ހަބަރު

މިނިވަން މުވައްސަސާތަކުގެ ބަޖެޓު ބޮޑުކުރަން ސަރުކާރު މެންބަރުން ދެކޮޅު

  • މުއައްސަސާތަކުގެ ޕްރޮޑަކްޓިވިޓީއާ މެދު ސުވާލުތަކެއް
  • އިދިކޮޅު މެންބަރުން އެކަމާ އެއްބަހެއް ނުވޭ
  • ތިން މުއައްސަސާއެއްގެ ބަޖެޓް ބޮޑު

މިނިވަން މުއައްސަސާތަކަށް ކޮންމެ އަހަރަކު ކަނޑައަޅާ ބަޖެޓަކުން އެ މުއްސަސާއެއްގެ މައްސޫލިއްޔަތު އެކަށީގެންވާ ވަރަށް އަދާ ކުރޭތޯ ބަލަން ޖެހޭ ކަމަށާއި މިނިވަން މުއައްސަސާތަކުގެ ބަޖެޓު ވީހާވެސް ކުޑަ ކުރުމަށް ސަރުކާރު ތަމްސީލު ކުރާ ޕީޕީއެމްގެ މެންބަރުން ރައްޔިތުން މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި މިއަދު ގޮވާލައްވައިފި އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ރިކަރަންޓު ހަރަދުތައް ކުޑަ ކުރުމަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، ގިނަ މިނިވަން މުއައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓުވެސް ވަނީ މިދިޔަ އަހަރަށް ވުރެ މަދުކޮށްފަ އެވެ. އެކަމާ ގުޅިގެން ވާހަކަދެއްކެވި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ވިސްނުން ހުރީ އެ މިނިވަން މުއައްސަސާތަކަށް އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވޭނެ ބަޖެޓެއް ދިނުމަށެވެ. މިހާރު ހުރި އަދަދުތަކާ މެދު އެބޭފުޅުން ސުވާލު އުފައްދަވައިފަ އެވެ.

އެގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާތަކުން ދައުލަތުގެ ތިން ބާރު ވަކިވެފައި އޮންނަ އިރު މިނިވަން މުއައްސަސާތަކުގެ މަސައްކަތް އެހާ މުހިންމު އިރު، ކުޑަ ބަޖެޓެއް ދިނުމަކީ އެ މަސައްކަތައް ބޮޑު ހުރަހެއް އެޅިގެންދާނެ ކަމެއް ކަމަށެވެ. އަދި ހިއުމަން ރައިޓްސް ފަދަ ކޮމިޝަންތަކަށް ބަޖެޓާއި ވަސީލަތް މަދުވުމުން މިހާރުވެސް މަސައްކަތް ނުކުރެވޭ ކަމަށް ޝަކުވާތައް ކުރަމުން އަންނަ ކަމަށާއި އެހެންކަމުން އެ މުއައްސަސާތަކަށް ރަނގަޅު ބަޖެޓެއް ދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް އީވާ ވިދާޅުވި އެވެ.

އޭގެ އިތުރުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި ޖުޑިޝިއަލް ސާވިސްގެ ބަޖެޓުން ބޮޑު އަދަދެއް ކުޑަކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން ޝަރުއީ ދާއިރާއަށް ދިމާވެ ދަތިތައް ހޯދަން ޖެހޭ ކަމަށެވެ. އަދި ކޯޓުތަކަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވާ އިރު ފަނޑިޔާރުން ތަމްރީންކޮށް ޝަރުއީ ދާއިރާ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެކަން ކުރުމަށް އެކަށީގެންވާ ބަޖެޓެއް ބޭނުންވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ޖުޑިަޝަލް ސާވިސްގެ ބަޖެޓު ވަރަށް ބޮޑުތަން މިއޮތީ ކުޑަކޮށްފައި. އެތަންތަނަށް އެހާ ފާޑުކިޔުންތައް އަމާޒުވާ އިރު ޝަރުއީ ކޯޓުތައް ހަރުދަނާ ކުރަން ޖެހޭ. އެހެން ގައުމުތަކުގެ ހުކުމް ކުރާ ގޮތްތައް ބަލާ ފަނޑިޔާރުން ތަމްރީން ކުރަން ޖެހޭ. ކޯޓުތަކަށް ދޭ ބަޖެޓު މަދުވެއްޖެއާ އެއީ ދިމާވެދާނެ މައްސަލައެއް. ޝަރުއީ ކޯޓު ބެލުމަކީ މަޖިލީހުން ކުރަން ޖެހޭ ކަމެއް. ފާޑު ކިޔުމުގެ ބަދަލުމުގައި ފަނޑިޔާރުން ރަނގަޅު ކުރަންވެސް މަސައްކަތް ކުރަން ޖެހޭ،" ޝަރީފް ވިދާޅުވި އެވެ.

