ހަބަރު

ބަޖެޓަށް މިނިވަން މުއައްސަސާތަކުގެ ހިޔާލު ލިޔުމުން ހޯދަން ފާސްކޮށްފި

އަންނަ އަހަރަށް މިނިވަން މުއައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓާ މެދު އެފަރާތްތަކުގެ ހިޔާލު ލިޔުމަކުން ހޯދައި އެކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރާ ސުވާލު ކުރަން ރައްޔިތުން މަޖިލީހުގެ ބަޖެޓު ކޮމިޓީއިން ފާސްކޮށްފި އެވެ. އެހެން އަހަރުތަކުގައި މިނިވަން މުއައްސަސާތަކުގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކޮށް ބަޖެޓާ މެދު ހިޔާލު ހޯދަ އެވެ.

މިއަދު ބޭއްވި ބަޖެޓް ކޮމިޓީގައި ސަރުކާރުގެ ފަރާތުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހަޅައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ތާއީދު ކުރެއްވި މި ހުށަހެޅުން ބަލާގަތުމަށް ވޯޓުދެއްވީ 12 މެންބަރުންނެވެ. އަދި އެ ހުށަހެޅުން ބަލައި ގަންނަން ނުފެންނަ ކަމަށް ވެސް 12 މެންބަރުން ވޯޓު ދެއްވި އެވެ. މި ހުށަހެޅުމަށް ދެ ފަރާތުންވެސް ވޯޓު އެއްވަރުވުމާ ގުޅިގެން ރިޔާސަތުގައި އިންނެވި، ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވޯޓު ދެއްވީ ރިޔާޒް ރަޝީދު ހުށަހެޅުމަށް ތާއީދު ކުރުމަށެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން، ގަލޮޅު އުތުރު ދާއިރާ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވީ މިނިވަން މުއައްސަސާތައް ހާޒިރުކޮށް ސުވާލު ކުރުމަށެވެ.

މިނިވަން މުއައްސަސާތަކުގެ ބަޖެޓާ ގުޅޭގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީ މެންބަރުން ހުށަހެޅީ މިނިވަން މުއައްސަސާތަށް ހާޒިރުކޮށްގެން އެ ފަރާތުގެ ކަނބޮޑުވުންތައް ހޯދުމަށެވެ. އެގޮތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ޖުޑިޝިއަލް ސާވިސަސް ކޮމިޝަނާއި، އޭސީސީގެ ބަޖެޓު ކުރިއަށްވުރެއް މަދުވެފައިވާ ކަމަށާއި އޭގެ ސަބަބުން އެމީހުންގެ މައްސޫލިއްޔަތަށް ބުރޫ އަރާތޯ ބަލަން ޖެހޭ ކަމަށެވެ.

"ޖުޑިަޝަލް ސާވިސްގެ ބަޖެޓު ވަރަށް ބޮޑުތަން ކުޑަ. ޝަރުއީ ކޯޓުތައް ހަރުދަނާ ކުރަން ޖެހޭ އެހެންގައުމުތަކުގެ ހުކުމްތައް ބަލާ ފަނޑިޔާރުން ތައްޔާރު ކުރަން ޖެހޭ ކޯޓުތަކަށް ދޭ ފަންޑިން މަދުވެއްޖެއާ މައްސަލައެއް. ޝަރުއީ ކޯޓު ބެލުމަކީ މަޖިލީހުން ކުރަން ޖެހޭ ކަމެއް. ފާޑު ކިޔުމުގެ ބަދަލުމުގައި ފަނޑިޔާރުންވެސް ބަލަން ޖެހޭ. އެހެންވެ އެ ބޭފުޅުން ހާޒިރުކޮށްގެން ރަނގަޅަށް ބަޖެޓާ ގުޅޭގޮތުން ވާހަކަދައްކަން ޖެހޭ،" ޝަރީފް ވިދާޅުވި އެވެ.

އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްވެސް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ދައުރު އެކަށީގެންވާ ވަރަށް ގައުމުގައި އަދާ ނުކުރެވޭ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުގެ ދައުރު އަދާ ކުރެވޭނީ އެކަށީގެންވާ ބަޖެޓެއް ލިބިގެން ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

ނަމަވެސް ރިޔާޒު ރާޝީދު ވިދާޅުވީ ބަޖެޓަށް ވާހަކަދެއްކުމަށް ވެރިން ހާޒިރުކޮށްގެން ގިނަ ވަގުތުތަކެއް ހޭދަވާ ކަމަށާއި ނަމަވެސް އޭގެން އެކަށީގެންވާ ނަތީޖާ ނުނިކުންނަ ކަމަށެވެ. އެހެންކަމުން އެ މުއްސަސާތަކުގެ ކަންބޮޑުވުންތައް ލިޔުމަކުން ހުށަހަޅާ، ފިނޭންސް މިނިސްޓަރު ހާޒިރުކޮށް އެ ކަންބޮޑުވުންތަކަށް ލުއިއެއް ލިބޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރުން މާ ރަނގަޅުވާނެ ކަމަށެވެ.

"ޖެޓަށް ބަދަލު ނުގެނެވެންޔާ ހާޒިރުކޮށްގެން ބޭކާރު ވާހަކަދެއްކުމުގެ ބޭނުމެއް ނޫން. ލިޔުމުން ބޭނުންވާ ކަންތައްތައް ސާފުކޮށްފައި ފިނޭޏްސް މިނިސްޓަރާ ސުވާލު ކުރީ އާ ވަގުތުވެސް ސަލާމަތްވާނެ އަދި މާ ރަނގަޅަށް މަސައްކަތްވެސް ކުރެވޭނެ. އެހެންވެ މި ބަޖެޓުން އެ މުއައްސަސާއެއްގެ މައްސޫލިއްޔަތު އަދާ ކުރުމަށް ދައްޗެއް އޮތްތީ ސިޓީއެއް ފޮނުވައިގެން ބަލާނީ. ދެން ފިނޭންސް މިނިސްޓަރު ހާޒިރުކޮށް ސުވާލު ކުރަންވީ މި މައްސަލަތަކާ ގުޅޭގޮތުން،" ރިޔާޒު ވިދާޅުވި އެވެ.

މިނިވަން މުއައްސަސާތަކުގެ ބަޖެޓަށްވެސް ސަރުކާރުން ކަނޑައަޅާފައިވަނީ އެހެން އަހަރުތަކަށްވުރެއް ކުޑަ ބަޖެޓެކެވެ. ނަމަވެސް އޮޑިޓާ ޖެނަރަލް އޮފީހާ އިލެކްޝަން ކޮމިޝަންއަށް ވަނީ ކުރިޔަށްވުރެ ބަޖެޓު ބޮޑުކޮށްފަ އެވެ.