ވިޔަފާރި

މޯލްޑިވިއަން ސީޕްލޭންގެ ފެށުން އިންވެސްޓްމަންޓް ފޯރަމާ ގުޅިފައި

Nov 21, 2016
2
  • ފޯރަމުން އިންވެސްޓްމަންޓް އިޝްތިހާރުވޭ
  • ވިޔަފާރީގެ ގުޅުންތައް ވަރުގަަދަ ވެއްޖެ
  • މި އަހަރުގެ ފޯރަމްވެސް ކާމިޔާބު ވާނެ

މޯލްޑިވިއަން އިން ސީޕްލޭންގެ ހިދުމަތްތައް ފެށީ މިދިޔަ އަހަރު އިންވެސްޓްމަންޓް ފޯރަމުން ލިބުނު ފުރުސަތަކުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ނިއުދިއްލީގައި މާދަމާ ފަށާ، އިންވެސްޓްމަންޓް ފޯރަމާ ބެހޭ ގޮތުން ނިއުދިއްލީ "އަޝޯކް ހޮޓެލް" ގައި މިއދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ އިންވެސްޓްމަންޓް ފޯރަމްގެ ސަބަބުން ގިނަ ފުރުސަތު ތަކެއް ހުޅުވިގެންދާ ކަމަށާއި، މިގޮތުން ގައުމީ އެއާލައިންއިން ސީޕްލޭންގެ އުދުހުންތައް ފެށީވެސް ސިންގަޕޫރު އިންވެސްޓްމަންޓް ފޯރަމަށް ފަހު ކަމަށެވެ. މިގޮތަށް އެތައް ފުރުސަތުތަކެެއް ވިޔަފާރިތަކަށް ގުޅުވިގެން ގޮސްފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް އެބަހުރި ޗައިނީޒް ވިޔަފާރިތަކަށް ލޯހުޅުވާލަ ދެވުނު އިންވެސްޓްމަންޓް ފޯރަމަކީ އަޅުގަނޑު ބުނާނީ ސިންގަޕޫރު އިންވެސްޓްމަންޓް ފޯރަމޭ. ހާއްސަކޮށް ރައީސް ޔާމީންގެ އިކޮނޮމޮމިކް ޓްރާސްފޮމޭޝަންއަށް ލޯ ހުޅުވައިގެން ދިޔައީ އިންވެސްޓްމަންޓް ފޯރަމުންނޭ. ހާއްސަކޮށް އިތުބާރު ލިބިގެން ދިޔަ މި ފޯރަމްތަކުން،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މޯލްޑިވިއަންއިން ވަނީ ސީޕްލޭންގެ ހިދުމަތް ފެށުމަށްފަހު ސީޕްލޭން ފްލީޓު ހަތަކަށް އިތުރުކޮށްފަ އެވެ. އަދި ފަސް ރިސޯޓަކަށް މިހާރުވެސް އުދުހެމުންގެންދެ އެވެ.

"ފޯރަމްތަކުން ރާއްޖެ ހުޅުވިގެންދޭ"

މިިނިސްޓަރު ވިދާޅުވީ އިންވެސްޓްމަންޓް ފޯރަމްތަކުގެ ސަބަބުން ރާއްޖޭގައި އިންވެސްޓް ކުރުމުން ލިބޭ ފައިދާ ބޭރަށް އެނގިގެންދާ ކަމަށެވެ.

"ރާއްޖޭގައި މިކަމަށް އެންވަޔަރުމަންޓެއް އޮތްކަން. މިސާލަކަށް ހާއްސަކޮށް ރާއްޖޭގެ ޓޫރިޒަމްގައި އިންވެސްޓް ކޮށްފިނަމަ ހަތް އަހަރު ދުވަހުން އެ އިންވެސްޓްމަންޓެއް ކަވަރު ވާކަން. މިކަހަލަ ކިތަންމެ މައުލޫމާތެއް އިންވެސްޓްމަންޓް ފޯރަމުން ލިބިގެން ގޮސްފި. ބޭރުގައި މިނިވަން ވިޔަފާރީގެ މުއާހަދާތަކެއް އެބަ ހަދަން. މިފުރުސަތު ތަކާ ބޭރާ މި ގުޅުވައިދެނީ،" ސައީދު ވިދާޅުވި އެވެ.

މިސާލު ޖައްސަވަމުން، މިނިސްޓަރު ވިދާޅުވީ ކޮކާކޯލާއަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑް ކަމަށާއި، ނަމަވެސް މި ބްރޭންޑަކީ އެންމެ ބޮޑަށް އިޝްތިހާރުކުރާ އެކަތި ކަމަށެވެ. އެހެންވެ ރާއްޖެވެސް މިގޮތަށް އިޝްތިހާރު ކުރުން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

"ކޯކަކީ މާކެޓިންއަށް އެންމެ ބޮޑު ހަރަދެއް ކުރާ ގައުމު. އެހެންވެ ރާއްޖޭން ކީއްވެގެންތޯ؟ ރާއްޖޭގެ އިންވެސްޓްމަންޓް އިޝްތިހާރު ނުކުރަންވީ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ނިއު ދިއްލީގައި ފަށާ، އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވަނީ ހަމައެކަނި އިންޑިޔާގެ އިންވެސްޓްރުން ނޫން ކަމަށާއި، މެދުއިރުމަތީގެ ކުންފުނިތަކުންވެސް ބައިވެރިވާ ކަމަށެވެ.

"ރާއްޖޭގައި ރިއަލްއެސްޓޭޓް އާއި ރިނިއުބަލް އެނާޖީ އަދި ފަދަ ދާއިރާތައް އެބަހުރި. ކޮމިއުނިކޭޝަން އާއި ޓްރާންސްޕޯޓުގެ ދާއިރާ އެބަހުރި. އެސްއީޒެޑްގެ ތެރޭގައި ހުންނަ އިންވެސްޓްތައް މިކަހަލަ އިންވެސްޓްމަންޓްތައް އަންގައި ދޭނެ،" ސައީދު ވިދާޅުވި އެވެ.

ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމެއް ފުރަތަމަ ބާއްވާފައިވަނީ 2014 ވަނަ އަހަރު ސިންގަޕޫރުގަ އެވެ. އަދި އޭގެ ފަހުން ޗައިނާގެ ބެއިޖިންގްގައިވެސް ފޯރަމެއް ބާއްވާފައިވެ އެވެ. އަދި ތިންވަނަ ފޯރަމް މާދަމާ ރަސްމީކޮށް ފަށާނީ ނިއުދިއްލީގެ ތާޖު ހޮޓެލްގަ އެވެ.

ނިއުދިއްލީން: މުހައްމަދު އަފްރާހު