އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަޖެޓް ބަހުސް މިހާރު އޮތީ ފެށިފައެވެ. ބަޖެޓު ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. އަންނަ އަހަރަށް ހުށަހަޅާފައި އޮތީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިފަހަރުގެ ބަޖެޓްގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އަކީ 24.3 ބިލިއަން ރުފިޔާ އެވެ. އޭގެތެރެއިން 34 ބިލިއަން ރުފިޔާ ހަރަދުކުރަން ބަޖެޓުގައި ހިމަނާފައިވެ އެވެ. ދައުލަތުގެ އަންނަ އަހަރުގެ ދަރަނި 9.7 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓުގައި އޮތީ އަންދާޒާ ކޮށްފައެވެ.
މިއަހަރަށް މަޖިލީހުން ފާސް ކޮށްދީފައި ވަނީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަަވެސް އެ ބަޖެޓު ހަމަ ނުޖެއްސިގެން އިތުރު 2.24 ބިލިއަން ރުފިޔާ ހޯދަން ސަޕްލިމެންޓްރީ ބަޖެޓެއް ހުށައެޅިއެވެ. އެހެންކަމުން މި އަހަރުގެ ޖުމްލަ ބަޖެޓު 37.1 ބިލިއަން ރުފިޔާއަށް އަރާނެ އެެވެ. އަންނަ އަހަރުގެ ބަޖެޓްގެ ބޭރުންވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމުގެ ފުރުސަތު ބޮޑެވެ.
ރައްޔިތުންގެ މަޖިލީހުގައި މި މަހުގެ އަށްވަނަ ދުވަހު ބަޖެޓު ބަހުސް ފަށާފައިވާއިރު ކޮންމެ އަހަރަކު ވެސް މެމްބަރުންގެ ފަރާތުން ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރެ އެވެ. ބަަޖެޓަށް އެންމެ ބޮޑު ފާޑުކިޔުމެއް އަންނަނީ އިދިކޮޅުންންނެވެ. މިހާރުވެސް މަޖިލީހުގައި އެތައް އަހަރއްގެ ބަޖެޓަށް ވޯޓް ނުދީ ތިބި މެންބަރުން އެބަތިއްބެވެ. މި އަހަރުވެސް އެކަން ހިނގާ މަންޒަރު ފެންނަނީ އެގޮތަށެވެ. ބަޖެޓާމެދު ބޮޑެތި ކަންބޮޑުވުންތަކެއް މެންބަރުންގެ އެބައޮތެވެ. އިދިކޮޅާއި އެއްކޮޅުންވެސް ގިނަ ކަންބޮޑުވުންތަކެއް ދަނީ ފާޅުކުރަމުންނެވެ.
މެމްބަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ 2022 ވަނަ އަހަރު ދައުލަތުގެ އާމްދަނީ އާއި ހަރަދު އަންދާޒާކުރާ މިންވަރަށް ބަލައި، ދައުލަތުގެ ބަޖެޓުގެ ދަރަނި 9.7 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާވެ ދަރަނި އިތުރުވުމެވެ. މިދިޔަ އަހަރާއި މިއަހަރުގެ ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް ނަގަން ޖެހުނު ދަރަނި ބޮޑުކަމާއެކު މި އަހަރު ނިމޭއިރު ދައުލަތުން ދީފައިވާ ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނީގެ ޖުމުލަ އަދަދު ހުންނާނެކަމަށް ބެލެވެނީ 94 ބިލިއަން ރުފިޔާގަ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 122 ޕަސެންޓެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި މެދުރާސްތާގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ފިސްކަލް ސަސްޓެއިނަބިލިޓީ ދެމެހެއްޓުމަށް ފިޔަވަޅުތައް އަޅާނެ އެވެ. އަދި ޖީޑީޕީގެ ނިސްބަތުން ދަރަނި ކުޑަކުރުމަށް އޮތީ ރޭވިފައެވެ. އެކަމަށްޓަކައި މަޖިލީހަށް މި އަހަރުގެ ޖުލައި މަހު ހުށަހެޅި ފިސްކަލް ސްޓްރެޓެޖީގައި ފިސްކަލް އަދި ޑެޓް ސަސްޓެއިނަބިލިޓީ ދެމެހެއްޓުމަށް ތިން ކަމެއް ހުށަހަޅާފައިވާ ކަން މިނިސްޓަރު ފާހަގަކުރައްވައެވެ.
