ވިޔަފާރި

އޭޝިޔާގެ އެންމެ ބޮޑު ޓްރެވަލް ފެއާ ސީއައިޓީއެމްގައި ރާއްޖެ

Nov 12, 2016

އޭޝިޔާގެ އެންމެ ބޮޑު ޓްރެވަލް ފެއާ ކަމަށްވާ ޗައިނާ އިންޓަނޭޝަނަލް ޓްރެވަލް މާޓް (ސީއައިޓީއެމް) ގައި ރާއްޖެ އިން ބައިވެރިވަމުންދާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (ސީޓީއެމް) އިން ބުނެފި އެވެ.

އެމްއެމްޕީއާރުސީން ބުނީ ސީޓީއެމްގައި ރާއްޖޭން ބައިވެރިވާ ޓީމްގައި 23 ކުންފުނިން 52 ފަރާތެއް ބައިވެރިވެފައިވާ ކަމަށެވެ. ރާއްޖޭގެ ވަފުދުގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، ޝާޒިލް ޝިޔާމް އާއި އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ބައިވެރިވެ އެވެ.

އެމްއެމްޕީއާރުސީ އިން ބުނީ މި އަހަރުގެ ސީއައިޓީއެމް ފެއާގައި، އޭޝިއާގެ ޓޫރިޒަމް އިންޑަސްޓްރީގެ އެކި ދާއިރާ ތަކުން 2،500 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެފައިވާ ކަމަށެވެ.

މި އަހަރުގެ ސީޓީއެމް ފެއާގައި އެކި ގައުމުތަކުގެ އެއާލައިންތަކާއި ޓްރެވަލް އެޖެންޓުން އަދި ޓްރެވަލް އޭޖެންސީތަކުން ބައިވެރިވެފައިވެ އެވެ.

ޗައިނާއަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރާ އެއް ގައުމެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 259،769 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ.