ހަބަރު

އައިޖީއެމްއެޗް އާ ހަރުފަތަކަށް!

ދަރިމައިވުމުގެ މައްސަލަތަކާއި ކިޑްނީ އަދި ކުޑަކަމުދާ ނިޒާމްގެ ބަލިތަކަށް ފަރުވާދިނުމަށް އައިޖީއެމްއެޗްގައި ހުޅުވި ނެޝަނަލް ޔޫރޯރީނަލް އެންޑް ފާޓިލިޓީ ސެންޓަރުން މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.

އެކަމާ ގުޅޭގޮތުން "އަވަސް" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓުގެ ޑިރެކްޓަރު އަހްމަދު މައުސޫމް ވިދާޅުވީ ޔޫރޯރީނަލް އެންޑް ފާޓިލިޓީ ސެންޓަރުން ދަރިމައިވުމުގެ މައްސަލަތަކަށާއި ކިޑްނީގެ ބަލިތަކަށް ފަރުވާ ދިނުމަށް ސުޕާ ސްޕެޝަލިސްޓް ޑޮކްޓަރުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި އައިޖީއެމްއެޗްގައި ކުޑަކަމުދާ ނިޒާމްގެ ބަލިތަކަށް ފަރުވާ ދިނުން މެދު ކެނޑިފައިވީ ނަމަވެސް އެ ސެންޓުރުން އަލުން އެ ހިދުމަތް ދޭން ފަށާނެ ކަމަށްވެސް މައުސޫމް ވިދާޅުވި އެވެ.

"ނެޝަނަލް ޔޫރޯރީނަލް އެންޑް ފާޓިލިޓީ ސެންޓަރުން ހިދުމަތް ދޭން މިއަދު މި ފެށުނީ. އެ ސެންޓަރުން ހިދުމަތް ދިނުމުގައި ދިވެހި އަދި ސުޕާ ސްޕެޝަލިސްޓު ޑޮކްޓަރުން ހަރަކާތްތެރިވާނެ. ކުޑަކަމުދާ ނިޒާމްގެ ބަލިތަކަށް ފަރުވާ ދިނުން އައިޖީއެމްއެޗްގައި މެދުކެނޑިފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެ. ނަމަވެސް ޔޫރޯރީނަލް އެންޑް ފާޓިލިޓީ ސެންޓަރުގެ ހިދުމަތް ފެށުމާއި އެކު އެ ބަލިތަކަށްވެސް ފަރުވާ ދޭން އަލުން ފެށޭނެ،" މައުސޫމް ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ ޔޫރޯރީނަލް އެންޑް ފާޓިލިޓީ ސެންޓަރުން ކިޑްނީ ބަދަލު ކުރުމުގެ ހިދުމަތް ދިނުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ކިޑްނީ ޓްރާންސްޕްލާންޓްގެ ހިދުމަތް ފަށައިގަތުމަށް ގިނަ ތައްޔާރީތަކެއް ވާން ޖެހޭތީ އެ ހިދުމަތް ފެށޭނެ ތާރީހެއް ނޭންގޭ ކަމަށެވެ.

"އަޅުގަނޑުމެން މިބަލަނީ އައިޖީއެމްއެޗްއިން ދޭ ކޮންމެ ހިދުމަތެއްވެސް އެންމެ މަތީ ދަރަޖާގައި ދެވޭތޯ. ނެޝަނަލް ޔޫރޯރީނަލް އެންޑް ފާޓިލިޓީ ސެންޓަރުންވެސް ކިޑްނީ ހިލަނެގުމާއި ޔޫރިން އަދި ފާޓިލިޓީގެ ހުރިހާ ހިދުމަތެއް ދެވޭތޯ މި މަސައްކަތް ކުރަނީ. ނަަމަވެސް އެކަން ކުރުމަށް ގިނަ އިކުއިޕްމަންޓުތައް ގެނެސް ޑޮކްޓަރުން ތަމްރީން ކުރަން ޖެހޭ. އެހެންވެ ފެށޭނެ ވަކި ތާރީހެއް ބުނަން ދަތި،" މައުސޫމް ވިދާޅުވި އެވެ.

ޔޫރޯރީނަލް އެންޑް ފާޓިލިޓީ ސެންޓަރުން ހިދުމަތް ދެވޭނީ ދުވާލަކު 40 މީހުންނަށް ކަމަށާއި ނަމަވެސް މިހާރުވެސް 300 އަށް ވުރެއް ގިނަ މީހުން އެ ސެންޓަރުން ހިދުމަތް ހޯދަން ނަން ނޯޓުކޮށްފައިވާ ކަމަށް މައުސޫމް ވިދާޅުވި އެވެ. ނަމަވެސް އައިޖީއެމްއެޗް އިން މިހާރު މަސައްކަތް ކުރަނީ ޔޫރޯރީނަލް އެންޑް ފާޓިލިޓީ ސެންޓަރުގައި ހަރަކާތްތެރިވުމަށް ނަރުހުންނާއި ޑޮކްޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ފެށުމަށް ކަމަށާއި އޭގެ ސަބަބުން އެ ސެންޓަރުގެ ހިދުމަތްތައް އަވަސްވާނެ ކަމަށް މައުސޫމް ވިދާޅުވި އެވެ.

ޔޫރޯރީނަލް އެންޑް ފާޓިލިޓީ ސެންޓަރަކީ އިންޑިޔާގެ އެންޔޫ ހޮސްޕިޓަލާއެކު ވެވުނު 15 އަހަރުގެ އެއްބަސްވުމެއްގެ ދަށުން އައިޖީއެމްއެޗްގައި ހުޅުވި ސެންޓަރެކެވެ. އެ ސެންޓަރު ގާއިމް ކުރުމަށް ދިވެހި ސަރުކާރުން 2.5 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ އިރު އެންޔޫ ހޮސްޕިޓަލުން ހަ މިލިޔަން ރުފިޔާ ހަރަދު ކުރައްވާފައިވާ ކަމަށް އައިޖީއެމްއެޗްއިން ބުނެފައިވެއެވެ.