އޭގެން އެއްކަމަކީ 2023 ވަނަ އަހަރު ނިމެންވާއިރަށް ދައުލަތުގެ ސީދާ ދަރަނި ޖީޑީޕީގެ ނިސްބަތުން 105 ޕަސެންޓް ތިރިކުރުމެވެ. އެ އަހަރުގެ ނިޔަލަށް ޕްރައިމަރީ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް ޕަސެންޓަށް ތިރިކުރުން ވެސް ހިމަނާފައި އޮތެވެ. އަދި ބަޖެޓު ޑެފިސިޓް އަދި ދައުލަތުގެ ދަރަނި އަހަރަކަށްފަހު އަހަރެއް ކުޑަވަމުންދާ މިސްރާބަކަށް ގެނައުން ހުށަހަޅާފައިވެއެވެ.
ދައުލަތުގެ ހަރަދު ބޮޑުވާ އެކި ސަބަބުތައް މިފަހަރުގެ ބަހުސްގެ ތެރެއިންވެސް މެންބަރުން ގެންދަވަނީ ފާހަގަކުރަމުންނެވެ. މެންބަރުން ފާހަގަކުރި އެއް ކަމަކީ ސަރުކާރުތަކުން ހައުސިން މަޝްރޫއުތައް ބަޖެޓަށް ކެތްނުވާ ވަރަށް ހިންގަމުން އައުމެވެ. މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވި ގޮތުގައި ހަރަދު އެހާ މައްޗަށް ގޮސްފައި ވަނީ މި ސަރުކާރުން އަޅަން ޕްލޭން ކޮށްފައިވާ ހައުސިން މަޝްރޫއުތަކާ ގުޅިގެންނެވެ. އެގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން އަޅަން ނިންމާފައިވާ 4000 ހައުސިން ޔުނިޓާއެކު ޖުމްލަ 11،000 ހައުސިން ޔުނިޓް އަޅަން ކުރަން ޖެހޭ ބޮޑު ހޭދަ އޭނާ ފާހަގަކުރެއްވިއެވެ. ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަން ފަދަ ކުންފުނިތަކަށް ބޮޑެތި އަދަދުން ސަރުކާރުން އަންނަނީ ފައިސާ ދެމުންނެވެ. ބޮންޑޭގެ ފާޑުވިދާޅުވުން އެންމެ ބޮޑަށް އޮތީ އެކަމަށެވެ.
"ނިމިގެން ދިޔަ ވެރިކަމުގައި ވެސް ދައުލަތަށް ނުލިބޭ މިންވަރަަށް ވޯޓުން ބަލިވީމަ ވެސް ވައުދު ވަނީ. ވޯޓުން ބަލިވީމަ ވެސް ޕްރޮޖެކްޓްތައް ހިންގަން އުޅެނީ. އެހެންވީމާ ދައުލަތަށް ލިބޭ މިންވަރަަށް ވުރެ ބޮޑަށް ހޭދަކުރަންވީމާ އަދި އެ ހޭދައަކީ ބޭރު ދައުލަތްތަކުން ދަރަންޏަށް ނަގައިގެން ދައުލަތުގެ އެސެޓްތައް ރަހުނުކޮށްފަ މަގުމަތިން ވިއްކަމުން ދިޔައީ ސޮވެރިން ގެރެންޓީ،" ބޮންޑޭ ވިދާޅުވި އެވެ.
ދައުލަތުގެ ދަރަނި އަހަރުން އަހަރަށް ބޮޑުވުމަކީ ރާއްޖެއަށްވެސް އޮތް ބޮޑު ނުރައްކަލެކެވެ. ދިވެހީންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. މިދިޔަ އަހަރު ބަޖެޓު ހުށަހެޅި އިރު އާމްދަނީ ހޯދަން ހިމަނާފައިވާ ކަންކަމާއި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް އެ އަދަދާ ގާތަށް ވެސް އާމްދަނީ އެއް ނުލިބުނެވެ. އަދި ކޮވިޑާ ގުޅިގެން އިތުރު ހަރަދުތައް ކުރަން ޖެހި އިގްތިސާދީ ހާލަތު އިތުރަށް ގޯސްވީއެވެ. ފިނޭންސް މިނިސްޓްރީގެ ހިސާބުތަައް ދައްކާގޮތުން މިއަހަރު މިހާތަަނަށް 20 ބިލިއަނަށްވުރެ ގިނަ ރުފިޔާއަށް ވަނީ ހޭދަކޮށްފައެވެ.
މިއަހަރުގެ ބަޖެޓާމެދު އިދިކޮޅުގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީވެސް ދަރަނި ބޮޑުވުމެވެ. މިފަދަ ހާލަތެއްގައި36 ބިލިއަންގެ ބަޖެޓެއް ހުށައަޅަން ހެޔޮނުވާނެ ކަމަށް އިދިކޮޅުގެ މެންބަރުން ދެކެއެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓު 25 ބިލިއަނަށް ކުޑަކުރަން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގޮވާލެއްވީ އެ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. ސަލީމް ވިދާޅުވި ގޮތުގައި ކޮވިޑުގެ ހާލަތުގައި ދަރަނި އިންތިހާއަށް މައްޗަށް ދިއުމުން ދެން މަސައްކަތް ކުރަަން ޖެހޭނީ ދަރަނި ކުޑަކުރާށެވެ. އެހެން ނަމަވެސް އޭގެ ބަދަލުގައި ދަރަނި ކުރިން ހުރި މިންވަރުގައި ހިފަހައްޓައިގެން ކުރިއަށް ދިއުމަކީ ދައުލަަަތަށް އަދި ރައްޔިތުންނަށް ވެސް ނުއުފުލޭނެ މާލީ ބުރައެކެވެ.
ކޮންމެ އަހަރަކުވެސް 14 ބިލިއަނެއްހާ ރުފިޔާ ދަރަނިވެރި ވާކަމަށްވެސް ސަލީމް ފާހަގަކުރެއްވިއެވެ. އަދި ޑޮލަރުގެ އަގު ބޮޑެތި ތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ދިއުމުގެ ކަންބޮޑުވުންވެސް ސަލީމް ފާޅުކުރެއްވިއެވެ.
"ބަޖެޓުގެ ދަރަނި ބޮޑުވެގެން ގޮސް ޑޮލަރުގެ އަގު ނުހިފޭއްޓިގެން މި އުޅެނީ. ޑޮލަރު ރާއްޖެއަށް ނުވަންނަކީ ނޫން. ޑޮލަރު ރާއްްޖެއަށް ބޭނުންވާ ވަރަށް އެބަ ވަދޭ. އެއީ ބޮޑު އަގުގައި ގަންނަން ވެއްޖިއްޔާ ފައިސާ އެބަ ލިބޭ ވިއްޔާ. ނުލިބިގެން އުޅޭކަށް ނުޖެހޭ. އެހެންވީމާ އަޅުގަނޑުމެން އެ ކަންތައްތައް ކުރިއަށް ދެވޭނީ ދައުލަތުގެ ދަރަނި އިންތިހާއަށް ކުޑަކޮށްގެން. އަޅުގަނޑު ގޮވާލަން ދައުލަތުގެ ބަޖެޓު 25 ބިލިއަނަށް ކުޑަކުރުމަށް. ކުޑަކޮށްފައި އަލުން ބަޖެޓު މި މަޖިލީހަށް ގެނައުމަށް." ސަލީމް ވިދާޅުވި އެވެ.
ދައުލަތުގެ ދަރަނި ބޮޑުވުމުގެ މައްސަލާގައި މެންބަރުންގެ ކަންބޮޑުވުންތައް ހުރުމާއެކު ބައެއް މެންބަރުން ވަނީ އެކަމަށް އޮތް ހައްލުތަކެއްވެސް ހުށައަޅާފައެވެ. ބަޖެޓު ބަހުސްގައި ދައުލަތުގެ ދަރަނި ކުޑަ ކުރެވޭނެ ގޮތްތަކެއް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ހުށައެޅުއްވިއެވެ. ނިމިގެން ދިޔަ ސަރުކާރުން އެޅި ބުރިޖާއި ހައުސިން ޔުނިޓްތަކާއި އެހެނިހެން މަޝްރޫއުތަަކަށް ދަރަނީގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުން 15.6 ޕަސެންޓް ދައްކަން ޖެހޭތީ ސަނީފް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ދަރަނި ކުޑަ ކުރެވިދާނެ ކަމަށް ފެނިވަޑައިގަންނަވާ ބައެއް ކަންކަން އޭނާ ހުށައެޅުއްވިއެވެ.
އެގޮތުން، އޮފީސްތައް ހިންގަން އިމާރާތްތައް ކުއްޔަށް ނެގުމުގެ ބަދަލުގައި ސަރުކާރާއި ކުންފުނިތަކަށް ހާއްސަ އިމާރާތްތަކެއް ހަމަޖައްސަން އޭނާ ހުށައެޅުއްވިއެވެ. ލާމަރުކަޒީ އުސޫލުގެ ދަށުން އަތޮޅުތަކުގައި ސަރުކާރާއި ކުންފުނިތަކުގެ ބައެއް އޮފީސްތައް ހިންގޭނެ ކަމަށް ވިދާޅުވިއެވެ. އަދި ދައުލަތުގެ ބަޖެޓު ކުޑަކުރުމުގެ ގޮތުން އެސްޓީއޯ އިން މިހާރު ތެލުގެ ވިޔަފާރި ކުރާ އުސޫލު ބަދަލުކުރުމަށް ވެސް ގޮވާލެއްވިއެވެ.
