ހަބަރު

"އަދާލަތު ޕާޓީއަކީ ގިނަގިނައިން ވަރިވާ އަންހެނެއް"

Mar 9, 2015
10

އަދާލަތު ޕާޓީ އަކީ "ގިނަ ގިނައިން ވަރިވާ އަންހެނެއް" ގެ ސިފަ ލިބިފައިވާ ބައެއް ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވެވި އަދި އެ ޕާޓީގެ ކުރީގެ ރައީސް ޝައިހު ހުސައިން ރަޝީދު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންދިޔަ ކަމަށް ރޭ އެ ޕާޓީން އިއުލާންކޮށްފައި ވަނިކޮށް މިއަދު ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ހުސައިން ރަޝީދު ވިދާޅުވީ އަދާލު ޕާޓީ އަށް "އަދާލަތު" އެ ނަން ދެއްވީ ވެސް އަދި މިއަދާ ހަމައަށް ޕާޓީގެ ރަޖިސްޓްރީ ވެސް އޮތީ އޭނާގެ ގޭގައި ކަމަށާއި ނަމަވެސް އޭނާއަށް އަދާލަތު ޕާޓީ ސިފަ ކުރެވެނީ ގިނަ ގިނައިން ވަރިވާ އަންހެނެއްގެ ސިފައިގައި ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު އޮތް ދުވަސްވަރު ބަޔަކު އަދާލަތު ޕާޓީގައި ތިބި ބައެއްގެ ބޮލަށް އެރިގެން އޭނާ ޕާޓީން ވެސް ބޭރުކޮށްލީ ކަމަށާއި އޭރުއްސުރެ އަދާލަތު ޕާޓީގެ ދަނީ ގިނަ ގިނައިން ވަރިވާ އަންހެނެއްގެ އުސޫލުން ކަމަށެވެ.

"އެހެން އުޅޭ ބައެއް އެއީ. ސަރުކާރެއްގައި ހުންނާނެ ނޭދެވޭ ކަންކަން ވެސް ކަމެއް ދިމާވާއިރަށް ފުއްޕަފުއްޕާފައި ދާނީއަކީއެއް ނޫން އެތެރެއިން ނާއިން ބޭރުން ޒިންމާދާރު ގޮތުގައި ކުރަންޖެހޭ ކަންކަން ކުރާނީ" ހުސައިން ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "އަދާލަތު" އޭގެ މާނާގައި އެއީ ރެފްރީއެއް ކަމަށާއި ދަނޑުމަތީގައި ކަމެއް ދިމާވާއިރަށް ކަށިގަނޑު ފުމެފައި ރެފްރީ ދަނޑުން ފައިބައިގެން ނުދާނެ ކަމަށެވެ.

"[އަދާލަތަކީ] މިހާރު އެއީ ޕާޓީއެއް ނޫން. އެއީ އެެެއިރަކު ހިތަށް އެރި ގޮތަކަށް އުޅޭ ބައެއް. އަޅުގަނޑުގެ ހިތުގައި އެ ޕާޓީގެ އިސްވެރިންނަށް ސިޔާސީ ގޮތުން އެއްވެސް ގަދަރެއް ނެތް،"