ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައިވާ އިސްލާހުތަކަށް ވޯޓަށް އަހަން ތައްޔާރުވެފައި ވަނިކޮށް ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ޖަލްސާ ނިންމާލައިފި އެވެ.
މަޖިލީހުގައި މިއަދު އެޖެންޑާކޮށްފައިވަނީ ހަތަރު އިސްލާހެއް ބަލައިގަތުމާމެދު ގޮތެއް ނިންމުމަށާއި ކޮމިޓީތަކުން ހުށަހަޅާފައިވާ ތިން ބިލަކާއި މެދު ގޮތެއް ނިންމުމަށެވެ. އެގޮތުން މި މައްސަލަތަކާއި ގުޅޭގޮތުން މެންބަރުންވަނީ ބަހުސްކޮށްވެސް ނިންމާފަ އެވެ.
ނަމަވެސް ވޯޓުއަހަން ތައްޔާރުވެފައިވަނިކޮށް ރިޔާސަތުން އެންގީ ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން އެ ވަގުތަށް ވޯޓު ނެގެން ނެތް ކަމަށާއި އަދި މައްސަލަ ހައްލުވުމަށް ގިނަ ވަގުތުތަކެއް ހޭދަ ވާނެތީ މަޖިލީހުގެ ޖަލްސާ މިއަދަށް ނިންމާލީ ކަމަށެވެ.
"ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާތީ އެމައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ. އަދި މައްސަލަ ހައްލުވާން ގަޑިއެއްހާއިރު ވާނެ ކަމަށް ބުނެފައި ވީނަމަވެސް 02:30 ވާއިރުވެސް އެ މައްސަލަ ހައްލުކުރެވޭނެ ކަމަށް ލަފާނުކުރެވޭތީ މިއަދުގެ ޖަލްސާ މިހާހިސާބުން ނިންމާލަން،" މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވި އެވެ.
ޖަލްސާ ނިންމާލާފައިވާ އިރު މިއަދު އެޖެންޑާކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ކްލެމެންސީ ބޯޑުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާޙިމް ވަހީދު ވަކިކުރުމާއި ގުޅޭގޮތުން ޕީޕީއެމް އިން ހުށަހެޅި ގަރާރާމެދު ގޮތެއް ނިންމުމާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރާ ތާރީހު ފަސްކުރުމާއި ގުޅޭގޮތުން ނިންމުން ހިމެނެ އެެވެ. އަދި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ބޯޓު ފަހަރުން ނަގާ ބަނދަރު ކުލި ބޮޑުކުރުމުގެ އިތުރުން ވޯޓު ކަރުދާހުގައި ކުރަހައިފިނަމަ އެ ވޯޓެއް ބާތިލުވާ އިސްލާހާއި މެދު ގޮތެއް ނިންމުމަށްވެސް އެޖެންޑާކޮށްފައިވެ އެވެ.