"ކޮންމެ އޮޑިޓް ރިޕޯޓެއްގައި ވެސް އޮވޭ އެ ބަޔަކު ކުއްޔަށް ދޭން ޖެހޭ އަގު އޮފީސް ހިންގުމަށް ކުރާ ހަރަދަށް ވުރެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު މި ބަޖެޓުން އެ ބޭފުޅުންނަށް ދޭން އެބަ ޖެހެއޭ ބޮޑަށް. މިއީ ދައުލަތުން ކުޑަކުރަން ޖެހޭ ހަރަދެއް. މިކަން ކުޑަކުރެވެން އޮތީ ސީދާ ސަރުކާރުން،" ސަނީފް ވިދާޅުވި އެވެ.
ފިއުލް ސަޕްލައިގެ ބަދަލުގައި ތެލުގެ ރީޓެއިލް ވިޔަފާރި ހުރިހާ ކުދި ވިޔަފާރިތަކަށް ދޫކޮށްލުމުން ދަރަނި ބޮޑުތަކުން ކުޑަ ކުރެވިދާނެ އެވެ. ސަބަބަކީ އެސްޓީއޯ އިން އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މެދުވެރުކޮށް ކުދި ވިޔަފާރިތަކަގެ ތެރެއަށް ވަނުމެވެ. އަދި ސަޕްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފިއުލް ސަޕްލައި ހިންގުމުން ދައުލަތު ހަރަދުތައް ބޮޑުވުމެވެ.
ބަޖެޓްގައި ދާއިރާތަކަށް އޮތީ ތަފާތު
ކޮންމެ ފަހަރަކުވެސް ބަޖެޓުގައި ހިމެނޭ ޕީއެސްއައިޕީ މަޝްރޫއުތަކާއި ގުޅިގެން މެމްބަރުންގެ ގިނަ ޝަކުވާތަކަކާއި ބޮޑެތި ކަންބޮޑުވުންތަކެއް ހުރެއެވެ. ބައެއް ދާއިރާތަކަށް މަޝްރޫއުތައް މަދުވުމާއި އެއްވެސް މަޝްރޫއެއް ހިމެނިފައި ނެތުން ފަދަ ޝަކުވާތައް މެންބަރުން ކުރައްވައެވެ. ބައެއް ދާއިރާތަކުގައި ހިންގާ މަޝްރޫއުތައް އިތުރުވެ އަދި ކުރާ ހޭދަ ބޮޑުއިރު ބައެއް އެހެން ދާއިރާތަކަށް ހޭދަކުރާނެ ފައިސާއެއް ނުހުރެއެވެ. ސަރުކާރުގައި ނުފޫޒުގަދަ މެމްބަރުންގެ ދާއިރާތަކަށް އިސްކަންދޭ ކަމުގެ ޝަކުވާ ބޮޑެވެ. ނަމަވެސް އެއީ އަބަދުވެސް އެކަން ހިނގާ ގޮތެވެ.
ސަރުކާރަށް އިހުލާސްތެރި މެމްބަރުންނަށް ފައިދާވާ ގޮތަށް ބަޖެޓުން ބޮޑުބައި ދީ އިދިކޮޅު މެމްބަރުންނާ މެދު ތަފާތުކުރުންތައް ގެންގުޅޭ ކަމުގެ ޝަކުވާއަކީ މިއަދު އޮތް ޝަކުވާއެއް ނޫނެވެ. މިއަހަރު އެ ޝަކުވާ އެބައޮތެވެ. އެކަމަކު މިފަހަރު އެކަން ތަފާތުވާ އެއް ކަމެއް އެބައޮތެވެ. އެއީ މި ފަހަރުގެ މަޖިލީހުގައި ސަރުކާރަށް ސާފު މެޖޯރިޓީ އޮތެ ސަރުކާރަށް ތާއީދުކުރާ މެންބަރުން ނިސްބަތްވާ ދާއިރާތަކުގައި ހަމަހަމަކަން ގާއިމުކޮށްފައި ނެތުމެވެ.
