ވިޔަފާރި

ރަންދިޔަ ފަހެއް ނޫޓު ކުރަހާ ފަރާތުގެ ނަން އިއުލާނުކޮށްުފި

މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، މަރުކަޒީ ބޭންކުން އަލަށް ނެރޭ "ރަންދިހަ ފަހެއް" ނޫޓު ސީރީޒް ކުރަހާ ފަރާތުގެ ނަން އިއުލާނުކޮށްފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވީ އަލަށް ނެރޭ ނޫޓު ސެޓް ކުރެހުމަށް ހޮވާފައިވަނީ ބ. ކެންދޫ ޖަވާހިރުމާގޭ، އަބްދުﷲ ނަޝާތު ކަމަށެވެ.

"އަބްދުﷲ ނަޝާތު ނޫޓު ކުރަހަން ހޮވާފައިވަނީ ކޮމެޓީން ބެލުމަށްފަހު، އެމްއެމްއޭގެ ބޯޑަށް ވެސް އެންމެ ރަނގަޅު ހުށަހެޅުމަކީ މިއީ ކަމަށްވާތީ،" އަޒީމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަންދިޔަ ފަހެއްގެ ނޫޓުތަކާއި ހަނދާނީ ނޫޓު ކުރެހުމަށް ނަޝާތު ހޮވާފައިވަނީ އެކި ދާއިރާތަކުގެ ތަޖުރިބާކާރުންގެ ޓީމަކުން ކަމަށެވެ.

"އެމްއެމްއޭ އަށް ލާޒިމެއް ނުކުރޭ ކޮމްޕެޓިޝަނެއް ބާއްވައިގެން ނޫޓު ކުރަހާކަށް. ބޭރުގެ ކުންފުނިތަކުން ވެސް ހުށަހެޅި ނޫޓު ހިލޭ ކުރަހައި ދޭން. އެކަމަކު ދިވެހިންގެ މަސައްކަތެއް ކުރާނީ ދިވެހިން. އެހެންވެ ކޮންޕެޓިޝަނެއް ބާއްވައިގެން އެންމެ ރަނގަޅު ފަރާތެއް ހޮވީ،" އަޒީމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލަށް ނެރޭ ނޫޓުތަކުން ދިވެހިރާއްޖެ ވަރަށް ރަނގަޅަށް ރަމްޒުކޮށްދޭނެ ކަމަށެވެ.

މަރުކަޒީ ބޭންކުން ރަންދިހަ ފަހެއްގެ ނޫޓު ކުރެހުމަށް ބޭއްވި މުބާރާތައް 50 އަށްވުރެ ގިނަ ކުރެހުން ހުށަހަޅާފައިވެ އެވެ. މި ކުރެހުންތަކުގެ ތެރެއިން އެންމެ ރަނގަޅު ތިން ނޫޓު ކުރެހި ފަރާތްތައް ވަނީ ޝޯޓް ލިސްޓުކޮށްފަ އެވެ. އަދި ނަޝާތު ހޮވިފައިވަނީ މީގެ ތެރެއިންނެވެ. ނޫޓު ކުރެހި ނަޝާތައް އިނާމެއްގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ ދޭނެ އެވެ.