ދައުލަތުގެ ބަޖެޓް

ބަޖެޓް ދެކޮޅު ޖެއްސުމަށް ލޯނު ނެގުން: ބޮޑު ނުރައްކަލެއް!

Sep 5, 2022
3

ކޮމާޝަލް ލޯނު ނަގައިގެން ބަޖެޓް ޑެފިސިޓް ނުވަތަ ދަރަނި ފޫބެއްދުމަކީ ކުރު މުއްދަތަކަށް ސަރުކާރުތަކަށް ވަރަށް ފަސޭހަ ކަމެކެވެ. އެކަން އާންމުކޮށް އެ މަގުން ހިނގަނީ ވެސް، ފަސޭހަ ހައްލަކަށް ވުމުންނެވެ. އެކަމަކު އެއީ ދުރު ރާސްތާގައި ނުވަތަ މެދު ރާސްތާ އަށް ވިސްނައިގެން ކަންކުރާ އަދި ގައުމަށް ހެޔޮ އެދޭ ބަޔަކު ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. އިގްތިސާދުތައް މުލުން ލުހިގެންދާވަރުގެ، އިންތިހާ އަށް ނުރައްކާތެރި ކަމެކެވެ.

ވަރަށް މަދު ފަހަރެއްގައި ނޫނީ ރާއްޖޭގައި ވެސް ޒަމާނުއްސުރެއް ފާސްކުރަނީ ދަރަނި ބަޖެޓެކެވެ. މާނަ އަކީ ލިބޭ އާމްދަނީ އަށް ވުރެ ކުރަން ހުންނަ ހޭދަތައް ނުވަތަ ހިންގަން ހުންނަ ޕްރޮޖެކްޓްތަކަށް ކުރަންޖެހޭ ހަރަދު ބޮޑުވަނީ އެވެ. ދަރަނިވާ އެ ބައި ފޫބައްދަނީ ކޮމާޝަލް ލޯނުތައް، ނުވަތަ ބޮންޑް ވިއްކައިގެން، ކުރު މުއްދަތެއްގެ ހައްލެއް ހޯދައިގެންނެވެ. މިއީ ފާއިތުވި ހުރިހާ ސަރުކާރެއްގައި ވެސް ރާއްޖޭގައި އެކަން ކުރި އަދި މިހާރު ވެސް އެކަން ކުރަމުން އަންނަ ގޮތެވެ.

އެގޮތުން މިހާރު ރާއްޖޭގެ ދަރަނި 100 ބިލިޔަނަށް ވުރެ ބޮޑު ވެއްޖެ އެވެ. އެއީ ގައުމީ އުފެއްދުންތެރި ކަމަށް ވުރެ ވެސް މާ ބޮޑު އަދަދެކެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދު މިސްރާބު ޖަހާފައި މިވަނީ ވަރަށް ނުރައްކާތެރި ދިމާލަކަށެވެ. ދަރަނި ނެގުން ކޮންޓްރޯލްކޮށް، މިހާރަށް ވުރެ އެތައް ގުނައެއް ހަރުދަނާ އިގްތިސާދީ ފިޔަވަޅުތަކެއް ލަސްނުކޮށް އަޅަން ޖެހެ އެވެ. ސަރުކާރުގެ ހަރަދުތައް ކުޑަކޮށް، ކުރިއަށް އޮތް އަހަރުގެ ބަޖެޓް ފާސްކުރާއިރު ވެސް މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ އެވެ. ނޫންނަމަ، ރާއްޖޭގެ އިގްތިސާދު އަތު ނުޖެހި، އަވައްޓެރި ސްރީލަންކާގެ އިގްތިސާދީ ހާލަތަށް ވެއްޓިގެންދާ މަންޒަރު ސާފުކޮށް ފެނެ އެވެ.

ލަންކާގެ އިގްތިސާދު ހަލާކުވުމުގެ އަސްލަކީ ޗައިނާ އިން ނެގި އެތައް ބިލިޔަން ޑޮލަރުގެ ދަރަނި ކަމަށް ދައްކާ ވާހަކަ ތަކަކީ، ހަގީގަތުގައި ސިޔާސީ ވާހަކަ ތަކެކެވެ. އެ ގައުމުގެ މާލީ އިދާރާތަކުގެ ހިސާބުތަކުން، އިގްތިސާދަށް ދިމާވި މައްސަލަތައް ވަރަށް ސާފުކޮށް ފެނެ އެވެ. އެންމެ މައިގަނޑު މައްސަލަ އަކީ ޒަމާނުއްސުރެ އެ ގައުމުގެ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް އިންޓަރެސްޓް ބޮޑުކޮށް ކުރު މުއްދަތެއްގައި ދައްކާ ގޮތަށް ސަރުކާރުން ވިއްކި އައިއެސްބީތައް ކަމަށް ތަޖުރިބާކާރުން އެއްބަސްވެ އެވެ. އައިއެސްބީތައް ވިއްކާފައި ހުރީ ޗައިނާ އިން ނުވަތަ އެހެން ގައުމުތަކުން ވެސް ނަގާފައި ހުރި ލޯނުތަކަށް ވުރެ ކުރު މުއްދަތެއްގައި މާބޮޑެތި އިންޓަރެސްޓުގައި ދައްކާ ގޮތަށެވެ.

ރާއްޖޭން ވެސް ބަޖެޓް ޑެފިސިޓް މެނޭޖް ކުރަނީ އެ ގޮތަށެވެ. ބޮންޑް ވިއްކައިގެން ނުވަތަ ލޯނު ނަގައިގެންނެވެ. އެކަމަކު މިއީ ހެޔޮވާ ވަރުގެ ކަމެއް ނޫން ކަން، ބައިނަލްއަގްވާމީ މާލީ އިދާރާ ތަކުންވެސް އެ އަންނަނީ ތަކުރާރުކޮށް ފާހަގަކުރަމުންނެވެ.

ރާއްޖޭގެ ކުރު މުއްދަތުގެ ދަރަނި އަދާކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނާއިރު، ދިގު މުއްދަތެއްގައި ކަން ވާނެ ގޮތާއި މެދު އެއްވެސް ވަރަކަށް ނުވިސްނަނީތޯ ނުވަތަ އިހުލާސްތެރި ކަން ނެތީތޯ ސުވާލު އުފެދެ އެވެ. އެގޮތުން 2026 ގައި ރާއްޖޭން ރެކޯޑް އަދަދެއްގެ ދަރަނި - 600 މިލިޔަން ޑޮލަރު ދައްކަން ޖެހޭ އިރު އެކަމަށް ސީރިއަސް ކަމާއި އެކު އެއްވެސް ތައްޔާރީއެއް ވާތަނެއް އަދި ނުފެނެ އެވެ. މުޅިން ވެސް ފެންނަނީ މިހާރު ހުރި އިގްތިސާދީ ބާގަނޑުތައް، އިތުރަށް ދަރަނި ނަގައިގެން، ކުރު މުއްދަތުގެ ހައްލު ތަކުގެ ތެރެއިން ފޫބައްދަމުން އަންނަ ތަނެވެ.

