ހަބަރު

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރުން ފަސްކޮށްފި

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފަށާ ތީރީހު ފަސް ކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅި އިސްލާހު މިއަދު ފާސްކޮށްފި އެވެ. ސަރުކާރު ފަރާތުން ފުވަމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހް ހުށަހެޅި މި ބިލު ފާސް ކުރަން ފެންނަ ކަމަށް 42 މެންބަރުން ވޯޓު ދެއްވި އިރު އެ ބިލު ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 27 މެންބަރުންނެވެ.

އެ އިސްލާހު ހުށަހެޅި ސަބަބު ބަޔާން ކުރަމުން މެންބަރު ޝާހު ވިދާޅުވެފައި ވަނީ އެ ގާނޫނުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި އެގޮތުން ޖިނާއީ އިޖުރާތުގެ ގާނޫނަށް އަމަލު ކުރަން ފެށޭނީ ޝަރުއީ ދާއިރާއާ، ގާނޫން ތަންފީޒު ކުރާ އެހެނިހެން އިދާރާތަކާ އަދި ޕްރޮސެކިއުޓަރުން ތަމްރީންކޮށްގެން ކަމަށެވެ. އެހެންކަމުން ޖިނާއީ އިޖުރާތުގެ ގާނޫނަށް އަމަލު ކުރުމަށް ތައްޔާރުވުމަށް އދ. ގެ ޑިވަލޮޕްމަންޓް ޕްރޮގްރާމާއެކު ސަރުކާރުގެ ކަމާބެހޭ މާހިރެއްގެ އެހީގައި ފަށާފައިވާ ރޯލްއައުޓްގެ މަސައްކަތް ފުރިހަމަ ކުރުމުގެ މަސައްކަތަށް އިތުރު ހަ މަސްދުވަސް ފަހު ތަންފީޒު ކުރަން ފެށުމަށް ކަމަށެވެ.

މަޖިލީހުގެ ދެވަނަ ދައުރުގެ ފަހުކޮޅު ފާސް ކުރި ޖިނާއީ އިޖުރާތުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އަންނަ އަހަރު ޖެނުއަރީ މަހު ދެވަނަ ދުވަހު އެ ގާނޫނަށް އަމަލު ކުރަން ޖެހެއެވެ. ނަމަވެސް އާ އިސްލާހުގައި ބުނެފައި ވަނީ އެ މުއްދަތު އަންނަ އަހަރު ޖުލައި ދެވަނަ ދުވަހަށް ފަސް ކުރުމަށެވެ.

މި އިސްލާހާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ގިނަ މެންބަރުން ވިދާޅުވީ ޖިނާއީ އިޖުރާތުގެ ގާނޫނަށް ތައްޔާރުވުމަށްޓަކައި ޝަރުއީ ދާއިރާއަށް އެކަށީގެންވާ ފުރުސަތު ދޭން ޖެހޭ ކަމަށެވެ. ނަމަވެސް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ ގޮތުގައި މި ގާނޫނަށް ތައްޔާރު ވާން ޖެހޭނީ ހަމައެކަނި ޝަރުއީ ދާއިރާއެއް ނޫނެވެ. އެ ދާއިރާގެ އިތުރުން ގާނޫން ތަންފީޒު ކުރާ ސަލާމަތީ ބައެއް ބާރުތައް ވެސް ތައްޔާރުވާން ޖެހޭ ކަމަށް މޫސަ ވިދާޅުވި އެވެ.

މީގެ އިތުރުން މިއަދު ވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ކޮމިޓީއިން ނިންމި ގޮތަށް ފާސްކޮށްފި އެވެ. އެ އިސްލާހު ފާސް ކުރުމަށް 43 މެންބަރުން ވޯޓު ދެއްވި އިރު ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 23 މެންބަރުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ތިން މެންބަރަކުވެސް ތިއްބެވެ.

އެ އިސްލާހުގައި ވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން މެންބަރެއް އައްޔަންކުރާ މާއްދާ އުނިކުރުމަށެވެ. އަދި އެ މަޖިލީހަށް ގައުމީ ޔުނިވާސިޓީގެ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން ރައްޔިތުން މަޖިލީހުގެ ރުހުމަކާ ނުލައި ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެމްބަރަކު ހިމަނަން ޖެހޭއިރު، އޭގެ އިތުރުންވެސް ތިން މެންބަރަކު ރައީސް އައްޔަން ކުރައްވަން ޖެހޭ ކަމަށް އެ އިސްލާހުގައި ބުނެފައި ވެއެވެ.