ދައުލަތުގެ ބަޖެޓް

ހަގީގަތަށް ނުވާ އަދަދުތައް ދައުލަތުގެ ބުރަައަކަށް!

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ފޮތުގެ ބޭރު ކަވަރު
0%
0%
0%

ދައުލަތުގެ ބަޖެޓަކީ އަންދާޒީ ނަންބަރުތަކެކެވެ. ސަރުކާރުގެ ދައުރަކީ އެ ނަންބަރުތައް ހަގީގަތަކަށް ހަދައިދިނުމެވެ. އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑާއި ސިޔާސަތުތައް އެކުލަވާލައި ތަންފީޒު ކޮށްދިނުމެވެ. ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެހެން އިދާރާތަކުގެ އެހީތެރިކަން އެމަސައްކަތުގައި ސަރުކާރަށް ބޭނުންވާނެ އެވެ.

ސަރުކާރުގެ ފަރާތުން ދައުލަތުގެ ބަޖެޓް އެކުލަވާލައި މަޖިލީހަށް ހުށަހަޅުއްވަނީ ފިނޭންސް މިނިސްޓަރެވެ. ބަޖެޓު މަޖިލީހަށް ހުށަހެޅުމަކީ ސަރުކާރުގެ މައްޗަށް އޮތް ގާނޫނީ ޒިންމާ އަކަށްވާތީ ސަރުކާރުން އެކަން ކުރަމުން ގެންދެ އެވެ. އެކަމަކު ސަރުކާރުން ހުށަހަޅާ ގޮތަކަށް ބަޖެޓު ފާސްކޮށްދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ނޫނެވެ. ދައުލަތަށް ގެއްލުން ލިބިދާނެ ކަމަށް ފެންނަ އަދަދުތަކެއް ބަޖެޓުގައި ހުރިނަމަ އެކަމެއް އިސްލާހުކުރުމަކީ މަޖިލީހުން ކުރަންޖެހޭ ކަމެކެވެ. ހަގީގަތަކަށް ހެދޭނެ ކަމަށް ގަބޫލުނުކުރެވޭ އަދަދުތަކެއް ބަޖެޓުގައި ހުރި ނަމަ އެ އަދަދުތައް އުނިކޮށް ބަޖެޓު ހަމަޖެއްސުމަކީ މަޖިލީހުގެ ގާނޫނީ ޒިންމާ އެކެވެ. އެކަމަކު ސަރުކާރުން މަޖިލީހަށް ހުށަހަޅާ ގޮތަށް ދައުލަތުގެ ބަޖެޓު ފާސްކޮށްދިނުމަކީ މަޖިލީހުގެ އާންމު ސަގާފަތެކެވެ. ކުދިކުދި ބަދަލުތައް މަޖިލީހުގެ ތެރެއިން ބަޖެޓަށް ނުގެންނަ ވާހަކައެއް ނުދަންނަވަމެވެ.

އަންނަ އަހަރުގެ ބަޖެޓު ބެހިގެންވާ ގޮތާއި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީއާއި ހަރަދާއި ދަރަނި

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި މިދިޔަ އާދިއްތަ ދުވަހު މަޖިލީހަށް ހުށަހެޅީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އަކީ 24.3 ބިލިއަން ރުފިޔާ އެވެ. އެކަމަކު 34 ބިލިއަން ރުފިޔާ ހަރަދުކުރަން ބަޖެޓުގައި ހިމަނާފައިވެ އެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓަކީ 9.7 ބިލިއަން ރުފިޔާގެ ދަރަނި ބޮޑު ބަޖެޓެކެވެ.

އަންނަ އަހަރުގެ ބަޖެޓުން އެކަނި އުފެދޭ ދަރަނީގެ އަދަދާ މެދުވެސް ބައެއް ބޭފުޅުން ކަންބޮޑުވެ އެވެ. އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ އެހާ ދަރަނި ބޮޑު ބަޖެޓެއް އޭނާ ދުވަހަކު ވެސް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ދަރަނީގެ އަދަދަށް ހެޔޮ ބަދަލުތަކެއް އަންނަމުން ނުދާއިރު މި ސަރުކާރުގެ އިސް ވެރިންގެ ވިސްނުމުގައި އާމްދަނީ ހޯދާނެ ހަރުދަނާ ގޮތްތަކެއް ހުރި ކަމަކަށްވެސް ޝިޔާމް ގަބޫލެއް ނުކުރައްވަ އެވެ.

"[މިއީ ގާތްގަނޑަކަށް] 10 ބިލިއަން [ރުފިޔާގެ ދަރަނި]. މުޅި ރާއްޖޭގެ ހަޔާތުގައި، އަދި މަޖިލީހުގެ ހަޔާތުގައިވެސް 10 ބިލިއަން ރުފިޔާގެ ދަރަނި ބަޖެޓެއް ފޮނުވާފައެއް ނުވޭ،" މަޖިލީހުގައި ޝިޔާމް ވިދާޅުވި އެވެ.

ދުނިޔެ ވެސް އަދި ރާއްޖެ ވެސް ކުރިން އެކަމަކަށް ތައްޔާރު ނުވެ ތިއްބާ ކޮވިޑް 19ގެ އާލަމީ ވަބާ ދިވެހިންނާ ބައްދަލުކުރީ 2020 ވަނަ އަހަރު އެވެ. ކޮވިޑާ ގުޅިގެން ކުރަންޖެހުނު ބޮޑެތި ހަރަދުތަކާ އެކު 2020 ވަނަ އަހަރުގެ ބަޖެޓުން ސަރުކާރުން ވަނީ 30.2 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެ ހަރަދާ އެކު އެ އަހަރު އެކަނި 13.5 ބިލިއަން ރުފިޔާގެ ދަރަނި އިތުރުވި އެވެ. މި އަހަރު ނިމެން 59 ދުވަހަށް ވެފައިވާއިރު ހަމައެކަނި މިއަހަރުގެ ބަޖެޓުން 13 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ ދަރަނި އިތުރުވާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން މިހާރު ލަފާ ކުރެ އެެވެ.

އާމްދަނީ ހޯދުމަށް ބަޖެޓުގައި ހިމަނާ އަދަދުތަކާ އެއްވަރަށް ދައުލަތަށް އާމްދަނީއެއް ނުލިބެ އެވެ. އެކަމަކު ކުރާ ހަރަދު އަހަރުން އަހަރަށް މައްޗަށްދެ އެވެ. އާމްދަނީއާ ނުބައްދަލު ހަރަދެއް ކުރާނަމަ ދައުލަތުގެ ދަރަނި އިތުރުވާނެކަން އެއީ އާންމު ވިސްނުމަކުން ވިސްނާލި ނަމަވެސް އެނގޭ ކަމެކެވެ. ދަރަނީގެ ހާލަތަށް ހެޔޮ ބަދަލެއް އަންނަމުން ނުދާއިރު 2022 ވަނަ އަހަރުގެ ނިޔަލަށް ދިވެހި ދައުލަތުގެ ޖުމްލަ ދަރަނި 94 ބިލިއަން ރުފިޔާ އަށް އިތުރުވެ އެެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 122 އިންސައްތަ އެވެ.

އަހަރުން އަހަރަށް ދައުލަތުގެ ޖުމްލަ ދަރަނި ހުރި ގޮތް ދައްކުވައިދޭ ޗާޓެއް

ދަރަނީގެ ނުރައްކާ ބޮޑުވަމުންދާތީ ސަރުކާރުން ވަނީ އެކަމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ. އެގޮތުން މެދުރާސްތާގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ފިސްކަލް ސަސްޓެއިނަބިލިޓީ ދެމެހެއްޓުމަށްޓަކައި ތިން ކަމެއް ކުރުމަށް ވަނީ ނިންމާފަ އެވެ.

ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް

  • 2023 ނިމެންވާއިރަށް ދައުލަތުގެ ސީދާ ދަރަނި ޖީޑީޕީގެ ނިސްބަތުން 105 އިންސައްތައަށް ތިރިކުރުން.
  • 2023 ގެ ނިޔަލަށް ޕްރައިމަރީ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 އިންސައްތައަށް ތިރިކުރުން
  • ބަޖެޓު ޑެފިސިޓް އަދި ދައުލަތުގެ ދަރަނި އަހަރަކަށްފަހު އަހަރެއް ކުޑަވަމުންދާ މިސްރާބަކަށް ގެނައުން.

ސަރުކާރުން ބޭނުންވާ ފިޔަވަޅުތައް އެޅިއްޖެނަމަ ދައުލަތުގެ ސީދާ ދަރަނި 2022 ވަނަ އަހަރާއެކު 104 އިންސައްތައަށް ތިރިކުރެވި 2023 ވަނަ އަހަރު ނިމޭއިރު 101 އިންސައްތައަށް ތިރިކުރެވޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. ދަރަނި ކުޑަކުރަން ހިފާފައިވާ އަމާޒުތަކަށް ވާސިލް ވެވޭނީ އަންނަ އަހަރު ބަޖެޓު ޑެފިސިޓާއި ބަޖެޓް ފައިނޭންސިންގެ ގޮތުގައި ހޯދުމަށް ސަރުކާރުން ހުށަހަޅާފައިވާ ބޮޑެތި އަދަދުތައް ލިބިގެންނެވެ. މީގެއިތުރުން ސަރުކާރުން ލަފާކުރާ އާމްދަނީއާއި، އާމްދަނީ ހޯދުމަށް ބަޖެޓުގައި ޖަހާފައިވާ އާ ކަންތައްތަކުން ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ ލިބިގެންނެވެ. މިދިޔަ ހަތަރު ފަސް އަހަރުގެ މާޒީ އަށް ބަލާއިރު ސަރުކާރުން ހޯދަން ކަނޑައަޅާފައިވާ އަދަދުތައް ވަކިން ހާއްސަކޮށް ބޭރުން ހޯދަން ނިންމާފައިވާ ލޯންތަކާއި ހިލޭ އެހީ ލަފާކުރާ އަދަދާ ގާތަށްވެސް ލިބިފައެއް ނުހުރެ އެވެ. އެކަމަކު ސަރުކާރުން ކުރާ ހަރަދު އަހަރުން އަހަރަށް ދަނީ މައްޗަށެވެ. އެހެންކަމުން ދަރަނީގެ އަދަދުތައް ކުޑަކުރަން ސަރުކާރުން ބޭނުންވާ މިންވަރަށް އެކަން ކުރެވިދާނެ ކަމާ ދޭތެރޭ ބައެއް ބޭފުޅުން ސުވާލު އުފައްދަވަ އެވެ. އެ ސުވާލު އެންމެ ބޮޑަށް އުފައްދަވަނީ ހަގީގަތަކަށް ނުހެދޭނެ އަދަދުތައް ބަޖެޓުގައި ޖަހާތީ އެވެ.

މިސަރުކާރުގެ ދިފާއުގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށްވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ގަބޫލުކުރައްވާ ގޮތުގައި ކޮންމެ އަހަރަކު ބަޖެޓްގައި އަދަދުތަކެއް ޖެހިނަމަވެސް އެގޮތަށް ކަންކަން ތަންފީޒުވެގެނެއް ނުދެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ތިން އަހަރުގައި ހުށަހެޅި ދައުލަތުގެ ބަޖެޓުތަކުގައި ވެސް އާމްދަނީ ހޯދުމަށާއި ދަރަނި ކުޑަކުރަން ކުރާނެ ކަމަށް ބުނި ގިނަ ކަންކަން ނުވެ ހުރިކަން ޝަރީފް ފާހަގަކުރެއްވި އެވެ. އެހެންކަމުން ޝަރީފް ހުށަހަޅުއްވަނީ ހަމައެކަނި ދައުލަތުގެ މާލިއްޔަތުން ހޭދަކޮށްގެން ކުރެވޭ ވަރުގެ ކަންކަން އެކަނި އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށެވެ.

"ތަންފީޒު ނުވާ އެތައް ކަމެއް މި ބަޖެޓްގައި ޖެހުމަށް ވުރެ ތަންފީޒު ވާނެ ދައުލަތުގެ މާލިއްޔަތަށް ކުރެވޭ އެންމެ ކަމެއް ތެދުވެރިކަމާއެކު ބަޖެޓްގައި ހިމަނާ ގޮތަށް، މިފަހަރު ބަޖެޓް ފާސްކުރަން ވާނީ،" ބަޖެޓް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ޝަރީފްގެ ހިޔާލު ހުރި ގޮތް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފައިނޭންސްކުރުމަށް ޖުމްލަ 13.4 ބިލިއަން ރުފިޔާގެ ބޮޑު އަދަދެއް ހޯދުމަށް ސަރުކާރުން ނިންމާފައިވެ އެވެ. މީގެތެރެއިން 7.5 ބިލިއަން ރުފިޔާ ބޭރުގެ ފަރާތްތަކުން އަދި އެތެރޭގެ މާކެޓުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ހިމަނާފަ އެވެ.

ބަޖެޓް ފައިނޭންސް ކުރުމަށް ހޯދާ އަދަދުތައް

  • ބަޖެޓު ޑެފިސިޓް ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާ
  • ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ
  • ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޓްރާންސްފާ ކުރާ 769.2 މިލިއަން ރުފިޔާ
  • އެހެނިހެން ގޮތްގޮތުން ފައިނޭންސްކުރަންޖެހޭ 35.7 މިލިއަން ރުފިޔާ

އަންނަ އަހަރު ރާއްޖެއިން ބޭރުގެ ފަރާތްތަކުން ލިބޭނެ ކަމަށް އަންދާޒާކުރާ ފައިނޭންސިން އަށް ބަލާއިރު 200 މިލިއަން ޑޮލަރުގެ ޓްރެޒރީ ސެކިއުރިޓީއެއް ބޭރުގެ މާލީ ބާޒާރުގައި ވިއްކުމަށް ރާވާފައިވެ އެވެ. އަދި 50 މިލިއަން އެމެރިކާ ޑޮލަރު އިނޮވެޓިވް ފައިނޭންސިން އިންސްޓްރޫމަންޓެއް މެދުވެރިކޮށް ހޯދުމަށް ހިމަނާފައިވެ އެވެ. މީގެ އިތުރުން ބަޖެޓު ސަޕޯޓުގެ ގޮތުގައި 50 މިލިއަން އެމެރިކާ ޑޮލަރު އަންނަ އަހަރު ހޯދުމަށްވެސް ހިމަނާފައިވެ އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. މީގެތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބޭ 15.4 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތް ގޮތުން ލިބޭ ހަ ބިލިއަން ރުފިޔާގެ އިތުރުން ހިލޭ އެހީއާއި އެހެނިހެން ގޮތް ގޮތުން ސަރުކާރުން ހޯދާ ފައިސާގެ ގޮތުގައި ލިބޭ 2.9 ބިލިއަން ރުފިޔާ އެވެ. އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އާ ކަންތައްތަކުން 727 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

އާމްދަނީ އިތުރުކުރަން ހުށަހަޅާ އާ ކަންތައްތައް

  • ޕްލާސްޓިކް ކޮތަޅު ޓެކްސް - 47.7 މިލިއަން ރުފިޔާ
  • ޓޫރިޒަމަށް ބިން ދޫކުރުން - 148 މިލިއަން ރުފިޔާ
  • ރިއަލް އެސްޓޭޓް ޓޫރިޒަމުން ލިބޭ - 231.3 މިލިއަން ރުފިޔާ
  • ބިން ވިއްކުން - 300 މިލިއަން ރުފިޔާ

