ދައުލަތުގެ ބަޖެޓާބެހޭ މައުލޫމާތާއި ފިނޭންސް މިނިސްޓްރީން ދައުލަތުގެ އެކި ކަންކަމަށް ކުރާ ހަރަދުތަކުގެ ތަފްސީލު އެއްތަނަކުން ބަލައިލެވޭނެ ގޮތް ހަދަން ބަޖެޓާބެހޭ ހާއްސަ ވެބްސައިޓަކާއި ބަޖެޓްގެ އަތްމަތީ ފޮތުގެ ނަމުގައި ފޮތެއް، ފިނޭންސް މިނިސްޓްރީން ތައާރަފްކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފޮތާއި ވެބްސައިޓް އިފްތިތާހު ކޮށްދެއްވީ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ހަރަދުތަކާބެހޭ ތަފްސީލުތައް ފިނޭންސް މިނިސްޓްރީގެ ސައިޓުން ފެންނަން ނެތުމަކީ އެ މައުލޫމާތު ހޯދަން ބޭނުންވާ އެކި ފަރާތްތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި އެ މައުލޫމާތު ފަސޭހަ ގޮތެއްގައި ބަޔަކަށް ދިނުމަކީ މީގެ ކުރިން އެ މިނިސްޓްރީން ފަހިކޮށްދެވިފައި ނެތް ހިދުމަތެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެކަންކަން މިހާތަނަށް ހަމަޖެހިފައި ނެތުމަކީ އުނިކަމެއް ކަމަށާއި މިއަދު ތައާރަފްކުރި ވެބްސައިޓް މެދުވެރިކޮށް ފިނޭންސް މިނިސްޓްރީން ކުރާ އެކި ހަރަދުތަކާއި، ބަޖެޓް އެކުލަވާލާފައިވާ ގޮތާއި ބަޖެޓާގުޅޭ އެކި މައުލޫމާތު ފަސޭހަކަމާއެކު އާންމުންނަށް ލިބެމުން ދާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަންނަ އަހަރުން ފެށިގެން މި ވެބްސައިޓް ގަވާއިދުން އަޕްޑޭޓް ކުރަމުން ދާނެ. ފިނޭންސް މިނިސްޓްރީއަކީ ހަމައެކަނި މިނިސްޓަރެއްގެ ވަށައިގެން ދައުރުވާ މިނިސްޓްރީއެއް ނޫން. މިއީ ވަރަށް ގިނަ މުވައްޒަފުން ވަރަށް ބޮޑު އަދި ބުރަ މަސައްކަތްތަކެއް، ހާޢްސަކޮށް ބަޖެޓް އެކުލަވާލާ ބޭފުޅުންނަކީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާ ބައެއް. މި މަސައްކަތުގެ ސަބަބުން އެ ބޭފުޅުންގެ މަސައްކަތްތައް ވެސް ފެންނަން ހުންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ފިނޭންސް މިނިސްޓްރީގެ މައުލޫމާތު ހާމަކުރުމުގެ ކަންކަން ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ހަރުދަނާކުރެވިގެންދާނެ ކަމަށެވެ.