ހަބަރު

ބަނދަރު ކުލި ބޮޑު ކުރަން މަޖިލީހުން ފާސްކޮށްފި

ބޯޓު ފަހަރުން ނަގާ ބަނދަރު ކުލި ބޮޑު ކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްކޮށްފި އެވެ. ސަރުކާރު ފަރާތުން މާވަށު ދާއިރާގެ މެންބަރު އަޒްހާން ފަހުމީ ހުށަހެޅުއްވި އިސްލާހު ފާސްކުރަން ފެންނަ ކަމަށް 59 މެންބަރުން ވޯޓު ދެއްވިއިރު ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ. އަދި ވަކިގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ހަތަރު މެންބަރަކު ތިއްބެވި އެވެ.

މި އިސްލާހުގައި ބަނދަރަށް ވަނުމަށް ނަގާ ކުލީގެ ގޮތުގައި 200 ގްރޮސް ޓަނު ހަމަ ނުވާ ކޮންމެ އުޅަނދަކަށް 200ރ. ނެގުމަށް ބުނެފައި ވެއެވެ. އަދި 200 އިން ފެށިގެން 1000 ގްރޮސް ޓަނު ހަމަ ނުވާ އުޅަނދުތަކުން 300ރ. ނަގާއިރު 1000 އިން ފެށިގެން 2000 ގްރޮސް ޓަނު ހަމަ ނުވާ އުޅަނދުތަކުން ނަގާނީ 400ރ. އެވެ. އަދި 2000 ގްރޮސްޓަނު އުޅަނދުތަކަށް ނެގުމަށް ކަނޑައަޅާފައި ވަނީ 500ރ. އެވެ. އަދި އެއަށްވުރެ އިތުރުވާ ކޮންމެ 500 ގްރޮސް ޓަނަކަށް 250ރ. ނަގާނެ އެވެ. ބަނދަރު ކުލި ދައްކަން ނުޖެހޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 1000 ގްރޮސް ޓަނު ހަމަނުވާ އުޅަނދުތަކަށެވެ.

އޭގެ އިތުރުން ބަނދަރުގައި ގިނަ ދުވަހު އޮތުމަށް ވެސް ފައިސާދައްކަން ޖެހޭ ކަމަށް މި އިސްލާހުގައި ބުނެފައި ވެއެވެ. އެގޮތުން ބަނދަރުގައި އޮންނަތާ ހަތް ދުވަހާއި 45 ދުވަހުގެ ނިޔަލަށް ރެއަކާ ދުވާލަކަށް 65ރ. ދައްކަން ޖެހެ އެވެ. އަދި 46 ދުވަހާއި 90 ދުވަހާ ދެމެދު ބަނދަރުގައި އޮންނަ އުޅަނދުތަކަށް 100ރ. ޗާޖު ކުރާއިރު 91 ވަނަ ދުވަހުން ފެށިގެން 150 ދުވަހާ ހަމަޔަށް ބަނދަރުގައި އޮންނަ އުޅަނދުތަކުން ޗާޖު ކުރާނީ 150ރ. އެވެ.

މި އިސްލާހުގައި ބުނެފައިވާ ގޮތުގައި ބަނދަރު ކުލި ދައްކަން ޖެހޭނީ ތިން މަސް ހަމަވުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީއަށެވެ.