ލައިފްސްޓައިލް

ކޮންމެ ދުވަހަކު އެވޮކާޑޯއެއް ކާ ނަމަ ވާނީ މިހެން

Nov 20, 2016

އެވޯކާޑޯ އަކީ ސުޕަފުޑެކެވެ. ސިއްހަތަށް ނިކަން ގިނަ ގުނަ ފައިދާތަކެއް އޭގައި ހިމެނޭ މޭވާއެކެވެ. ވަކިން ހާއްސަކޮށް މި މޭވާއެއް އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ ހިތުގެ ބަލިތަކާއި ސިއްހީ އެހެން މައްސަލަތަކާ ދެކޮޅަށް ބޭނުންކުރެވޭ ގުދުރަތީ ފަރުވާއެއްގެ ގޮތުގަ އެވެ.

އެކަމަކު ކޮންމެ ދުވަހަކު އެވޮކާޑޯއެއްގެ ކުޑަ މިންވަރެއް ބްރޭކްފާސްޓް ނުވަތަ ދުވަހުގެ އެހެން ކެއުމެއްގައި ވެސް ހިމެނުމަކީ ވަރަށް ގިނަ ތަޖުރިބާކާރުން ލަފާ ދޭ ކަމެކެވެ. މި މޭވާގެ ކުޑަ މިންވަރެއް ނަމަވެސް ކޮންމެ ދުވަހަކު ނެގުމަށް ތަޖުރިބާކާރުން ލަފާ ދެނީ އޭގައި ވަރަށް ގިނަ ސަބަބުތަކެއް ހިމެނޭތީ އެވެ.

އެގޮތުން ކޮންމެ ދުވަހަކު އެވޮކާޑޯގެ މިންވަރެއް ކެއުން ބުއިމުގައި ހިމެނުމަށް މުހިންމުވާ ހަތަރު ސަބަބެއް ތިރީގައި މި އަންނަނީ އެވެ.

ހިތުގެ ބަލިތަކަށް އެއް ނަމްބަރުގެ ފަރުވާއެއް

ހިތުގެ މައްސަލައަކީ ވަރަށް ގިނަ މުޖުތަމައުތަކަށް ސިއްހީ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން އަދި އެންމެ ބޮޑު ބިރު ވެސްމެ އެވެ. ސިއްހީ ތަފާތު އެކި މައްސަލަތަކަށް ބަލާއިރު ހިތުގެ މައްސަލަތަކުގައި މަރުވާ މީހުންގެ އަދަދު މުޖުތަމައުގައި މި ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މިސާލަކަށް ބޮޑު އަދި ތަަރައްގީވެފައިވާ ގައުމަކަށް، އެމެރިކާ އަށް ބެލި ނަމަވެސް އެގައުމުގައި ސިއްހީ އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި ވަނީ ހިތުގެ ބަލިތަކެވެ.

އެކަމަކު އެވޮކާޑޯ އަކީ މިފަދަ ހިތުގެ މައްސަލަތަކާއި ބަލިތަކުގެ ނުރައްކާ ކުޑަކުރުމަށް ގަވާއިދުން ނެގިދާނެ މޭވާއެކެވެ.

އޭގައި ހިމެނޭ ލޯ ސެޗުރޭޓެޑް ފެޓް އަދި ހައި އަންސެޗުރޭޓެޑް ފެޓްގެ ފައިދާ ހިތާއި ހިތުގެ ނިޒާމަށް ވަރަށް ވެސް ބޮޑެވެ. ލޯ ސެޗުރޭޓެޑް ފެޓާއި އަންސެޗުރޭޓެޑް ފެޓް މި މޭވާއިން ލިއްބައި ދިނުމަކީ، ހަށިގަނޑުގައި ކޮލެސްޓްރޯލް ލެވެލް ކޮންޓްރޯލްކޮށް، ހަށިގަނޑަށް ގެއްލުންދޭ ކޮލެސްޓްރޯލް އިން ސަލާމަތްވުމަށް އެހީތެރިވެދޭ ފައިދާއެކެވެ.

ވަރަށް ގިނަ ފަހަރަށް ހިތުގެ ބަލިތަކުގެ އެންމެ ބޮޑު އަސްލަކަށް ވެފައި އޮންނަނީ ކޮލެސްޓްރޯލް ލެވެލް ކޮންޓްރޯލުން ނެއްޓިގެން ދިއުމެވެ. ނަމަވެސް ގަވާއިދުން، ވަކި އުސޫލަކުން އެވޮކާޑޯ ނެގުމަކީ ކޮލެސްޓްރޯލްގެ ނުރައްކަލުން ހިތް ސަލާމަތްކުރެވިދާނެ ކަމެކެވެ. އެކަމަކު ހަމައެކަނި އެވޮކާޑޯ އިން މިކަމެއް ނުވާނެ ކަމަށާއި ސިއްހީ ގޮތުން ބަލަން ޖެހޭ އެހެން ބެލުންތަކެއް ވެސް ހުންނަކަން ސިކުނޑީގައި ބަހައްޓަން ޖެހޭނެ އެވެ.

