ހަބަރު

އަންހެނުންގެ މަސައްކަތް ދައްކުވާދޭ މައުރަޒެއް މެޑަމް ފާތުން ބާއްވަނީ

ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް އިސްނަންގަވައިގެން ދިވެހި އަންހެނުންގެ މަސައްކަތާއި ހުނަރު ދައްކުވާދޭ މައުރަޒެއް ބާއްވަން ނިންމަވައިފި އެވެ.

"ހީވާގި ކަނބަލުން"ގެ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މައުރަޒުގައި އަންހެނުންގެ ކޮމިޓީތަކަށާއި އަންހެނުން ހިއްސާވާ ކްލަބް ޖަމްއިއްޔާތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އަދި އެ މައުރަޒު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހު ދެވަނަ ހަފްތާ ތެރޭގަ އެވެ.

މެޑަމް ފާތުންގެ އޮފީހުން ބުނީ އެ މައުރަޒުގައި އަންހެނުންގެ މަސައްކަތް ދައްކުވައިދޭ ތަކެތި ބައިވެރިކުރުމާއި ވިއްކުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ. އަދި ވަކި ވަކި ބާވަތްތަކުގެ ވަނަތައް ގިންތިތަކަކަށް ބަހާލައިގެން ހޮވުމާއި އެއްވަނައަށް ދާ އަންހެނުންގެ ކޮމިޓީ ހޮވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

މި މައުރަޒުގައި ބޭނުން ކުރެވޭނެ ތަކެތީގެ ތެރެއިން ރާއްޖެ ރަމްޒުކޮށްދޭ ސުވެނިއާ އާއި ކަސަބުން އުފައްދާ ތަކެއްޗާ، އަތްތެރިމަސައްކަތްތަކާއި ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުމުގެ އިތުރުން ޑިޖިޓަލް އާޓް އާއި ފެހުމުގެ އުފެއްދުމާއި ދިވެހި ރަހަތައް އަދި ފޮޓޯގްރަފީ ހިމެނެ އެވެ.