ރިޕޯޓް

ކިތަންމެ ނުރުހުނަސް ހަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް

Nov 17, 2016
9
  • ރިކަރެންޓް ހަރަދު 11 ޕަސެންޓް ދަށްވާނެ
  • އިސްރާފު ކުޑަކުރަން ފިޔަވަލުތަކެއް
  • ދަރަނި ބޮޑުވުން އެންމެ ބޮޑު ކަންބޮޑުވުން

ހަރަދު ކުޑަ ކުރުމަކީ އަހަރެމެންގެ ގިނަ މީހުން ދަންނަ ކަމެއް ނޫނެވެ. އާއްމު ދިރިއުޅުމުގައި ވެސް ގިނަ މީހުންނަކީ ހަރަދު ކުޑަ ކުރުން ދޫކޮށް، އިސްރާފަށް ގޮސް ހުސްވެފައި ތިބި ބައެކޭ ނުބުނެވޭ ހެއްޔެވެ؟ މި މަގުން ގޮސް ސަރުކާރުގައި ޖެހޭއިރު ވެސް ހަމަ ކިޔަން ޖެހެނީ އެއް ލަވަ އެކެވެ. ނަމަވެސް މިހާރު ރައްޔިތުން މަޖިލީހަށް ހުށަހަޅައި "ހޫނު ބަހުސް" ތަކެއް ކުރަމުންދާ 26 ބިލިއަން ރުފިޔާގެ ބަޖެޓު ބަހުސްގައި ފިނޭންސް މިނިސްޓަރު މުހައްމަދު މުނައްވަރު ދައްކަވަނީ ހަރަދު ކުޑަކުރަން ޖެހޭ ވާހަކަ އެވެ.

މަޖިލީހުގެ މެންބަރުންގެ ސުވާލު ތަކަށް ސާބިތުކަމާއި ޔަގީންކަމާއެކު، ޖަވާބު ދެއްވަމުން މިނިސްޓަރު އަބަދު ވެސް ވަކާލާތު ކުރައްވަނީ ހަރަދު ކުޑަ ކުރުމަށެވެ. މީގެ ކުރިން ބަޖެޓްގައި ޖަހާފައިވާ އަދަދުތަކުގައި ހުރި ބޭކާރު ހަރަދުގެ ވާހަކަ އަބަދު ވެސް މިނިސްޓަރު ވިދާޅުވެ އެވެ. އަހަރަކުން އަހަރަށް ބަޖެޓު ބޮޑު ކުރުމުގެ ވިސްނުން ދޫކޮށްލަން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެ އެވެ. މިހާތަނަށް ރާއްޖޭގެ ސަރުކާރެއްގެ މާލީ ވަޒީރުގެ މަގާމާ ހަވާލުވެ ވަޑައިގަތް ބޭފުޅަކު ހަރަދު ކުޑަ ކުރުމަށް ބާރު ނާޅާވަރަށް މިހާރުގެ ފިނޭންސް މިނިސްޓަރު ގެންދަވަނީ އެކަމަށް ބާރު އަޅުއްވަމުންނެވެ.

ހަރަދު ކުޑަ ކުރަން ޖެހެނީ ކީއްވެ؟

ބަޖެޓުގައި ކޮންމެ މެންބަރަކުވެސް ބޭނުންވާނީ މެންބަރު ނިސްބަތްވާ އަތޮޅަށް ވީހާ ގިނަ ކަންތަކެއް ކޮށްދިނުމަށެވެ. އަދި ކޮންމެ ސަރުކާރު އޮފީހެއް ވެސް ވިސްނުން ހުންނާނީ ގާތްގަނޑަކަށް މިކަހަލަ ގޮތަކަށެވެ. ނަމަވެސް މި ވިސްނުން ދޫކޮށްލަން ވެއްޖެ އެވެ.

ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވި ގޮތުގައި އަހަރުން އަހަރަށް ބަޖެޓު ބޮޑު ކުރުމުގެ ވިސްނުން ދޫކުރަން ޖެހެ އެވެ. މީގެ ބަދަލުގައި ގެންގުޅެންވީ ވިސްނުމަކީ ކޮށްދޭނެ ކަންތައްތަކާއި އެކަންކަމުން ނުކުންނާނެ ނަތީޖާތަކަށް ފޯކަސް ކުރުމެވެ.

ސުވާލަކީ ހަރަދު ކުޑަކުރަން މިވަރަށް ބޭނުންވަނީ ކީއްވެ ހެއްޔެވެ؟ ސުވާލުގެ ޖަވާބު ވަރަށް ސާދާ އެވެ. ވޯލްޑް ބޭންކުން ރާއްޖެއާ ބެހޭ ގޮތުން ދާދިފަހުން ނެރުނު ރިޕޯޓުގައި ވާ ގޮތުން ޖީޑީޕީގެ ނިސްބަތުން މިހާރު 83.1 ޕަސެންޓުގައި ހުރި ދަރަނި 2020 ވަނަ އަހަރު 120 ޕަސެންޓަށް އުފުލޭނެ އެވެ. މިއީ ނުރައްކަލެވެ. ނަމަވެސް މީގެ މާނައަކީ ރާއްޖޭގައި ދަރަނި އަދާކުރުމުގެ ގާބިލްކަން ނެތުމެއް ވެސް ނޫނެވެ.