އާމްދަނީ އިތުރުކުރަން ހުށަހަޅާ އާ ކަންތައްތަކުގެ ތެރޭގައި އަންނަ އަހަރު މުޅިން އަލަށް އަނެއްކާވެސް ޓެކްސްއެއް ނެގުމަށް ހުށަހެޅުމުން ސަރުކާރަށް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ޕްލާސްޓިކް ކޮތަޅުން ޓެކުހެއް ނަގައިގެން 47 މިލިއަން ރުފިޔާ ހޯދުމަށް އިސްކަން ދިނުމަށް ވުރެ އާމްދަނީ ހޯދުމަށް ގެންގުޅޭ ވިސްނުން ސަރުކާރުން ފުޅާކުރަންޖެހެ އެވެ.

އެގޮތުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ޕްލާސްޓިކް ކޮތަޅަކުން ޓެކްސް ނެގުމުގެ ބަދަލުގައި އާމްދަނީ އިތުރުކުރުމަށް އެއާޕޯޓްގެ އާ ރަންވޭ އާއި ސީޕްލޭން ޓާމިނަލް ފަދަ ނިމިފައި ހުރި ތަންތަން ހުޅުވާ ހިދުމަތް ދީގެން ރާއްޖެއަށް އަންނަ ޓޫރިސްޓުން އަދަދު އިތުރުކުރުން މާ މުހިއްމު ކަމަށެވެ. އޭރުން ޕްލާސްޓިކް ކޮތަޅަކުން ޓެކުހެއް ނަގައިގެން އާންމު ރައްޔިތު މީހާއަށް ތަކުލީފް އުފުލަން ޖެއްސުމުގެ ބަދަލުގައި ލިބޭ އާމްދަނީ މާބޮޑަށް ވެސް ރަނގަޅުވާނެ ކަމަށް ސައީދު ގަބޫލުކުރައްވަ އެވެ.

"މިއަދު ޕްރައިވެޓް ޖެޓްތައް ޖައްސާފަ އެހެރީ ޖީއެމްއާރުން ކުނި ވަޅުލި ތާންގައި. ކުނި ނަގާފަ، އޭޕްރަން ހަދާފަ އެވަނީ. އެއީ އާމްދަނީ އަކީ. ޕްލާސްޓިކް ކޮތަޅުގަނޑެއް ފަހަތަކުން ނޫން ދުވަންވީ. އެއަށްވުރެއް އަޅުގަނޑުމެންގެ ވިސްނުން ފުޅާވާންޖެހޭ. އާންމު ރައްޔިތު މީހާ ގެންގުޅޭ ޕްލާސްޓިކް ކޮތަޅުން ޓެކުހެއް ނޫން ނަގަންވީ، ރަންވޭ ހުޅުވަންވީ. އެކަން އަވަސް ކުރަންވީ" ސައީދު ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓުގައި ހަރަދުކުރަން ހިމަނާ ފައިސާ ހަރަދުކުރުމުގައި އިންސާފެއް ނެތި އެކަން ކުރުމުން ލިބޭ ގެއްލުން ވެސް ވަރަށް ބޮޑެވެ. އެކަމަކު ސިޔާސީ ބޭނުމަށް، މާބޮޑު ފައިދާއެއް ނެތް ގޮތްގޮތުގައި އަދި ވަކި ބައެއްގެ ތާއީދު ހޯދުމަށް އަމާޒުކޮށްގެން ބަޖެޓުގައި ހިމަނާ ފައިސާ ހަރަދުކުުރުމަކީ ސަރުކާރު ތަކުގެ އާންމު ސަގާފަތެކެވެ. ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އަށް ސަނާ ކިޔާ ފަރާތްތަކަށް ކިތަންމެ ބޮޑު އަދަދެއް ދައުލަތުން ހޭދަކޮށްގެން ނަމަވެސް ކަންކަން ކޮށްދިނުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. ދައުލަތުގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ދަރަނި މައްޗަށް ގޮސްފައިވާއިރު އެގޮތަށް ސަރުކާރު ތަކުން އަމަލުކުރުމަކީ ވެސް ބައެއް ބޭފުޅުންގެ ކަންބޮޑުވުމެކެވެ.

