ހަބަރު

އޮބްޒާވަރުންނާއި މޮނީޓަރުންނަށްވާން ހުޅުވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ބޭނުންވާ މޮނިޓަރުންނާއި އޮބްޒާވަރުންނަށްވާން މިއަދުން ފެށިގެން އިލެކްޝަން ކޮމިޝަން (އީސީ އިން ފުރުސަތު ހުޅުވާލައިފި އެވެ.

ކޮންމެ އިންތިހާބަކާ ދިމާކޮށް، އިންތިހާބުގެ ވޯޓުލުން އޮބްޒާވްކޮށް ކުރިއަށްދާ ގޮތް މޮނިޓާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އީސީން އެފުރުސަތު ހުޅުވައިލާއިރު، އެ ކޮމިޝަނުން މިއަދު ކުރެއްވި އިއުލާނެއްގައި ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ނެގުމާއި އޮބްޒާޒްކޮށް މޮނިޓާ ކުރަން ޝައުގުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން މިމަހު 24 އާ ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އޮބްޒާވް ކުރުމަށް ހުއްދަ ދެވޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގައި ފިޔަވާ މަދަނީ ޖަމިއްޔާއަކުން ނުވަތަ އަމިއްލަ ގޮތުން ހުށަހަޅާ ފަރާތެއް ނަމަ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައި ނުވާ މީހަކަށް ވާންޖެހެ އެވެ. އަދި އެ މީހަކީ ކައުންސިލް އިންތިހާބަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހަކަށްވުމާއި ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއް ކަމަށް ވެގެން ނުވާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އަދި މޮނިޓާ ކުރުމުގެ ހުއްދައަށް އެދެވޭނީ ޓީވީއާ، ރޭޑިއޯ ނުވަތަ ރަޖިސްޓްރީކޮށްފައިވާ ނޫހެއްގައި މަސައްކަތް ކުރާ މީހެއްކަން އީސީއަށް ކަށަވަރުވެފައިވުމާއި ނުވަތަ ބައިނަލްއަގުވާމީ މީޑިއާއެއްގައި މަސައްކަތް ކުރާ މީހެއްކަން އީސީއަށް ކަށަވަރުވެފައިވާ މީހަކަށް ވުމެވެ.

އީސީއިން އިތުރަށް ބުނެފައި ވަނީ ވޯޓު ނެގުން މޮނިޓާކޮށް އޮބްޒާވް ކުރާ ފަރާތްތަކަށް ފާސް ދޫކުރާނީ ވޯޓު ފޮށީގެ އަދަދަށް ވުރެއް 10 ޕަސަންޓު އިތުރު ނުވާ ގޮތަަށް ކަމަށާއި އެ ކާޑު ގެއްލިއްޖެ ނަމަ އަނބުރާ ލިބޭނީ 95 ރުފިޔާގެ ޖޫރިމާނާއެއް ކުރުމަށް ފަހުގައި ކަމަށެވެ.