ރާއްޖޭގައި މި ދަރަނި ދައްކައި ހަލާސް ކުރުމުގެ ގާބިލްކަން ހުރިކަން އެނގެނީ ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ރޭޓިން ފާމް "މޫޑީސް އިންވެސްޓާސް ސާވިސް" އިން އާއްމުކޮށްފައިވާ ރޭޓިންއިނެވެ. އެ އެޖެންސީ އިން ރާއްޖެ އަށް ދީފައިވަނީ "ބީ2" ގެ ރޭޓިން އެވެ. މީގެ މާނައަކީ ގޮންޖެހުންތައް ހުރިނަަމަވެސް ދަރަނި އަދާކުރުމުގެ ގާބިލްކަން ރާއްޖޭގައި ހުރި ކަމެވެ.

ފުރަތަމަ ފިޔަވަޅު އަޅައިފި: ކާމިޔާބު

ރާއްޖޭގައި މީގެ ކުރިން ހުށަހަޅަމުން އައި ކޮންމެ ބަޖެޓެއްގައި ވެސް "ރިކަރަންޓް ހަރަދު" ދިޔައީ ބޮޑުވަމުންނެވެ. ހާއްސަކޮށް ކުރިއަށް އަބަދު ވެސް މުވައްޒަފުނަށް ކުރާ ހޭދަ ހުންނީ އެންމެ މަތީގަ އެވެ. ނަމަވެސް އަންނަ އަހަރަށް ހުށަހެޅު ބަޖެޓުގައި ރިކަރަންޓް ހަރަދު މިވަނީ 11 ޕަސެންޓަށް ވުރެ ކުޑަކޮށްފަ އެވެ. ހަރަދު ކުޑަ ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން މިއީ މުހިންމު ފިޔަވަޅެކެވެ.

އަހަރަށް މަޖިލީހުން ފާސްކޮށް ދިން 27.5 ބިލިއަން ރުފިޔާގެ ބަޖެޓުން 15.8 ބިލިއަން ރުފިޔާ، 59.1 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ. ހާއްސަގޮތެއްގައި މުވައްޒަފުންގެ އެލަވެންސާއި މުސާރަ އަދި އޮފީސް ހިންގުމަށް ކުރަން ޖެހޭ ހަރަދު ހުރީ، 6.9 ބިލިއަން ރުފިޔާ، 43 ޕަސެންޓްގަ އެވެ. އެހެން ނަމަވެސް، އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދު ވަނީ 13.6 ބިލިއަން ރުފިޔާއަށް ކުޑަކޮށް، އެ ހަރަދު މުޅި ޖުމްލަ ބަޖެޓްގެ 49.3 ޕަސެންޓަށް ދަށްކޮށްފަ އެވެ.

ރިކަރަންޓް ހަރަދަށް އެންމެ ބޮޑު ހޭދައެއް ހިނގާ، މުވައްޒަފުންގެ މުސާރަ އާއި އެލަވަންސަށް ކުރާ ހަރަދުން ވަނީ 117.6 މިލިއަން ރުފިޔާ އުނިކޮށް 6.8 ބިލިއަން ރުފިޔާއަށް އެ ހަރަދު ކުޑަކޮށްފަ އެވެ. އޮފީސް ހިންގުމުގެ ރިކަރަންޓް ހަރަދުން ވެސް 424.1 މިލިއަން ރުފިޔާ މަދު ކުރުމަށް ވެސް ހިމަނާފައިވެ އެވެ.

ބަޖެޓުގައި ރިކަރެންޓު ހަރަދު

  • މުވައްޒަފުންގެ މުސާރަ: 6.8 ބިލިއަން ރުފިޔާ
  • ޕެންޝަން: 1.4 ބިލިއަން ރުފިޔާ
  • އެހީ އާއި ސަބްސިޑީ: 1.2 ބިލިއަން ރުފިޔާ

ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވެފައިވާ ގޮތުގައި ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ރިކަރަންޓް ހަރަދު ވަނީ ގާތްގަނޑަކަށް 300 ޕަސެންޓަށް ބޮޑުވެފަ އެވެ.

"ރާއްޖޭގެ އިގްތިސާދީ ނިޒާމުގެ އޮނިގަނޑު ހަރުދަނާކުރުމަށްޓަކައި ދައުލަތުގެ ރިކަރެންޓް ހަރަދު ކުޑަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް،" މުނައްވަރު ވިދާޅުވި އެވެ.

ފިނޭސްން މިނިސްޓަރުގެ ހަރަދު ކުޑަ ކުރުމުގެ ވިސްނުންފުޅުން ފެންނަނީ ދުރު ރާސްތާ އެވެ. މިކަމުން އެނގެނީ ބޭކާރު ހަރަދު ކުޑަ ކުރަން ޖެހޭ ކަމެވެ. މިކަން ކުރެވިއްޖެނަމަ މުސްތަގުބަލްގައި ހުރިހާ މީހުންނަށް ވެސް އޮތީ ފައިދާ އެވެ. ލިބޭ 21.9 ބިލިއަނެއްހާ ރުފިޔާގެ އާމްދަނީ އިން ހަރަދުތައް ކުރަން ދަސްކުރަން މި ވަނީ ޖެހިފަ އެވެ.