ވިޔަފާރި

"އާ ރިސޯޓުތަކާއެކު ރާއްޖެއަށް ރަނގަޅު މާކެޓިން ބަޖެޓެއް ބޭނުން"

Nov 16, 2016
1
  • އިޝްތިހާރު ވަރުގަދަ ކުރަން ގޮވާލި
  • އެކަށީގެންވާ ބަޖެޓެއް ރާއްޖެއަށް ބޭނުންވޭ
  • ބަޖެޓު ހޯދުމަށް މަޓާޓޯއިން މަޖިލީހަށް

އަންނަ އަހަރު ގިނަ އާ ރިސޯޓުތަކެއް ހުޅުވާއިރު ރާއްޖެ އިޝްތިހާރު ކުރުން ވަރުގަދަ ކުރުމަށް، ރަނގަޅު މާކެޓިން ބަޖެޓެއް ބޭނުންވާ ކަމަށް ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ (މަޓާޓޯ) އިން ބުނެފި އެވެ.

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވޭތުވެދިޔަ 10 އަހަރު ތެރޭގައި ނުހުޅުވޭ ވަރަށް މި އަހަރާއި އަންނަ އަހަރު ރިސޯޓުތައް ހުޅުވިގެންދާއިރު، ރާއްޖޭގެ މާކެޓުން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ރަނގަޅު މާކެޓިން ބަޖެޓެއް ވެސް ބޭނުންވާ ކަމަށެވެ.

"ދިހަ އަހަރު ތެރޭގައި ނުހުޅުވާ ވަރަށް ދެ އަހަރު ތެރޭގައި ރިސޯޓުތަކެއް މާކެޓަށް މި އަންނަނީ. މި އަހަރާއި އަންނަ އަހަރު އިތުރު 20 ރިސޯޓެއް ހުޅުވޭނެ. އަދި އިތުރު ގެސްޓް ހައުސްތައް ވެސް ހުޅުވޭ. އެހެންވެ މީގެ މާނައަކީ ރާއްޖޭގެ މާކެޓިން ވަރަށް ރަނގަޅު ކުރަން ޖެހޭކަން. އެކަން ކުރުމަށް ރަނގަޅު ބަޖެޓެއް ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް މާކެޓު ކުރަން ވޭތުވެދިޔަ 10 އަހަރު ވެސް ދެމުން އައީ އަށެއްކަ މިލިއަން ޑޮލަރު ކަމަށެވެ.

"މާކެޓިން ރަނގަޅު ނުކޮށް ކުރިއަށް މިހާރު ދާން ދަތިވާނެ. ގިނަ ރިސޯޓުތައް ހުޅުވުމަކީ ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނަށް ރަނގަޅު ކަމެއް. އެކަމަކު މާކެޓިން ރަނގަޅު ނުކުރާނަމަ އެ ތަންތަން ވިއްކަން ދަތިވާނެ،" އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ރަނގަޅު ބަޖެޓެއް ހޯދުމުގެ ގޮތުން ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނާއެކު ވެސް ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މަޖިލީހުގައި ބަޖެޓާމެދު ބަހުސް ކުރާއިރު، މާކެޓިން ބަޖެޓު ހޯދުމަށް ލޮބީ ކުރުމަށް މިހާރު ވަނީ ބޯޑުން ނިންމާފައި ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ މާކެޓިން ވަރުގަދަ ކޮށް ގިނަ ފެއާތަކެއްގައި ބައިވެރިވެ، ގެސްޓް ހައުސްތަކާއި ދިވެހި ޓްރެވަލް އެޖެންޓުންނަށް އޮތް ފުރުސަތު ވެސް މިހާރަށް ވުރެ ފުޅާ ކުރަން ޖެހޭ ކަމަށެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖޭގެ 110 ރިސޯޓުގައި 34،000 އެނދު އެބަހުއްޓެވެ. އަދި އަންނަ މަހާއި އަންނަ އަހަރުގެ ކުރީކޮޅު އާ ގިނަ ރިސޯޓުތަކެއް ހުޅުވާނެ އެވެ.