ފަލަވުމަށް ވެސް މިއީ ހައްލެއް

ހިކެން ޑައެޓެއް އެކުލަވައިލަނީ ކަމުގައި ވަނީ ނަމަ އެ ޑައެޓެއްގައި އެވޮކާޑޯ ހިމެނުން ވަރަށް ވެސް މުހިންމެވެ. އެކަމަކު ތަޖުރިބާކާރުންގެ އެހީއާ އެކުގަ އެވެ.

ބޮޑީ މާސް އިންޑެކްސް ދަށްކޮށް އުނަގަނޑުގެ ސައިޒް ކުޑަކުރުމަށް ހިތް އެދި ގޮވަނީ ކަމުގައި ވަނީ ނަމަ އެވޮކާޑޯ ވީހާ ވެސް ގިނަ މިންވަރަކަށް ކެއުމުގައި ހިމެނުމަކީ އޭގެ އެންމެ ފުރިހަމަ ފައިދާ އެކަމަށް ލިބޭ ކަމެއް ކަމަށް ދިރާސާތަކުން އެނގިފައިވެ އެވެ.

ކެންސަރުގެ ނުރައްކާ ވެސް ކުޑަކުރެވިދާނެ

އެވޮކާޑޯގައި ހިމެނޭ ޒެންތޯފިލްސް އާއި ޕެނޯލްސް މާއްދާތަކަކީ ކެންސަރާ ދެކޮޅަށް ހަނގުރާމަކުރުމުގެ ގާބިލުކަން ލިބިފައިވާ ބައޮލޮޖިކަލް މާއްދާތަކެވެ. ވަކިިން ހާއްސަކޮށް އެވޮކާޑޯގައި ހިމެނޭ ޒެންތޯފިލް ލޫޓެންގެ މާއްދާ އާއި ޕްރޯޓީން ކޮމްޕައުންޑެއް ކަމުގައިވާ ގްލޫޓެތިއޯން އަކީ އަނގައިގެ ކެންސަރަށް ހުރަސް އަޅައި އެއާ ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލުކަން ލިބިފައިވާ މާއްދާތަކެވެ.

މީގެ އިތުރުން ގަވާއިދުން އެވޮކާޑޯ ނެގުމަކީ އުރަމަތީ ކެންސަރާއި އުރަވަޅުގެ ކެންސަރުގެ ނުރައްކާ ވެސް ކުޑަކޮށްދޭ ކަމެއްކަމަށް ދިރާސާތަކުން އެނގިފައިވެ އެވެ.

ލޮލާއި ހަމުގެ ސާފުކަން

މުސްކުޅި އުމުރާ އެކު ދިމާވާ ސިއްހީ މައްސަލަތަކަށް ވެސް އެވޮކާޑޯ އާއި އޭގައި ހިމެނޭ ތަފާތު މާއްދާތަކުން ފަރުވާކުރެވިދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އިރުގެ އަލިން ހަންގަނޑަށް ލިބިދޭ ގެއްލުން ކުޑަކޮށް ހަންގަނޑު އޮމާންކޮށް އަދި ދުޅަހެޔޮކޮށް ބޭއްވުމަށް ބޭނުންވާ ކެމިކަލް މާއްދާތައް ގުދުރަތީ ތާސީރާއެކު މި މޭވާއިން ލިއްބައިދެ އެވެ.

އެވޮކާޑޯ ސްމޫތީއެއް ހަދާނެ ގޮތް

  • ދޮންވެ ފައްކާވެފައި އޮތް އެވޮކާޑޯއެއްގެ ދެ ބައިކުޅަ އެއް ބައި
  • ދޮންވެ ފައްކާވެފައި އޮތް ދޮންކެޔޮ ވަކެއް
  • ލޯ ފެޓްގެ ޔޯގަޓް ތައްޓެއްގެ ދެ ބައިކުޅަ އެއްބައި
  • ޖޯޑެއްގެ ދެ ބައިކުޅަ އެއްބައިގެ އޯރެންޖު ޖޫސް
  • ބޭނުން ނަމަ، އައިސް ކިއުބްސް ވެސް އިތުރުކޮށްލާ

އެއަށް ފަހު މި ހުރިހާ އެއްޗެއް އެއްކޮށް ބްލެންޑަރަށް އަޅައިގެން މިކްސްކޮށް ނިކަން ވަރުގަދަ އަށް ގިރާލަންވީ އެވެ.