ހަބަރު

ކްލެމެންސީ ބޯޑުން ވައްޑެ ވަކިކުރަން ފާސްކޮށްފި

ކްލެމެންސީ ބޯޑުގައި ރައްޔިތުން މަޖިލީސް ތަމްސީލް ކުރައްވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު (ލޯޔަރު ވައްޑެ) ވަކި ކުރަން ހުށަހެޅި ގަރާރު ފާސްކޮށްފި އެވެ. ވައްޑެއަކީ ޕީޕީއެމްގެ ތެރޭގައި އުފެދުނު މައްސަލައިގައި ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް ތާއީދުކުރައްވާ ބޭފުޅެކެވެ.

ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅި މި ގަރާރު ފާސްވީ 41 މެންބަރުންގެ ވޯޓުންނެވެ. އަދި އެ ގަރާރު ފާސްކުރަން ނުފެންނަ ކަމަށް 26 މެންބަރުން ވޯޓު ދެއްވި އިރު ވަކިގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ މެންބަރަކު އިންނެވި އެވެ. އެހެންކަމުން ކްލެމެންސީ ބޯޑުން ވައްޑެ ވަކިކުރަން ފެންނަ ކަމަށް ރައީސްއަށް މަޝްވަރާ އަރުވަން މަޖިލީހުން ފާސްވި އެވެ.

މި ގަރާރުގައި ބުނެފައި ވަނީ ކްލެމެންސީ ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން ވަހީދު އަދާކުރަން ޖެހޭ ވާޖިބުތަކާއި ޒިންމާތައް ފުރިހަމައަށް އަދާކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އެ މަގާމުން ވަހީދު ވަކިކުރުމަށް ރައިސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމަށް ފެންނަ ކަމަށް އެ ގަރާރުގައިވެ އެވެ.

ކްލެމެންސީ ބޯޑުން ވައްޑެ ވަކިކުރުމާ ބެހޭ ގޮތުން ޕީޕީއެމްގެ މެންބަރުން ވިދާޅުވަނީ ކޮންމެ ޕާޓީއެއްގެ މެންބަރަކަށް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށް ނުދެވޭނަމަ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި ވައްޑެ ވަކި ކުރަން ނިންމީވެސް އެކަށީގެންވާ ވަރަށް މަސައްކަތް ނުކޮށް އެ ބޯޑުގެ ބައްދަލުވުންތަކަށް ހާޒިރު ނުވާތީ ކަމަށް ވެސް ގަރާރުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

ނަމަވެސް ވައްޑެ ވަކިކުރުމަށް ގެންގުޅޭ އުސޫލު ރަނގަޅެއް ނޫން ކަމަށާއި އެކަން ގަބޫލު ކުރެވެން ނެތް ކަމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ބަހުސްގެ މަރުހަލާގައި މަޖިލީހުގައި ތަޅުމުގައި ވިދާޅުވެ އެވެ. މި މައްސަލާގައި ވައްޑެވެސް ވަނީ މަޖިލީހުގައި އަޑުގަދަކޮށް ވަރަށް ބޮޑަށް ޕީޕީއެމްއަށް ފާޑުވެސް ކިޔައިފަ އެވެ.