"ގައިޑްލައިނެއް ހަދައިގެން ބަޖެޓުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު ހުރިހާ ކަމެއްވެސް ގަވައިދުން ކުރިއަށް ގެންދިއުމަށް އެދެން. ބަޖެޓުގައި ހުރިހާ ތަނަކަށް ވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މީހުންނަށް އެކަނި ކަންކަން ނޯންނަ ގޮތަކަށް، ރާއްޖޭގެ ހުރިހާ ރަށެއްވެސް ވަކި ތަފާތުކުުރުމެއް ނެތި ބަޖެޓް އޮޕަރޭޓްވެގެން ދިއުމުގެ މައްޗަށް ބާރު އަޅައިދިނުމަށް އަޅުގަނޑު އެދެން،" ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިދިޔަ އާދިއްތަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާ އަށް ބަޖެޓް ހުށަހަޅުއްވަނީ -- ފޮޓޯ: މަޖިލިސް

މަލްޓި މިލިއަން ޑޮލަރުގެ ވިޔަފާރިތައް ކުރައްވާ ބޭފުޅެއް ކަމުގައިވާ ޖާބިރު އިތުރަށް ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭ ކަމަށެވެ. އެގޮތުން ރިސޯޓު ހަދަން ދޫކޮށް، ނުހެދި ހުރި ރަށްތައް ނިންމަން ބޭނުންވާ ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ ފައިނޭންސް ހޯދާ، އެ ރަށްތައް ހުޅުވޭނެ ގޮތެއް ހޯދުމަކީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ސަރުކާރުން މިވަގުތު ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި ރާއްޖޭގައި ހިންގާ ބޭންކްތަކާއި މާލީ އިދާރާތަކުން ބޮޑެތި އަދަދުތަކުން ލޯން ނުލިބޭތީ ދައުލަތުން ސޮވެރިން ގެރެންޓީ ދެވެނޭ ހަރުދަނާ ގޮތްތަކެއް ދިވެހި ވިޔަފާރިވެރިންނަށް ފަހިކޮށްދިނުމަކީ ވެސް ޖާބިރު ގަބޫލުކުރައްވާ ގޮތުގައި ހާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަމެކެވެ.

ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅާފައިވާތީ ގައުމުގެ ހާލަތަށް ބަލައި ބަޖެޓުގެ އަދަދުތައް ހަގީގަތަކަށް ހަދަންޖެހެ އެވެ. ސަރުކާރުން ހުށަހަޅާ ގޮތަށް ބަޖެޓް ފާސްކުރުމުގެ ބަދަލުގައި ދައުލަތުގެ އިގްތިސާދީ ހާލަތާއި ދަރަނީގެ މިންވަރަށް ބަލައި ހަރަދުތައް ކޮންޓްރޯލް ކުރަން މަޖިލީހުން ވަރުގަދައަށް މަސައްކަތް ކުރަންޖެހެ އެވެ. މިވަގުތު ކޮންމެހެން ހިންގަންޖެހޭ ބޮޑު މަޝްރޫއެއް ފިޔަވާ އެހެން މަޝްރޫއުތައް މަޑުޖައްސާލުމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ކެނޑިނޭޅި އެދަނީ ސަރުކާރަށް އިލްތިމާސްކުރަމުންނެވެ. ބަޖެޓް ފާސްކުރާއިރު އެ ހުންނަނީ ވިސްނަންޖެހޭ އަދި ސަމާލުވާންޖެހޭ ކަންކަމެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
December
SunMonTueWedThuFriSat
123456789101112131415161718192021222324252627282930311234567891011