ހަބަރު

ކްލެމެންސީ ބޯޑުން ވައްޑެ ވަކިކުރަން ހުށަހަޅައިފި

ކްލެމެންސީ ބޯޑުގައި ރައްޔިތުން މަޖިލީސް ތަމްސީލް ކުރައްވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު (ލޯޔަރު ވައްޑެ) ވަކި ކުރަން މަޖިލީހަށް ހުށަހަޅައިފި އެވެ. ދެ ބައިވެފައިވާ ޕީޕީއެމްގައި ވައްޑޭ ސަޕޯޓް ކުރައްވަނީ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަށެވެ.

ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް މަޖިލީހަށް މިއަދު ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ މަޖިލީހުން ކްލެމަންސީ ބޯޑަށް އައްޔަން ކުރާ މެންބަރެއްގެ ގޮތުގައި ވަހީދު ހުރި ނަމަވެސް އެ ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާ ކުރަން ޖެހޭ މައްސޫލިއްޔަތުތައް ފުރިހަމައަށް އަދާކުރަމުން ނުދާތީ އަދި އެ ބޯޑުގައި ރައްޔިތުން މަޖިލިސް އެކަށީގެންވާ ވަރަށް ތަމްސީލު ނުކުރެވޭތީ އެ މަގާމުން ވަހީދު ވަކިކުރަން ރައިސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުވުމަށް ހުށަހަޅާ ކަމަށެވެ.

މި ގަރާރަށް ބަހުސް ކުރުމަށް ވެސް މިއަދު ވަނީ ފާސްކޮށްފައެވެ. އެގޮތަށް ފާސް ކުރެއްވީ 18 މެންބަރުންގެ ވޯޓުންނެވެ. އެގޮތުން ގަރާރު ހުށަހެޅި މެންބަރު އާރިފް ވިދާޅުވީ ވައްޑެ ވަކިކުރަން ނިންމީ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭތީ ކަމަށެވެ. އެގޮތުން ކްލެމެންސީ ބޯޑަށް މިއަހަރު ވައްޑެ ހާޒިރުވީ 33 ޕަސަންޓު ދުވަހުގައި ކަމަށް އެ ގަރާރުގައިވެ އެވެ.

"ވަހީދަކީ އަޅުގަނޑުމެން އައްޔަން ކުރެއްވި މެންބަރެއް. އެހެންވެ އެ މެންބަރު ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށްވަނީ ނަމަ ބޭރު ކުރަން ޖެހޭނީ ވެސް އަޅުގަނޑުމެން. މިއީ އެހެން ސަބަބެއް އޮވެގެން ކުރާ ކަމެއް ނޫނެ،" އާރިފް ވިދާޅުވި އެވެ.

މިކަމާ މަޖިލީހުގައި ތަޅުމުގައި މެންބަރުން އަންނަނީ ބަހުސްކުރައްވަމުންނެވެ.