރީސްޓްރަކްޗާ ކުރުމަށް މަސައްކަތް ކުރަމުން އަންނާތީ ކަމަށެވެ.

ޒުހޫރު ވިދާޅުވީ، ދިވެހި އައިޑީކާޑް އޮންނަ ކޮންމެ ފަރާތަކަށް އާސަންދަ ލިބޭ ގޮތަށް ހަމަޖައްސާފައި ވާތީ، އެހެން ހެލްތް އިންޝްއަރެންސްތައް ބޭނުން ކުރާ ފަރާތްތަކަށް ވެސް އާސަންދަ ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން އެހެން ހެލްތް އިންޝުއަރަންސް ސްކީމެއްގައި އުޅޭ ނަމަ އާސަންދަ އިން ހަރަދު ނުކުރާ ގޮތަށް ކެޓަގަރައިޒް ކޮށްގެން އެ ސްކީމްގެ ހަރަދުތައް ހަމަޖެއްސުމަށް ވިސްނާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު އާސަންދަ ބޭނުން ކުރަމުން މިދަނީ ރާއްޖޭގެ ކޮންމެ އައިޑީކާޑެއް ގެންގުޅުއްވާ ބޭފުޅަކަށް. ނަމަވެސް ގިނަ ކުންފުނިތަކަކީ އެބޭފުޅުންގެ މުއައްޒިފުންވެސް ވަކި އިންޝޫރަންސް ސްކީމެއްގައި ބައިވެރިކޮށްފައި މި ހުންނަނީ. ނަަމަވެސް އެ އިންޝޫރަންސް ކާޑު މި އޮންނާނީ ގޭގައި. އޭގެ މަތިން ހަނދާނެއްވެސް ނެތް. އެންމެން ބޭނުން ކުރަނީ އައިޑީކާޑު. އެހެންވެ އައިޑީކާޑު ބޭނުންް ކުރާ ބޭނުން ކުރުން އަޅުގަނޑުމެން މި ކެޓަގަރައިޒް ކުރުމަށް މަސައްކަތް މި ކުރަނީ. އެއީ އިންޝުއަރެންސް ސްކީމްގައި އުޅުއްވާ ބޭފުޅުން އެ ސީމަކުން ހަރަދު ކުރުމަށް. އޭރުން ޑައިރެކްޓު ބަޖެޓަށް އެ ހަރަދު ނާންނާނެ،" ޒުހޫރު ވިދާޅުވި އެވެ.

ޒުހޫރު އިތުރަށް ވިދާޅުވީ އާސަންދައިން ކުރާ ހަރަދުތަކަށް އާ ބަދަލެއް ގެނައި ނަމަވެސް އާސަންދަ ބޭނުންވާ އެއްވެސް ފަރާތްތަކަށް އެ ހިދުމަތް ނުލިބި ނުހުންނާނެ ކަމަށެވެ. އަދި މިހާރު ވެސް ލިބޭ ގޮތަށް ހުސްނުވާ އާސަންދަ ހައްގުވާ ފަރާތްތަކަށް ލިބޭނެ ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.

އާސަންދަ ހިދުމަތް ދެމުން އަންނަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖަންސީއަށް މިއަހަރު ކަނޑައަޅާފައި ވަނީ 1.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި އާސަންދައަށް ވަނީ 731.4 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ. އެއީ 598.6 މިލިއަން ރުފިޔާ މަދު އަދަދެކެވެ.