ހަބަރު

ރަހީނުކޮށްފައިވާ ކަމަށް ބުނެ ފައިސާ ހޯދަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި

Mar 9, 2015

ރަހީނުކޮށްފައިވާ ކަމަށްބުނެ އޮޅުވާލައިގެން ފުލުހުންނަށް ދޮގު މައުލޫމާތު ދީ އެކި ގޮތްގޮތުން ފައިސާ ހޯދަން މަސައްކަތްކޮށް ފިލައިގެން އުޅުނު ބަންގްލާދޭޝް މީހެއްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ރާއްޖޭގެ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ ބިދޭސީއަކު އޭނާ ދިރިއުޅޭ ތަނުގައި އުޅެނިކޮށް މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ރޭ 9:45 ހާއިރު ބަޔަކުމީހުން އޭނާ ރަހީނުކޮށްގެން ގެންދާކަމަށްބުނެ އޭނާއާ އެކު ކުންފުނީގައި މަސައްކަތްކުރާ އެހެން މީހަކަށް އަންގާފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ލިބުނު މީހާ އެކަން ފުލުހުންނަށް އެންގީ ޖެހިގެން އައި ދުވަހު އެވެ.

ފުލުހުން ބުނީ މި މައްސަލަ ހުށަހެޅުމާއެކު ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ވަގުތުން ތަހުގީގު ފަށައި، ރަހީނުކޮށްފައިވާ މީހާ ރަހީނުކުރި ވަގުތުން ފެށިގެން ރަހީނުކޮށްގެން ގެންގޮސްފާނެކަމަށް ބެލެވޭ ސަރަހައްދުތައް ދެނެގަނެވުނު ކަމަށެވެ.

"ތަފާތު ގޮތްގޮތުން ލިބުނު މަޢުލޫމާތަށް ރިޢާޔަތްކޮށް ފުލުހުން ކުރި މަސައްކަތުން، އޭނާ ރަހީނުކުރި ސަބަބުކަމަށް ބެލެވޭ ތިއަރީއެއް އެސްޓަބްލިޝް ކުރެވި ތުހުމަތު ކުރެވޭ ފަރާތެއްގެ މަޢުލޫމާތު ލިބިގެންދިޔަ" ކަމަށާއި އެ ތިއަރީގެ މައްޗަށް ބިނާކޮށް ވެސް އޭނާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ދިޔަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ކުރިމަސައްކަތުން އެނގުނު ގޮތުގައި އޭނާ ރަހީނުކުރި ކަމަށް ބުނާ ތާރީޚުން ފެށިގެން ދެ ދުވަސް ވަންދެން މާލޭގައި ހުއްޓެވެ. އަދި އެއަށްފަހު އެއް ހަފުތާގެ މުއްދަތުގައި ރާއްޖޭގެ އުތުރަށް ގޮސްފައިވާކަން އެނގުނެވެ. އޭގެ ފަހުން މާލޭގައި އުޅެމުންދާކަން ތަހުގީގި ޓީމަށް އެނގިފައިވެ އެވެ. ފުލުހުން ބުނި ގޮތުގައި މިހާ ހިސާބުން ވަނީ އޭނާ ވަނީ ރަހީނުކޮށްފައި ނޫންކަމާއި އޭނާ ފިލައިގެން އުޅޭ ކަމަށް ތުހުމަތުކުރެވިފަ އެވެ. މި ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ފެބްރުއަރީ 24 ވަނަ ދުވަހުގެ ރޭ ޓީ ޖެޓީ ސަރަހައްދުގައި އޮތް ދޯންޏަކުންނެވެ.

ފުލުހުން ބުނީ ފުލުހުންނަށް ދޮގު މައުލޫމާތު ދީގެން މިފަދަ އަމަލުތައް ހިންގާ މީހުންގެ މައްސަލަ ބަލައި ދައުވާކުރަން ފޮނުވާނެ ކަމަށެވެ.