ދުނިޔޭގެ އެކި ހިސާބުތަކަށް ކަޅި ހިންގައި ބަލައިފިނަމަ އެންމެ ބާރަށް މަސްރަހު ބަދަލުވަމުންދާ އެއް ސަރަހައްދަކީ މެދުއިރުމައްޗެވެ. މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ދެބާރު ކަމަށްވާ އެމެރިކާ އާއި ރަޝިޔާއިން ވެސް އެއްބަޔަކު އަނެއް ބަޔަކަށް ތަޅާފޮޅަމުންދާ އެންމެ ހާއްސަ ސަބަބަކަށް ވެސް އޮތީ މެދުއިރުމައްޗަށް ދެ ގައުމުގެ ނޫފޫޒު ފޯރުވުމެވެ. އެމެރިކާ އާއި ރަޝިޔާއިން ވެސް މެދުއިރުމަތީގައި ހިންގަމުންދާ ކަންކަމަށް އެސަރަހައްދުން އެ ގައުމުތަކަށް ތާއީދާއި މަދަދު ހޯދަން އެންމެ އެދޭ ގައުމަކީ ތުރުކީ އެވެ. އަދި އެދެގައުމު ބުނާހާ އެއްޗަކަށް ވަރިހަމަ ނުވާނެ ހަމައެކަނި ގައުމަކަށް އޮތީވެސް ތުރުކީ އެވެ. މިދިއަ ޖުލައި މަހު ގެންނަން އުޅުނު ބަޣާވާތަށް ފަހު ސިޔާސީ ބޮޑު ބަދަލަކަށް ތުރުކީން ތައްޔާރު ވަނީ އެވެ.
ފަހަރުގައި އެބަދަލު ވެގެންދާނީ އެމެރިކާ އާއި ރަޝިޔާ އަށްވެސް ހިތި ބަދަލަކަށެވެ. އެއީ ބަރުލަމާނީ ނިޒާމާއެކު ގައުމުތަކުގެ އެތެރެއާއި ކުޅެން ފަސޭހަވިޔަސް ރިޔާސީ ނިޒާމުގައި ކުޅެން ފަސޭހަ ނުވާނެ އެންމެ ރަނގަޅަށް އެނގޭނެ އެއް ގައުމަކީ ވެސް އެމެރިކާއެވެ. ތުރުކީވެސް އެބަދަލާއި ދިމަލަށް މިސްރާބު ޖެހީ އެވެ.
އެގައުމުގައި މިހާރު އޮތް ސެމީ ޕާލިމެންޓްރީ ނިޒާމް ނުވަތަ ބައިކުޅަ ބަރުލަމާނި ނިޒާމުގެ ބަދަލުގައި ރިޔާސީ ނިޒާމަށް ފައްކާކޮށް ދެ ނައިބު ރައީސުން ހިމެނޭ ގޮތަށް އާ ގާނޫނު އަސާސީ ޑްރާފްޓްކޮށް ޕާޓީތަކުގެ ދެމެދުގައި މަޝްވަރާތައް ފަށައިފިއެވެ.
ރިޔާސީ ނިޒާމަށް ވެރިކަމުގެ ނިޒާމު ބައްޓަންކޮށްފައިވާ އެންމެ ބޮޑު ގައުމަކީ އެމެރިކާ އެވެ. ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބާއެކު އެމެރިކާގައި ވެސް ރިޔާސީ ނިޒާމު ފުރިހަމައަށް އަމަލު ނުކުރާ ކަމަށް ސިޔާސީ ބޭފުޅުން ވަނީ ސުވާލު އުފައްދާފަ އެވެ. ރައްޔިތުންގެ ވޯޓުން ތާއީދު ލިބުނު ކެނޑިޑޭޓްގެ ބަދަލުގައި އާ ރިޔާސީ ދައުރުގެ ރައީސް ކަމުގެ މަގާމަށް ހޮވިވަޑައިގަތީ އިލެކްޓޯރަލް ކޮލެޖުން ވޯޓް ލިބި ވަޑައިގެންނެވި ކެނޑިޑޭޓެވެ.
ތުރުކީގެ ފޮރެސްޓްރީ އާއި ފެނާބެހޭ ވަޒީރު ވެސްލީ އެރެގުލޫ ވިދާޅުވި ގޮތުގައި ތުރުކީގެ ރިޔާސީ ނިޒާމު އެމެރިކާގައި އޮންނަ ރިޔާސީ ނިޒާމާ ތަފާތު ވާނެ އެވެ.
"އެމެރިކާގައި އޮތް ރިޔާސީ ނިޒާމާއި ތުރުކީ ބޭނުންވާ ރިޔާސީ ނިޒާމު ތަފާތު ވާނެ ރައީސް ހޮވަނީ ސީދާ ރައްޔިތުންގެ އާންމު ވޯޓަކުން އެއް ނައިބު ރައީސުންނަށް ވުރެ ގިނަ ވާނެ،" އެރެގުލޫ ވިދާޅުވި އެވެ.
