ހަބަރު

ފަސް ގާނޫނަކަށް ގެނައި އިސްލާހުތައް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި

ފަސް ގާނޫނަކަށް ހުށަހެޅިފައިވާ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެނެ ކޮމިޓީތަކަށް ފޮނުވައިފި އެވެ. މަޖިލީހުން މިއަދު ބަލައިގަތީ އިންތިހާބުތަކާބެހޭ އާންމު ގާނޫނަށާއި، ލޯކަލް ކައުންސިލް އިންތިހާބުތަކާބެހޭ ގާނޫނަށާއި، ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނުގެ އިތުރުން ބަނދަރު ކުލި ނެގުމާ ބެހޭ ގާނޫނު އަދި ސިޔާސީ ޕާޓިތަކާބެހޭ ގާނޫނަށް ހުށަހެޅުނު އިސްލާހުތަކެވެ.

އެގޮތުން ސަރުކާރު ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު މުއާޒް މުހައްމަދު ރަޝީދު ހުށަހެޅި އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަތުމަށް 58 މެންބަރުން ވޯޓު ދެއްވި އިރު އެ އިސްލާހު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އެގޮތުން މި ބިލު ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްވި އެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން އެހެން ފާހަގައެއް ޖަހައިފި ނަމަ ނުވަތަ ލިޔުމެއް ނުވަތަ ކުރަހައިފި ނަމަ އެ ވޯޓެއް ބާތިލު ވާނެ ކަމަށެވެ. އަދި އެ އިސްލާހު ހުށަހެޅީ ވޯޓު ކަރުދާހުގައި ކުރަހާފައި ހުންނާތީ ވޯޓުގެ ސިއްރުކަން ގެއްލޭތީ ކަމަށް މެންބަރު މުއާޒް ވިދާޅުވެފައި ވެއެވެ.

މަޖިލީހުން ދެން ބަލައިގަތް، ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހަޅާފައިވާ ލޯކަލް ކައުންސިލް އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަތީ 44 މެންބަރުންގެ ވޯޓުންނެވެ. އަދި ބަލައިގަންނަން ނުފެންނަ ކަމަށް 23 މެންބަރަކު ވޯޓު ދެއްވިއިރު ވަކިގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ މެންބަރަކު ތިއްބެވެ. އެގޮތުން އެ އިސްލާހުވެސް ވަނީ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވާފައެވެ.

މި އިސްލާހުގެ ސަބަބުން އިދާރީ ދާއިރާއަކަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ ނަމުގައި ފާހަގަ ނުޖެހިޔަސް ވޯޓު ބާތިލެއް ނުވާނެ އެވެ. ނަމަވެސް އިންތިހާބު ކުރަން ޖެހޭ އަދަދަށް ވުރެއް ގިނަ ކެނޑިޑޭޓުންނަށް ވޯޓު ދިނުމުން ބާތިލު ވާނެ އެވެ.

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ އިސްލާހު ބަލައިގަތީ 54 މެންބަރުންގެ ވޯޓުންނެވެ. އަދި އެ އިސްލާހު ބަލައިގަންނަން ނުފެންނަ ކަމަށް ނުވަ މެންބަރުން ވޯޓު ދިން އިރު ވަކިގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ދެ މެންބަރަކު ތިއްބެވި އެވެ. އެ އިސްލާހުގައި ބުނެފައި ވަނީ އެ ގާނޫނުން އިސްތިސްނާވާ ބައެއްގެ ގޮތުގައި ސަލާމަތީ ހިދުމަތަށް ބޭނުން ކުރާ އުޅަނދުތައް ހިމެނުމަށެވެ.

އޭގެ އިތުރުން ބަނދަރު ކުލި ނެގުމާ ބެހޭ އިސްލާހު ފެންނަ ކަމަށް 53 މެންބަރުން ވޯޓު ދެއްވި އިރު ބަލައިގަންނަން ނުފެންނަނ ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ. އަދި ވަކިގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ދެ މެންބަރަކުވެސް ތިއްބެވެ. އެގޮތުން މި ބިލު ބަލައިގަންނަން ފާސްވެ އިގްތިސޯދީ ކޮމިޓީއަށް ފޮނުވި އެވެ.

މި އިސްލާހާއި އެކު ބަނދަރަށް ވަނުމަށް ނަގާ ކުލީގެ ގޮތުގައި 200 ގްރޮސް ޓަނު ހަމަ ނުވާ ކޮންމެ އުޅަނދަކަށް 200ރ. ނެގުމަށް މި އިސްލާހުގައި ބުނެފައި ވެއެވެ. އަދި 200 އިން ފެށިގެން 1000 ގްރޮސް ޓަނު ހަމަ ނުވާ އުޅަނދުތަކުން 300ރ. ނަގާއިރު 1000 އިން ފެށިގެން 2000 ގްރޮސް ޓަނު ހަމަ ނުވާ އުޅަނދުތަކުން ނަގާނީ 400ރ. އެވެ. 2000 ގްރޮސްޓަނު އުޅަނދުތަކަށް ނެގުމަށް ކަނޑައަޅާފައި ވަނީ 500ރ. އެވެ. އަދި އެއަށް ވުރެއް އިތުރުވާ ކޮންމެ 500 ގްރޮސް ޓަނަކަށް 250ރ. ނަގާނެ އެވެ. ބަނދަރު ކުލި ދައްކަން ނުޖެހޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 1000 ގްރޮސް ޓަނު ހަމަނުވާ އުޅަނދުތަކަށެވެ.

އަދި ބަނދަރުގައި ގިނަ ދުވަހު އޮތުމަށް ވެސް ފައިސާދައްކަން ޖެހޭ ކަމަށް މި އިސްލާހުގައި ބުނެފައިވެއެވެ. އެގޮތުން ބަނދަރުގައި އޮންނަތާ ހަތް ދުވަހާއި 45 ދުވަހުގެ ނިޔަލަށް ރެއަކާ ދުވާލަކަށް 65ރ. ދައްކަން ޖެހެ އެވެ. އަދި 46 ދުވަހާއި 90 ދުވަހާ ދެމެދު ބަނދަރުގައި އޮންނަ އުޅަނދުތަކަށް 100ރ. ޗާޖު ކުރާއިރު 91 ވަނަ ދުވަހުން ފެށިގެން 150 ދުވަހާ ހަމަޔަށް ބަނދަރުގައި އޮންނަ އުޅަނދުތަކުން ޗާޖު ކުރާނީ 150ރ. އެވެ.

އެންމެ ފަހުން ބަލައިގަތީ ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހެވެ. އެ އިސްލާހު ބަލައިގަތުމަށް 38 މެންބަރުން ވޯޓު ދެއްވި އިރު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 28 މެންބަރުންނެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓު ހޯދުމަށް ވާދަކޮށްފައިވާ މެންބަރަކު އެ އިންތިހާބުގައި އެއް ހައިސިއްޔަތަކުން ވާދަ ނުކުރެވޭނެ ކަމަށެވެ. އަދި އެފަދަ ކެނޑިޑޭޓެއް އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފި ނަމަ ކެނޑިޑެސީ ބާތިލު ކުރަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ. އަދި މި އިސްލާހު ހުށަހެޅީ މެންބަރުން ޕްރައިމެރީއިން ކާމިޔާބު ނުުވުމުން އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުތަކުގައި ވާދަ ބައިވެރިވުމުން މެންބަރުންގެ މެދުގައި ނުތަނަވަސްކަމާއި ފިތުނަ ފަސާދަ އުފެދޭތީ އެވެ.