ހަބަރު

އެކަކު އަނެކެއްގެ ހައްގުތައް ކަށަވަރުކޮށް އިހުތިރާމް ކުރަންޖެހޭ: މުފުތީ

އެއް މުސްލިމަކު އަނެއް މުސްލިމެއްގެ ހައްގުތަކަށް އިހްތިރާމް ކުރުމަށާއި އެކަކު އަނެކަކަށް އަޅާލައި އޯގާތެރިވުމަށް ޒިމްބާބުވޭގެ މަޝްހޫރު އިލްމްވެރިޔާ ޑރ. މުފްތީ މެންކް ގޮވާލައްވާފި އެވެ.

އިސްލާމީ މަރުކަޒުގައި މިރޭ ދެއްވި ދަރުހުގައި، އެއް މުސްލިމަކު އަނެކަކާއަށް މެދު އަމަލު ކުރަންވީ ރަނގަޅު އާދަތަކާއި އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗައް ކަށަވަރުކޮށްދޭން ޖެހޭ ހައްގުތަކާބެހޭ ގޮތުން ޤުރުއާނާއި ރަސޫލާގެ ސުންނަތުގެ އަލީގައި މުފްތީ މިރޭ ވާހަކަފުޅު ދައްކާފައި ވެއެވެ.

މުފްތީ ވިދާޅުވީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް ކަށަވަރުކޮށްދޭންޖެހޭ ހަ ހައްގެއް އޮންނަ ކަމަށް ބައެއް ހަދީސްތަކުގައި އޮންނަ ކަމަށާއި އަދި އަނެއްބައި ހަދީސްތަކުގައި އެއަށް ވުރެ ގިނަ ހައްގުތައްވާކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ކޮންމެ މުސްލިމަކު ވެސް މަސައްކަތް ކުރަން ޖެހޭނީ އެ މީހާގެ އަހާއަށް ވީހާވެސް ބޮޑަށް ކަމޭހިތުމަށާއި އިހްތިރާމް ކުރުމަށް ކަމަށެވެ.

"އެއް މުސްލިމަކު އަނެކަކާ އަޅާލަން ޖެހޭނެ. މި ޒަމާނުގެ ގިނަ ކުދިންނަށް އައިޕެޑްއަށް ގެއްލިފައި ތިބޭ އިރު އެހެން މީހުން ވާހަކަދައްކާ އިރުވެސް ނޭނގެ. ނަމަވެސް މީހުން ވާހަކަ ދައްކާ އިރުވެސް ސަމާލުކަން ދޭން ޖެހޭނެ އެއީ އެކަކު އަނެކަކު މެދުގައި ލޯބި އިތުރުވާ ކަމެއް. އަދި އެކަމަށް ބާރު އަޅަނެ ޖެހޭ. އެކަކު އަނެކަކާ މުހާތަބު ކުރާއިރު ވީހާވެސް ރީތި ބަހުން ވާހަކަ ދައްކަން ޖެހޭނެ. ކިތަންމެ ރުޅި އަންނަ މީހަކަސް އެ މީހަކަށް ލިބޭ ގެއްލުމަކަށް އުފާ ކުރާކަށް ނުވާނެ. މީހަކަށް ލިބޭ ގެއްލުމަކީ ތިމާއަށް ލިބުނު ހިތާމައަކަށް ހަދަން ޖެހޭނެ،" މުފްތީ ވިދާޅުވި އެވެ.

މީގެ އިތުރުން މުސްލިމުން އަށަގަންނަން ޖެހޭ ބައެއް މުހިންމު އާދަތައްކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މުފްތީ ވަނީ، ސަލާމް ގޮވުމާއި ސަލާމް ބަލައިގަތުމުގެ މުހިންމު ކަމުގެ މައްޗައް ވެސް އަލިއަޅުވާލާފަ އެވެ. އެގޮތުން މުސްލިމުން ކުރާ ސަލާމަކީ އެހެން އެއްވެސް ދީނެއްގައި ނޯންނަ ވަރުގަދަ ރީތި ސަލާމެއް ކަމަށް މުފްތީ ވިދާޅުވެ ދަލީލު ދެއްކެވި އެވެ. އަދި މީހުންނާ ސަލާމް ކުރަން ޖެހޭނީ ކަމެއް ބޭނުންވީމަ ނޫނީ ދެއްކުން ތެރިކަމަކަށް ނޫން ކަމަށާއި ދަންނަ މީހުންނާއި ނުދަންނަ މީހުންނަށް ވެސް ސަލާމް ކުރުން އިތުރު ކުރަން ޖެހޭ ކަމަށް މުފްތީ ވިދާޅުވި އެވެ.

