މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރަން ހުއްދަ ނުދީފިނަމަ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ކުޑަކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ އިތުރު އެއް އަހަރަށް އޯވަޑްރޯ ކުރަން ސަރުކާރުން މަޖިލީހުގެ ހުއްދައަށް އެދުމުން އެ މައްސަލަ ދިރާސާކުރަމުންދާ މާލިއްޔަތު ކޮމިޓީއަށް މިއަދު ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާ އެކު ކޮމިޓީ އަށް ވަޑައިގެން މިނިސްޓަރު އަމީރު ވިދާޅުވީ އޯވަޑްރޯ ކުރަން ހުއްދަ ނުލިބިއްޖެނަމަ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު 26 ބިލިއަން ރުފިޔާ އަށް ކުޑަކުރަންޖެހޭނެ ކަމަށެވެ. އެފަދަ ހާލަތެއްގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހުއްޓާލަން ޖެހި، އަލަށް ފެށުމަށް ރާވާފައިވާ މަޝްރޫއުތައް މަޑުޖައްސާލަން ޖެހޭނެ ކަމަށެވެ. މީގެއިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންގެ އަދަދު މަދުކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"ބަޖެޓު ކުޑަކުރެވިދާނެ 36.9 ބިލިއަން ރުފިޔާ އިން 26 ބިލިއަނަށް ކުޑަކުރެވިދާނެ. އޭރުން ޕީއެސްއައިޕީގެ ގިނަ މަޝްރޫއުތައް ހުއްޓާލަން ޖެހޭނެ. އަދި މުވައްޒަފުންގެ މުސާރަ ކުޑަކުރަން ވެސް ޖެހޭނެ." އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓަށް އިޝާރާތްކޮށް މިނިސްޓަރު ވިދާޅުވި އެވެ.
އޯވަޑްރޯ ކުރަން މުއްދަތު އިތުރުކުރަން ހުއްދަ ދީފިނަމަ ނިކުމެދާނެ މައްސަލަތަކެއް ކޮމިޓީގެ މެންބަރުން ވަރަށް ބޮޑަށް ފާހަގަކުރެއްވި އެވެ. އެކަމާ އެއްބަސްވެވަޑައިގަންނަވަމުން އަމީރު ވިދާޅުވީ ކޮވިޑްގެ އުދަގޫ ދުވަސްތަކުގައިވެސް ސަރުކާރުން ކަންކަން މެނޭޖްކުރި ގޮތަށް އަދިވެސް އެކަން ކުރެވޭނެ ކަމަށެވެ. އޯވަޑްރޯގެ މުއްދަތު އިތުރުކުރަން އެދުނީ އަދިވެސް ކޮވިޑްގެ ނުރައްކަލުން ސަލާމަތްވީ ކަމަށް ގަބޫލުނުކުރެއްވޭތީ ކަމަށްވެސް ވިދާޅުވި އެވެ.
ކޮވިޑާ ހެދި އިގްތިސާދީ އެތައް ދަތިތަކެއް އަދިވެސް ސަރުކާރަށް އެބަހުރި ކަމަށް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި މިހާރު މިއޮތް ހާލަތުގައި އިގްތިސާދު ހިފެހެއްޓިފައި އޮތީ ވެސް ސަރުކާރުން އަޅާފައިވާ ރަނގަޅު ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ވިދާޅުވި އެވެ. އެހެންވެ އޯވަޑްރޯ ކޮށްގެން އިގްތިސާދު އަދިވެސް ބެލެންސް ކުރެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ މެންބަރުންނަށް ދެއްވާފަ އެވެ.
ކޮމިޓީގައި މިނިސްޓަރު އެދިވަޑައިގަތީ އޯވަޑްރޯ ކުރުމުގެ ލިމިޓް 3.5 ބިލިއަން ރުފިޔާއަށް ހަމަޖައްސައިދިނުމަށާއި ނުދެއްކި ހުރި ފައިސާ ބޮންޑަކަށް ބަދަލު ކޮށްގެން އެ ފައިސާ އެމްއެމްއޭ އަށް ދައްކާ ގޮތަށެވެ. މިނިސްޓަރުގެ ހުށަހެޅުމުގައިވާ އޯޑީގެ އިންޓްރެސްޓް ރޭޓަކީ 0.1 ޕަސެންޓެވެ. ރާއްޖޭގެ ކުރީގެ އިގްތިސާދީ ހާލަތަށް ހުރިހާ ކަމެއް ބަދަލުވެ އިގްތިސާދު ރަނގަޅުވާނީ 2023 ގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ކުރިން އޯވަޑްރޯ ކުރީ ސަރުކާރަށް އާމްދަނީ ލިބޭ މިންވަރަކުން ފައިސާ ދައްކާ ގޮތަށް އެއްވެސް އިންޓްރެސްޓަކާ ނުލަ އެވެ. ކުރިން އޯވަޑްރޯގެ ލިމިޓަކަށް ކަނޑައެޅީ 4.4 ބިލިއަން ރުފިޔާ އެވެ.