ހަބަރު

ބޯޓު ފަހަރުން ނަގާ ބަނދަރު ކުލި ބޮޑު ކުރަން މަޖިލީހަށް ހުށަހަޅައިފި

ބޯޓު ފަހަރުން ނަގާ ބަނދަރު ކުލި ބޮޑު ކުރުމަށް ރައްޔިތުން މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ. މި އިސްލާހު ހުށަހެޅީ ސަރުކާރު ފަރާތުން މާވަށު ދާއިރާގެ މެންބަރު އަހުމަދު އަޒްހާން ފަހުމީ އެވެ.

ބަނދަރުކުލި ނެގުމާ ބެހޭ ގާނޫނަށް ސަރުކާރުން މި އިސްލާހު ހުށަހެޅީ ސަބަބުގައި ބުނެފައިވަނީ މިހާރު ނަގާ ކުއްޔަކީ މީގެ އެތައް އަހަރު ކުރިން ކަނޑައަޅާފައިވާ ކުއްޔެއް ކަމަށާއި މުދަލާއި ތަކެއްޗައް އައިސްފައިވާ ބަދަލަށް ބަލައިރު މިހާރު ހުރީ އެކަށީގެންވާ ނުވާ ކުއްޔެއް ކަމަށެވެ.

އެގޮތުން ބަނދަރަށް ވަނުމަށް ނަގާ ކުލީގެ ގޮތުގައި 200 ގްރޮސް ޓަނު ހަމަ ނުވާ ކޮންމެ އުޅަނދަކަށް 200ރ. ނެގުމަށް މި އިސްލާހުގައި ބުނެފައި ވެއެވެ. އަދި 200 އިން ފެށިގެން 1000 ގްރޮސް ޓަނު ހަމަ ނުވާ އުޅަނދުތަކުން 300ރ. ނަގާއިރު 1000 އިން ފެށިގެން 2000 ގްރޮސް ޓަނު ހަމަ ނުވާ އުޅަނދުތަކުން ނަގާނީ 400ރ. އެވެ. 2000 ގްރޮސްޓަނު އުޅަނދުތަކަށް ނެގުމަށް ކަނޑައަޅާފައި ވަނީ 500ރ. އެވެ. އަދި އެއަށް ވުރެއް އިތުރުވާ ކޮންމެ 500 ގްރޮސް ޓަނަކަށް 250ރ. ނަގާނެ އެވެ. ބަނދަރު ކުލި ދައްކަން ނުޖެހޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 1000 ގްރޮސް ޓަނު ހަމަނުވާ އުޅަނދުތަކަށެވެ.

އޭގެ އިތުރުން ބަނދަރުގައި ގިނަ ދުވަހު އޮތުމަށް ވެސް ފައިސާދައްކަން ޖެހޭ ކަމަށް މި އިސްލާހުގައި ބުނެފައިވެއެވެ. އެގޮތުން ބަނދަރުގައި އޮންނަތާ ހަތް ދުވަހާއި 45 ދުވަހުގެ ނިޔަލަށް ރެއަކާ ދުވާލަކަށް 65ރ. ދައްކަން ޖެހެ އެވެ. އަދި 46 ދުވަހާއި 90 ދުވަހާ ދެމެދު ބަނދަރުގައި އޮންނަ އުޅަނދުތަކަށް 100ރ. ޗާޖު ކުރާއިރު 91 ވަނަ ދުވަހުން ފެށިގެން 150 ދުވަހާ ހަމަޔަށް ބަނދަރުގައި އޮންނަ އުޅަނދުތަކުން ޗާޖު ކުރާނީ 150 ރުފިޔާ އެވެ.

މި އިސްލާހުގައި ބުނެފައިވާ ގޮތުގައި ބަނދަރު ކުލި ދައްކަން ޖެހޭނީ ތިން މަސް ހަމަވުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީއަށެވެ.