ހަބަރު

ބަޖެޓާ އެކު ނުވަ ރެކޮމެންޑޭޝަނެއް ފާސްކޮށްފި

Nov 17, 2016
12

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ތަޅުމުން ފާސްކުރާ އިރު ފިނޭންސް މިނިސްޓްރީގެ މައްޗަށް ލާޒިމް ކުރުމަށް ނުވަ ކަމެއް ނޫނީ ރެކޮމެންޑޭޝަނެއް މިއަދުގެ ބަޖެޓް ކޮމިޓީ އިން ބަޖެޓާ އެކު ފާސްކޮށްފަ އެވެ. ބަޖެޓް ކޮމިޓީގެ 15 މެންބަރުންގެ އަގުަލަބިއްޔަތުން ސަރުކާރުން ހުށާހެޅި 26.7 ބިލިއަން ރުފިޔާގެ ބަޖެޓަށް ވަނީ ރުހުން ދީފަ އެވެ.

މިއަދު ބޭއްވި ބަޖެޓް ކޮމިޓީގައި ބަޖެޓާ ގުޅޭ ގޮތުން ފިނޭންސުން އަމަލު ކުރުމަށް 14 ކަމެއް ހިމެނުމަށް މެންބަރުން ހުށަހެޅުއްވި އެވެ. ނަމަވެސް އޭގެ ތެރެއިން ފާސްވީ ނުވަ ރެކޮމެންޑޭޝަނެކެވެ. އެ ރެކޮމެންޑޭޝަންގެ ތެރެއިން ގިނަ ކަންކަމީ ދައުލަތުގެ އާމްދަނީ އާއި ހަރަދުތަކާ ގުޅޭ ގޮތުން ހުރި ކަންކަމެވެ. އަދި ހާއްސަކޮށް ސަރުކާރުގެ ހަރަދު އިތުރަށް ކުޑަކޮށް ރައްޔިތުންނަށް ދޭން ބޭނުންވާ އަސާސީ ހިދުމަތްތައް ކުރިއެކޭ ވެސް އެއްގޮތަށް ބަޖެޓްގެ ތެރެއިން ދިނުމަށް އަމާޒުކޮށްފައި ހުރި ރެކޮމެންޑޭޝަންތަކެކެވެ.

އޭގެ ތެރޭގައި އާސަންދައިގެ ހިދުމަތް ބުރޫ ނާރާނެ ގޮތަކަށް ދިނުމާއި ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކަށް އިސްކަން ދިނުން އަދި ދައުލަތުގެ ކުންފުނިތައް ވަރުގަދަ ކުރުން އަދި އާމްދަނީގެ ޓެކްސް ނެގުމަށް މަގު ފަހި ކުރަން މަސައްކަތް ކުރުން ފަދަ ކަންކަން ފާހަގަ ކޮށްލެވެ އެވެ.

ފާސްކުރި ރިކޮމެންޑޭޝަންތައް:

  • އިންކަމް ޓެކްސް ތައާރަފް ކުރަން
  • އެންސްޕާގެ ބަޖެޓު ކުޑަވީ ނަމަވެސް ހިދުމަތަށް ދަތި ނުވާނެ ގޮތަކަށް ދިނުން
  • އެއް މަސައްކަތެއް ކުރާ މިނިވަން މުއައްސަސާތައް އަދި ކުންފުނިތައް އެއްކޮށްލުން
  • ފޮރިން ކަރަންސީ ހިފަހައްޓަން ޕްރޮޖެކްޓުތަކުގައި ދިވެހި ކުންފުނިތަކަށް އިސްކަން ދިނުން
  • އުވާލަން ނިންމާފައިވާ ކުންފުނިތައް މިއަހަރު އުވާލުން
  • ކުންފުނިތަކުގެ މާލީ ބަޔާންތައް އާންމު ކުރުމާއި ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުން
  • މާލެ ފިޔަވާ ރަށްތަކަށް ގެންނަ ބޮޑެތި ވެހިކަލްތަކުގެ ޑިއުޓީ ކުޑަކޮށްދިނުމަށް
  • ޕީއެސްއައިޕީ ޕްރޮޖެންޓުތަކުގެ ޓެކްސް އުނިވަމުން ދާތީ އެކަން ބަލައި ދިރާސާ ކުރުން
  • ބޯހިޔާވެހިކަމުގެ މަޝްރޫއުތައް ވީހާވެސް އަވަހަކަށް ކުރިޔަށް ގެންދިޔުން

މީގެ ތެރެއިން އާސަންދަ އާއި ކުންފުނިތަކުގެ ހިންގުން ވަރުގަދަ ކުރުމާއި އިންކަމް ޓެކްސް ތައާރަފް ކުރުން އަދި ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކަށް އިދިކޮޅު އެމްޑީޕި އިން ވެސް ތާއީދު ކުރި އެވެ. އެހެން ނަމަވެސް އިންކަމް ޓެކްސް ނެގުމުގެ ރެކޮމެންޑޭޝަނަށް އިދިކޮޅު މެންބަރުން ތާއީދު ކުރެއްވި އިރު ސަރުކާރު މެންބަރުން ވަކިކޮޅަކަށް ވޯޓެއް ނުދެއްވި އެވެ. އެހެން ކަމުން އެ ރެކޮމެންޑޭޝަން ވެސް ކޮމިޓީ އިން ފާަސްވި އެވެ.

އެހެން ނަމަވެސް އެ ކަންކަން ފާސްވާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ވޯޓަށް އަހައިގެންނެވެ. ދެން އޮންނަ މަޖިލީހުގެ ޖަލްސާއެއްގައި މުޅި ބަޖެޓަށް ވޯޓަށް އެހުމުގެ ކުރިން ވަކި ވަކި ރެކޮމެންޑޭޝަންތައް ފާަސްކުރަން ތަޅުމުގައި ވޯޓަށް އަހާނެ އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 300 މިލިއަން ރުފިޔާގެ ޑެފިސިޓަކާ އެކު 26.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ރިކަރަންޓް ހަރަދު ވަނީ 11 ޕަސެންޓަށް ވުރެ ކުޑަކޮށްފަ އެވެ. މިއީ އަހަރުން އަހަރަށް ރިކަރަންޓް ހަރަދު ކުޑަކޮށް ހުށަހެޅި ފުރަތަމަ ބަޖެޓެވެ. އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދު ވަނީ 13.6 ބިލިއަން ރުފިޔާއަށް ކުޑަކޮށް، އެ ހަރަދު މުޅި ޖުމްލަ ބަޖެޓްގެ 49.3 ޕަސެންޓަށް ދަށްކޮށްފަ އެވެ.

އެ ހަރަދު މަދު ކުރީ މިނިވަން މުއައްސަސާތަކުގެ ބަޖެޓާއި މުވައްޒަފުންނަށް ކުރާ ހަރަދު އަދި ބައެއް ސަބްސިޑީތަކުގެ ހަރަދު ކުޑަކޮށްގެންނެވެ. އެހެން ނަމަވެސް ފިނޭންސުން ބުނަނީ މުވައްޒަފުންގެ މުސާރަ ކުޑަ ނުވާނެ ކަމަށާއި އާންމުންނަށް ދޭ ހިދުމަތްތަކަށް ވެސް ބުރުލެއް ނާރާނެ ކަމަށެވެ. އަދި ސަބްސިޑީތައް ވެސް ހައްގުވެރި ފަރާތްތަކަށް ލިބޭނެ ކަމުގެ ޔަގީންކަން ފިނޭންސުން ވަނީ ކޮމިޓީގައި ދީފަ އެވެ.