އޭގެ އިތުރުން މުސްލިމަކު ބަލިވެއްޖެ ނަމަ އުނދަގޫ ނުވާނެ ގޮތަކަށް ޒިޔާރަތް ކުރުމަށާއި ވީހާވެސް ގިނައިން ޖަނާޒާ ނަމާދުތަކުގައި ބައިވެރިވާން ޖެހޭ ކަމަށް ވެސް މުފްތީ ވިދާޅުވި އެވެ. އަދި ވިދާޅުވީ ދުނިޔެ މަތީގައި ފައިސާއަށް ދަހިވެތިވެ ކިތަންމެ ގިނައިން އެ ހޯދި ނަމަވެސް ކައްވަޅަށް އެ ފައިސާ ނުގެންދެވޭނެ ކަމަށާއި ކައްވަޅުގެ ވީއައިޕީ ފާސް ލިބޭނީ އީމާންތެރިކަން ހުރި މީހުންނަށް ކަމަށެވެ.

"މި ދުނިޔޭގައި ޝަހާދަތުގެ ދެކަލިމަ މިލިއަން ފަހަރުވެސް ކީމީހަކަށް ކާފިރަކަށް ގޮވުން މިވަނީ އާންމުވެފައި އެއީ މުސްލިމުންގެ ހުންނަން ޖެހޭ ސިފައެއް ނޫން އަދި މުސްލިމަކު ކޮށްގެން ވާނެ ކަމެއްވެސް ނޫން. ސޯމާލިޔާ ފަދަ ގައުމުތަކުގައި ބޮޑެތި ހަނގުރާމަތައް ވެސް ފެށިފައި މިވަނީ ވެސް އެފަދަ ގޮތަކަށް ކާފަރަށް ގޮވާތީ. އެއް މުސްލިމެއް އަނެކާ ގައިން ލޭ އޮހޮރުވުން ހަރާމް ކަމެއް،" މުފްތީ ވިދާޅުވި އެވެ.

ޣީބަ ބުނުމާ ބެހޭ ގޮތުން މުފްތީ ވިދާޅުވީ އެއީ މީހެއްގެ ނުބައި ވާހަކަ އެ މީހަކު ނުހުންނަ ތަނެއްގައި ދެއްކުން ކަމަށެވެ. އަދި އެކަމުގެ ހުރި ނުބައި ކަމަށް އިޝާރަތް ކުރައްވާ ޤުރުއާނުގެ އާޔަތެއްގެ މާނަ ވިދާޅުވަމުން މުފްތީ ވިދާޅުވީ ޣީބަ ބުނުމަކީ އެ މީހެއްގެ މަރުވެފައިވާ އަޙާގެ މުޅަ މަސް ކެއުން ފަދަ ކަމެއް ކަމަށެވެ.

މުފްތީ އިތުރަށް ވިދާޅުވީ މުސްލިމުންގެ އިތުރުން ކާފަރުންނަށާއި ޖަނާވާރުންނަށް ވެސް އިހްތިރާމް އަޅާލުމަކީ މުސްލިމުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ދުނިޔެ މަތީގައި މުސްލިމުންގެ އަގު ވެއްޓިފައިވާ އިރު އެހެން ގައުމުތަކަށް ގޮސް ކާފަރުން އުޅޭ ގޮތަށް ނޫޅެ ރަނގަޅު މުސްލިމެއް ގޮތުގައި އުޅެން ޖެހޭ ކަމަށް މުފްތީ ވިދާޅުވި އެވެ. އޭރުން އެމީހުންވެސް މުސްލިމުންގެ ހެޔޮ އާދަތަށް ބަލައިގަންނާނެ ކަމަށާއި އެއީ މުސްލިމުންގެ ނަން ހިފެހެއްޓުމަށް ކޮށްދެވޭ ބޮޑު މަސައްކަތެއް ކަމަށްވެސް މުފްތީ ވިދާޅުވި އެވެ.