ބަޖެޓުގައި ދާއިރާތައް ތަފާތުކޮށްފައިވާ ކަމަށް ވިދާޅުވެ އެންމެ ފުރަތަމަ ޝަކުވާ ކުރެއްވީ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް އެވެ. މިދިޔަ އަހަރު ބަޖެޓު ފާސް ކުރީ ވަރަށް ފޮނި އުއްމީދުތަކާއެކު ނަމަވެސް މިއަހަރު ނިމެން ކައިރިވީ އިރުވެސް ފެނުނީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ކަނޑިތީމުގެ ދާއިރާއަށް އިހުމާލުވެފައި އޮތް މަންޒަރު ކަމަށް ވިދާޅުވެ އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން މެމްބަރުން މިހާތަނަށް ވެސް މަސައްކަތް ކުރައްވަމުން ދިޔައީ މަޖިލީހުގައި ވަރަށް ފުރިހަމައަށް ބަހުސްކޮށް ރައްޔިތުންގެ އެދުމުގެ މަތިން ކަންކަން ބަޖެޓުގައި ޖެހުމަށްފަހު އެކަން ތަންފީޒުކުރުމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް މިދިޔަ އަހަރުގެ ބަޖެޓުގައި ހުރި ކަންކަން ތަންފީޒެއް ނުވެ އެވެ. އެކަމުގެ އަމަލީ މަސައްކަތް ނުފެށި، އަސާސީ ހައްގުތައް ކަށަވަރުނުކުރެވިގެން ދިއުމުން ކަންބޮޑުވުން ޝަހީމް ފާޅުކުރެއްވި އެވެ.
ޝަހީމެކޭ އެއްފަދައިން ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވެސް ވަނީ އެކި ދާއިރާތަކަށް ދައުލަތުގެ ބަޖެޓުގައި ތަފާތުކުރުންތައް ގެންގުޅޭތީ ފާޑުކިޔުން އަމާޒުކުރައްވާފަ އެވެ. ބަޖެޓު ކިތަންމެ ފުރިހަމަކޮށް އެކުލަވާލި ނަމަވެސް ބަޖެޓު ތަންފީޒުކުރުމުގައި އެކި ދާއިރާތަކަަށް ބޮޑެތި ތަފާތުކުރުންތައް ގެންގުޅޭ ކަމަށް އޭނާ ވިދާޅުވެއެވެ.
ޒާހިރު ފާހަގަކުރެއްވި ގޮތުގައި ގދ. ވާދޫ ސްކޫލުގެ ހާލަތު ބަދަލުކުރައްވަން ފާއިތުވި ތިން އަހަރުވެ މަސައްކަތް ކުރައްވާ އެކަމަށް މާބޮޑު ބަދަލެއް ގެނެވިފައެއް ނުވެއެވެ.
"އެއީ އަޅުގަނޑުގެ ވަރަށް ބޮޑު މައްސަލައެއް. ތަފާތުކުރުން. އެކި ދާއިރާތައް އެކި ލެވަލްގައި ތަފާތު ގެންގުޅުން އެއީ މި ސަރުކާރުން ގެންގުޅޭ ވަރަށް ދޯހަޅި ސިޔާސަތެއް." ޒާހިރު ވިދާޅުވި އެވެ.
ބަޖެޓު ބަހުސްގެ މަރުހަލާގެ ތެރެއިން ބަޖެޓާ ބެހޭ ގޮތުން ޖަވާބުދާރީވެ ފިނޭންސް މިނިސްޓަރާ ސުވާލު ކުރެއްވުމުގެ ފުރުސަތު މެމްބަރުންނަށް ލިބިވަޑައިގަންނަވާނެ އެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަން މިނިސްޓަރަށް ޖުމްލަ 45 މިނެޓު ލިބިވަޑައިގަންނަވާނެ އެވެ. ބަޖެޓުގެ ބަހުސަށްފަހު އެކުލަވައިލާ ރިޕޯޓަށް ވެސް ބަހުސް ކުރުން އޮންނާނެ އެވެ. ބަޖެޓު ދިރާސާ ކުރާނީ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީގެ ހުރިހާ މެންބަރުން ހިމެނޭ ޖޮއިންޓް ކޮމިޓީ އަކުންނެވެ. ބަޖެޓު ދިރާސާކުރުމަށް އެންމެ ލަސްވެގެން ނޮވެމްބަރު 18 ވަނަ ދުވަހުގެ ކުރިން ބަޖެޓު ކޮމިޓީގެ ރިޕޯޓް ރިޔާސަތަށް ފޮނުވަންޖެހެ އެވެ. އަދި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުން ނޮވެމްބަރު 22 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ.