ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގެންފި އެވެ.
މި ބިލް ބަލައިގަންނަން ފާސްކުރީ 43 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި ބިލު ބަލައިގަނަންނަން ނުފެންނަ ކަމަށް 26 މެންބަރުން ވޯޓް ދެއްވި އެވެ. އަދި އެ ބިލް ރިޔާސަތުން މިއަދު ފޮނުވާފައި ވަނީ އިޖްތިމާޢީ ކޮމިޓީއަށެވެ.
މިއަދު ބަލައިގަތް އިސްލާހުގައި ހުށަހަޅާފައި ވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން މެންބަރެއް އައްޔަންކުރާ މާއްދާ އުނިކުުރުމަށެވެ. އަދި އެ މަޖިލީހަށް ގައުމީ ޔުނިވާސިޓީގެ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން ރައްޔިތުން މަޖިލީހުގެ ރުހުމަކާ ނުލައި ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެމްބަރަކު ހިމަނަން ޖެހޭނެ ކަމަށެވެ. އޭގެ އިތުރުންވެސް ތިން މެންބަރަކު ރައީސް އައްޔަން ކުރައްވަން ޖެހޭ ކަމަށް އެ އިސްލާހުގައި ބުނެފައި ވެއެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސްގެ ޒިންމާތަކުގެ ތެރޭގައި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް މުޖުތަމައުއަށް ބޭނުންވާ ދީނީ ފަތުވާ ދިނުމާއި އިސްލާމީ އުންމަތަށް ދިމާވާ ފިގުހީ މައްސަލަތަކަކީ ކޮބައިކަން ދެނެގަނެ، ފަތުވާ ދިނުން ހިމެނެ އެވެ. މީގެ އިތުރުން ދައުލަތުގެ މުއައްސަސާތަކަށް އެ މަޖިލީހުގެ ލަފާ ދިނުމާއި ރައްޔިތުން މެދުގައި އުފެދޭ ދީނީ ހިޔާލު ތަފާތުވުންތައް ނައްތާލުން ވެސް ހިމެނެ އެވެ.
ދީނީ ފަތުވާދޭ މަޖިލީސް އުފެއްދުމާބެހޭ ބިލު ތަސްދީގުކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 25 ވަނަ ދުވަހު އެވެ.