ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުމަށް ތާވަލްކޮށްފި އެވެ.
ދައުލަތުގެ ބަޖެޓުގެ ގޮތުގައި އަންނަ އަހަރު ހުށަހަޅާނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބަޖެޓު ބަޔާން ދެއްވާނެ އެވެ. އެގޮތުން އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީ އާއި ހަރަދުގެ ތަފުސީލުތައް ދެއްވާނެ އެވެ.
މަޖިލީހަށް ބަޖެޓު ހުށަހެޅުމުން ބަހުސްކޮށް މަޖިލީހުގެ ކޮމިޓީން ބަޖެޓު ދިރާސާކުރާނެ އެވެ.
ރައީސް އޮފީހުގައި މިމަހުގެ 13 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އަންނަ އަހަރު ޖުމުލަ އާމްދަނީ ގާތްގަނޑަކަށް 30.7 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށެވެ.
ދައުލަތުގެ ބަޖެޓަށް އަންނަ އަހަރު އާމްދަނީ އިތުރުކުރުމަށް ބައެއް ކަންކަން ހިމެނުމަށް ދަނީ މަސައްކަތް ކުރަމުން ނެވެ. އެގޮތުން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ އިސްލާހު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. ޖީއެސްޓީ އިތުރު ކުރުމުން އަންނަ އަހަރު 3.1 ބިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
ޖީއެސްޓީ އިތުރުކުރުމުގެ އިތުރުން އަންނަ އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ބައެއް ކަންކަން ވަނީ ހުށަހަޅާފަ އެވެ. މީގެތެރޭގައި ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް އާއި ޓޫރިޒަމަށް ބިން ދޫކުރުމާއި ރިޔަލް އެސްޓޭޓް ޓޫރިޒަމް އަދި ބިން ވިއްކުން ހިމެނެ އެވެ. ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމުގެ ބިލު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.