ރައްޔިތުންގެ މަޖިލިސް

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރުން ފަސްކުރާ އިސްލާހު ބަލައިގެންފި

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފަށާ ތީރީހު ފަސް ކުރަން ހުށަހެޅި އިސްލާހު ރައްޔިތުން މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

ސަރުކާރު ފަރާތުން ފުވަމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހް ހުށަހެޅި މި އިސްލާހު ބަލައިގަތުމަށް 41 މެންބަރުން ވޯޓު ދެއްވި އިރު އިސްލާހު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 26 މެންބަރުންނެވެ. ރިޔާސަތުން ނިންމެވީ އިސްލާހު ބަލައިގަނެ ގައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ފޮނުވުމަށެވެ.

މަޖިލީހުގެ ދެވަނަ ދައުރުގެ ފަހުކޮޅު ފާސް ކުރި ޖިނާއީ އިޖުރާތުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އަންނަ އަހަރު ޖެނުއަރީ މަހު ދެވަނަ ދުވަހު އެ ގާނޫނަށް އަމަލު ކުރަން ޖެހެއެވެ. ނަމަވެސް އާ އިސްލާހުގައި ބުނެފައި ވަނީ އެ މުއްދަތު އަންނަ އަހަރު ޖުލައި ދެވަނަ ދުވަހަށް ފަސް ކުރުމަށެވެ.

އެ އިސްލާހު ހުށަހެޅި ސަބަބު ބަޔާން ކުރަމުން މެންބަރު ޝާހު ވިދާޅުވެފައި ވަނީ އެ ގާނޫނުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި އެގޮތުން ޖިނާއީ އިޖުރާތުގެ ގާނޫނަށް އަމަލު ކުރަން ފެށޭނީ ޝަރުއީ ދާއިރާއާ، ގާނޫން ތަންފީޒު ކުރާން އެހެނިހެން އިދާރާތަކާ އަދި ޕްރޮސެކިއުޓަރުން ތަމްރީންކޮށްގެން ކަމަށެވެ. އެހެންކަމުން ޖިނާއީ އިޖުރާތުގެ ގާނޫނަށް އަމަލު ކުރުމަށް ތައްޔާރުވުމަށް އދ. ގެ ޑިވަލޮޕްމަންޓް ޕްރޮގްރާމްއާ އެކު ސަރުކާރުގެ ކަމާބެހޭ މާހިރެއްގެ އެހީގައި ފަށާފައިވާ ރޯލްއައުޓްގެ މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި އިތުރު ހަ މަސްދުވަސް ފަހުން ތަންފީޒު ކުރަން ފެށުމަށް ކަމަށެވެ.