އާ ގާނޫނު އަސާސީ އާއެކު އަންނާނެ އެންމެ ބޮޑު ބަދަލަކީ ބޮޑުވަޒީރު ކަމުގެ މަގާމު އުވާލައި ވަޒީރުންގެ މަގާމަށް އަންނަ މީހުންނަކީ މަޖިލިސް މެންބަރުން ކަމުގައި ނުވުމެވެ. ތުރުކީގެ ބަރުލަމާނީ ނިޒާމުގައި ވަޒިރުންނަކީ ވެސް މަޖިލިސް މެންބަރުންނެވެ. މީގެ އިތުރުން ރައީސަށް ސިޔާސީ ޕާޓިއެއްގެ ހަރަކާތްތަކުގައި ބައިވެރިވެވޭނެ އެވެ. މިހާރު އޮންނަ ގޮތުން ރައީސްގެ މަގާމާ ހަވާލުވުމަށްފަހު ސިޔާސީ ޕާޓީއެއްގައި ބައިވެރިވުމަކީ މަނާ ކަމެކެވެ.
ތުރުކީގެ މިހާރުގެ ބޮޑުވަޒީރު އަދި ވެރިކަން ކުރާ އޭކާ ޕާޓީގެ ލީޑަރު ބައިނަލް ޔަދުރިމް ވަނީ އާ ގާނޫނު އަސާސީ މަޖީލީހުން ފާސް ކުރުމަށްޓަކައި ނެޝަނަލް މޫވްމެންޓް ޕާޓީގެ ލީޑަރާއެކު މަޝްވަރާ ކުރައްވާފަ އެވެ. އެޕާޓީން ވަނީ ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އާގާނޫނު އަސާސީ ރައްޔިތުންގެ ފެންނަ ނުފެން ވޯޓަށް ހުށަނާޅައި އިސްލާހު ކުރުމުގެ ފުރުސަތުވެސް އެބައޮތެވެ. މިހާރު ގާނޫނު އަސާސީ ބުނާގޮތުން 367 ވޯޓް ލިބިއްޖެނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް ވެސް ގާނޫނު އަސާސީ ފާސް ކުރެވޭނެ އެވެ.
ނަމަވެސް އެރެގުލޫ ވިދާޅުވީ އެވަރަށް ވޯޓް ހަމަވި ނަމަވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުށަހަޅުއްވާނެ ކަމަށެވެ.
ދެހާސް ސާދަވަނަ އަހަރުން ފެށިގެން ތުރުކީ ވަނީ ރިޔާސީ ނިޒާމުގެ ބައެއް ހަމަތައް ފޮލޯ ކުރަން ފަށާފައެވެ. އެގޮތުން އެ އަހަރު ރައީސް ކަމަށް އުރުރުދުގާން ވަޑައިގެންނެވީ ރައްޔިތުންގެ ސީދާ ވޯޓާއެކު އެވެ. އޭނާއަކީ ރައްޔިތުންގެ ސީދާ ވޯޓާއެކު ތުރުކީގެ ރައީސް ކަމަށް ވަޑައިގެންނެވި ފުރަތަމަ ލީޑަރެވެ. އޭގެ ކުރިން ރައީސް އާއި ބޮޑުވަޒީރު ވެސް ހޮވަނީ މަޖިލީހުންނެވެ.
ތުރުކީ ރިޔާސީ ނިޒާމާ ދިމާލަށް ކުރަމުންދާ ދަތުރުގައި ރައީސް އުރުދުގާން އާއި ކުރީގެ ބޮޑުވަޒީރު އަހްމަދު ދަވަތޮގުލޫއާ ދެމެދު ހިޔާލު ތަފާތު ވުން ވަރަށް ބޮޑަށް އުފެދުނެވެ. ރިޔާސީ ނިޒާމަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް އުރުދުގާން ބޭނުންވި ނަމަވެސް ދަވަތޮގުލޫ އެކަމަށް ތައީދެއް ނުކުރައްވައެވެ. އޭނާ ގަސްތު ކުރެއްވީ އޭނާ އިސްވެ އެމަސައްކަތް ނުކުރުމަށެވެ. އެހެންކަމުން ބޮޑު ވަޒީރު ކަމުންނާއި ވެރިކަން ކުރާ ޖަސްޓިސް އެންޑް ޑިވްލަޕްމެންޓް ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވިއެވެ. ނަމަވެސް ހިޔާލު ތަފަތު ވިނަމަވެސް ދަވަތޮގުލޫ ހުންނެވީ އުރުދުގާންއާއެކު އެވެ، އޭގެފަހުން ވެސް އުރުދުގާންގެ ދަރިކަނަބަލެއްގެ ކައިވެނީގައި ހެކިވެރިޔަކަށް ވެސް އޭނާ ވެވަޑައިގެންނެވިއެވެ. އަދި ޖުލައި 15 ވަނަ ދުވަހު ގެންނަން އުޅުނު ބަގާވާތާ ދެކޮޅަށް ރައްޔިތުން މަގުތަކަށް ނިކުތުމަށް ގޮވާލައްވި އެވެ. ހިޔާލު ތަފާތު ވިނަމަވެސް ވެރިކަން ދިފާއު ކުރުމަށާއި ސަރުކާރުގެ ޕޮލިސީތަކަށް އެއްބާރުލުން ދެއްވުމަށް އުރުދުގާން އާއެކު ހުންވިއެވެ. މިވަގުތު ރާއްޖޭގައި ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމަށް ފުރިހަމަ މިސާލެކެވެ.