އެ އަހަރުގެ ތެރޭގައި ދައްކަން ޖެހޭ ދަރަނީގެ ބޮޑު ބަޔަކީ ވެސް ކުރު މުއްދަތެއްގެ ހައްލެއްގެ ގޮތުން މިސަރުކާރުން، މިދިޔަ އަހަރުގެ ތެރޭގައި ބޭރުގެ މާކެޓަށް ވިއްކި ސުކޫކް އެވެ. އެގޮތުން 2026 ގައި އެ ސްކޫކް ޕޭމަންޓްގެ ގޮތުގައި އެކަނި 500 މިލިޔަން ޑޮލަރު ދައްކަން ޖެހެ އެވެ. އޭގެ އިތުރުން ދެން އޮތީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އޭޑީއެފްޑީން ނަގާފައި އޮތް 100 މިލިޔަން ޑޮލަރުގެ ލޯން ޕޭމަންޓެވެ. އެ ލޯން ޕޭމަންޓް 2026 އަށް ލަސްވީ، މި ސަރުކާރުން ލޯން ލަސްކޮށްދިނުމަށް އޭޑީއެފްޑީގައި އެދުމުން، ތިން އަހަރަށް ލޯން ދެއްކުމުގެ މުއްދަތު ލަސްކޮށްދިނުމުން ކަމަށް ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި މީގެ ކުރިން ވިދާޅުވި އެވެ.

ކޮވިޑްގައި ރާއްޖޭގެ އިގްތިސާދީ ހާލަތު އެހެން ގައުމުތަކޭ އެއްފަދައިން ވަރަށް ބޮޑަށް ފުނޑިގެން ދިޔަ އެވެ. އެހެންކަމުން އެ ހާލަތުގައި 100 މިލިޔަން ޑޮލަރު ދެއްކުން ދަތި ވާނެ ކަން އެންމެނަށް ވެސް އެނގެ އެވެ. އެހެންކަމުން ލަސްކޮށްދިނުމަށް އެދުމަކީ މައްސަލައެއް ވެސް ނޫނެވެ. އެކަމަކު، 2026 ގައި ބޮޑު ދަރަންޏެއް ދައްކަން ޖެހޭ ކަން އެނގޭއިރު، އެ އަހަރަށް އަނެއްކާ ވެސް 100 މިލިއަންގެ ބައެއް ކޮނޑަށް ލާންޖެހުނީ ކީއްވެ ހެއްޔެވެ؟ އެ ނޫން ގޮތަކަށް އެކަން މެނޭޖް ކުރެވޭނެ އިތުރު އެއްވެސް ގޮތެއް ނެތީ ހެއްޔެވެ؟

ޖެޕީ މޯގަން ފަދަ ދުނިޔޭގެ ބޮޑެތި އިންވެސްޓްމަންޓް ބޭންކްތަކުން ރާއްޖޭގެ އިގްތިސާދާއި މެދު ކަންބޮޑުވާން ޖެހެނީ އެފަދަ، އެއްވެސް ތަރުތީބެއް، ހަރުދަނާ ކަމެއް، އަދި ދުރު ވިސްނުމެއް ނެތި ނިންމާ އިގްތިސާދީ ގޯސް ނިންމުންކަތުގެ ސަބަބުންނެވެ. ހަރުދަނާ ފިޒިކަލް ޕޮލިސީތައް ތަންފީޒު ކުރުން ފަސްކުރާނަމަ، ޖެޕީ މޯގަންގެ އިންޒާރާއި އެއްގޮތަށް، ކުރު މުއްދަތެއްގައި ރާއްޖޭގެ ރިޒާވް ހުސްވެ، ޑީފޯލްޓް ވާނެ ކަމީ ސުވާލެއް އޮތް ކަމެއް ނޫނެވެ. މި ނުރައްކާތެރި ފައްތަރުން އަރައި ގަތުމަށް، ސިޔާސީ ކަންކަމަށް ވުރެ، އިގްތިސާދީ މާހިރުންގެ ބަސް ގަބޫލުކޮށް، ދަރަނި ކުޑަކޮށް، ދުރު ރާސްތާ އާއި މެދު ވެސް ވިސްނައިގެން ކަންކަން ތަރުތީބު ކުރުން ވަރަށް މުހިންމެވެ. ނޫން ނަމަ 2026 ގައި ރާއްޖޭގެ ހާލަތު، މިހާރު ލަންކާގެ ހާލަތުން ވަޒަން ކުރާށެވެ.