ހަބަރު

ދަނޑުވެރިކަން ތަރައްގީ ކުރުމާބެހޭ ވޯކްޝޮޕެއް ފަށައިފި

ދެމެހެއްޓެނެވި ގޮތުގައި ދަނޑުވެރިކަން ކުރިއަރުވާ ތަރައްގީ ކުރުމާއި ގުދުރަތީ ވަސީލަތްތައް ދެމެހެއްޓުމާ ބެހޭ ތަމްރީން ޕްރޮގްރާމެއް ފިޝަރީޒް މިނިސްޓްރީއިން ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓްރީ އިން ބުނީ އެގްރޮފޮރެސްޓްރީ އެންޑް ޑައިވަސިފިކޭޝަން އެންޑް ރީފޮރެސްޓްރޭޝަންގެ ނަމުގައި މި ތަމްރީން ޕްރޮގްރާމް ކުރިޔަށް ގެންދަނީ ސްޓެޓިސްޓިކަލް އިކޮނޮމިކް އެންޑް ސޯޝަލް ރީސާޗް އެންޑް ޓްރެއިނިން ސެންޓާ ފޯ އިސްލާމިކް ކަންޓްރީ (ސެސްރިކް)އާ ގުޅިގެން ކަމަށާއި އަދި އެ ތަމްރީން ޕްރޮގްރާމް ދެ ދުވަހުގެ މުއްދަތަކަށް ކުރިޔަށް ދަނީ ގައުމީ ޔުނިވާސިޓީގެ ސައިންސް ފެކަލްޓީގައި ކަމަށެވެ.

އެގޮތުން މި ތަމްރީން ޕްރޮގްރާމްގައި ރާއްޖެއާއި އެންމެ އެކަށޭނެ އޮގްރޯފޮރެސްޓްރީ މޮޑަލްތަކުގެ މައުލޫމާތާއި މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖޭގެ ވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށް ކެނޑެމުންދާ ގަސްތަކުގެ ބަދަލުގައި އާ ގަސްތައް އިންދުމާ، އެގްރޯ ފޮރެސްޓްރީގެ ދައުރު އިތުރު ކުރެވިދާނެ ގޮތް ދަސްކޮށްދެވޭނެ ކަމަށާއި އޭގެ އިތުރުން ކާނާ ޔަގީންކަން ކަށަވަރު ކުރުމަށްޓަކައި އޮގްރޯފޮރެސްޓްރީ ކޮންސެޕްޓެއްގެ ތެރެއިން ދަނޑުވެރިކަން އުފެއްދުންތައް އިތުރު ކުރާނެ ގޮތްތަކާއި ރާއްޖޭގެ ވެއްޓާ ގުޅޭގޮތުން އޮގްރޯއޮކޯ ތަރައްގީ ތަރައްގީ ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

ފިޝަރީޒް އިން ބުނީ މި ތަމްރީން ޕްރޮގްރާމުގައި ކަމާ ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާ، އަމިއްލަ ޖަމިއްޔާތަކާއި، ޕްރައިވެޓް ސެކްޓާ އަދި ޔުނިވާސިޓީގެ އެކަޑަމިކް ދާއިރާގައި މަސައްކަތް ކުރާ މުއައްޒިފުންނަށް ބައިވެރިވާ ކަމަށެވެ. އަދި އެ ސެޝަންތަކުގައި ޕާކިސްތާނުގެ ބަހައުއްދީން ޒަކަރިއްޔާ ޔުނިވާސިޓީގެ ތަޖުރިބާކާރެއް ކަމަށްވާ މުހައްމަދު ޒުބައިރު ލެކްޗަރު ދެއްވާނެ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.