ނަމަވެސް އެކަމާ މެދު ޕީޕީއެމް މެންބަރުން ވިދާޅުވަނީ ކޮންމެ މުއައްސަސާއަކުން އެންމެ މަތީ ފެންވަރުގައި މަސައްކަތް ކުރުމަށް ދައުލަތުގައި އެހާ ކެޕޭސިޓީއެއް ނެތް ކަމަށެވެ. އަދި ރަށްތަކުގައި ތަރައްގީގެ މަޝްރޫއުތައް އިތުރު ކުރަން ބޭނުން ނަމަ ވީހާވެސް ހަރަދު ކުޑަ ކުރުމުގެ ވިސްނުމެއް ގެންގުޅެން ޖެހޭނެ ކަމަށް މެންބަރުން ވިދާޅުވި އެވެ. އެގޮތުން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ މިނިވަން މުއައްސަސާތަކުން ކުރަމުން އަންނަ މަސައްކަތްތައް ކައިރިން ބަލަން ޖެހޭ ކަމަށާއި އެކަށީގެންވާ ވަރަށް މައްސޫލިއްޔަތު އަދާ ކުރޭތޯ ބަލަން ޖެހޭ ކަމަށެވެ. އަދި އެ މުއައްސަަސާތަކުން ކުރާ މަސައްކަތެއް މިހާތަނަށް ނުފެންނަ ކަމަށާއި އެހެންކަމުން ވީހާވެސް ބޮޑަށް މިނިވަން މުއައްސަސާތަކުގެ ބަޖެޓު ކުޑަ ކުރުމަށް ސަލީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަލަންވީ މިނިވަން މުއައްސަސާތަކުން ކުރަނީ ކޮން މަސައްކަތްކެއްތޯ. އެމީހުން މިނިވަން ކަމާއެކީ ހަވާޅު ކުރާ މަސައްކަތް ކުރޭތޯ. ދެން މި މުއައްސަސާތަކުން ކުރާ މަސައްކަތްތެއް ނުފެނޭ. އެހެންވެ ބަޖެޓު ބޮޑު ކުރާކަށް އެއްގޮތަކަށްވެސް ނުފެނޭ. އަޅުގަނޑަށް ފެންނަނީ މިހާރު އޮތް ބަޖެޓުންވެސް ކެނޑެން ހުރިވަރެއް ބަލާފައި ބަޖެޓުން ވީހާވެސް ބޮޑުއަދަދެއް ކަނޑަން،" ސަލީމް ވިދާޅުވި އެވެ.

އޭގެ އިތުރުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވިދާޅުވީ މިނިވަން މުއައްސަސާތަކުން ކުރާ ވަކިވަކި މަސައްކަތްތަކަށް ހޭދަވާ ފައިސާގެ އަދަދު ބަލަން ޖެހޭ ކަމަށާއި ސަބަބަކީ އަހަރު ނިމޭ އިރު ބައެއް މުއައްސަސާތަކުގެ ބަޖެޓުން ހަރަދު ނުކޮށް ހުންނާތީ ކަމަށެވެ. އަދި ދަރަނި ކުޑަކޮށް މާޝްރޫއުތައް އިތުރު ކުރެވޭނީ ހަރަދުކުޑަކޮށްގެން ކަމަށާއި އެހެންކަމުން މިނިވަން މުއައްސަސާތަކުގެ ބަޖެޓު ކުޑަ ކުރަން ޖެހޭ ކަމަށް އަސްމާ ވިދާޅުވި އެވެ.

"އަޅުގަނޑަށް އަދިވެސް ފެންނަނީ މި ބަޖެޓު ކުޑަކޮށްލަން. ހާއްސަކޮށް މިނިވަން މުއައްސަސާތަކަށް. އެކަން ކުރުމަށް އަޅުގަނޑުމެން ބަލަން ޖެހޭ އެ މުއައްސަސާތަކުން އެކި ކަންތަކަށް ހަރަދު ކުރަނީ ކިހާވަރެއްތޯ. ބެލެންސްކޮށް މިކަން ކުރެވޭނީ މިފަދަ ފިޔަވަޅޫވެސް އަޅައިގެން،" " މި މުއައްސަސާތަކުން ކުޑަކޮށްގެން ސިވިލް ސާވިސް މުއައްޒިފުންގެ މުސާރައިތުރު ކުރަންވީ މީހުންގެ ޖީބަށް އަންނަ އާމްދަނީ އިތުރު ކުރަންވީ،" އަސްމާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާ ކުރާ މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ބަލާއިރު ޑިޕާޓްމަންޓް އޮފް ޖުޑިޝިއަލް އެޑްމިނިސްޓްރޭޝަންއާ ސިވިލް ސާވިސް ކޮމިޝަންއާ އެންޓި ކޮރޮޕްޝަން ކޮމިޝަންއަށް ވަނީ މިއަހަރަށް ވުރެއް ކުޑަ ބަޖެޓެއް ކަނޑައަޅާފަ އެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި އޮޑީޓާ ޖެނަރަލް އޮފީހުގެ ބަޖެޓު އަންނަ އަހަރު ބޮޑެވެ.