ދުނިޔެ

ފަސްޓް ލޭޑީގެ ގޮތުގައި މެލާނިއާ ޓްރަމްޕް ވައިޓް ހައުސްއަށް ވަޑައެއްނުގަންނަވާނެ

Nov 22, 2016

އަންނަ އަހަރުގެ ޖެނުއަރީ މަހު އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު ޑޮނަލްޓް ޓްރަމްޕް، ވައިޓްހައުސް އަށް ބަދަލުވެ ވަޑައިގެންނެވި ނަމަވެސް އަނބިކަނބަލުން މެލާނިއާ ޓްރަމްޕް އެބޭފުޅާއާ އެކުގައި ވަޑައެއްނުގަންނަވާނެކަން އިއުލާނުކޮށްފި އެވެ.

މެލާނިއާ ވައިޓް ހައުސް ބަދަލުވެ ވަޑައިނުގަންނަވާނެކަން އިއުލާނުކުރައްވާފައިވާއިރު ޓްރަމްޕް އާއި މެލާނިއާގެ އެންމެ ހަގު ދަރިކަލުންކަމުގައި އުމުރުން 10 އަހަރުގެ ބެރޯން ވެސް ވައިޓް ހައުސްއަކަށް ދިރިއުޅުއްވުން ބަދަލެއް ނުކުރައްވާނެ އެވެ. ނަމަވެސް މިއީ ދާއިމީ ނިންމުމެއް ނޫން ކަމަށް ޓްރަމްޕްގެ ޓްރާންސިޝަން ތަރުޖަމާން ޖޭސަން މިލާ ވިދާޅުވެ އެވެ.

ތަރުޖަމާނު ވިދާޅުވެފައި ވަނީ ޓްރަމްޕާ އެކު ޖެނުއަރީ މަހު މެލާނިއާ އާއި ހަނގު ދަރިކަލުން ވައިޓް ހައުސް އަށް ބަދަލުވެ ވަޑައިނުގަތުމަށް ނިންމާފައި ވަނީ ބެރޯންގެ ކިޔެވުން ކުއްލިއަކަށް މެދުކަނޑާލަން ޖެހިދާނެތީ ކަމަށެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ ނިއު ޔޯކުން ވޮޝިންޓަނަށް ބެރޯން އާއި މެލާނިއާ ބަދަލުވެ ވަޑައިގަންނަވާނީ ބެރޯންގެ ސްކޫލްގެ ކިޔެވުން ނިމުމުން ކަމަށެވެ.

ކޮންމެއަކަސް ޓްރަމްޕާ އެކު މެލާނިއާ ވައިޓް ހައުސް އަށް ބަދަލުވެ ވަޑައިނުގަންނަވާނެ ޚަބަރު ފެތުރުމުން އެމެރިކާގެ އާންމުންގެ މެދުގައި ވަނީ ފުދޭވަރަކަށް ހިޔާލު ވެސް ތަފާތުވެފަ އެވެ. އެއް ބަޔަކު ބުނަނީ އެ އުމުރުގެ ފިރިހެން ކުއްޖަކަށް އެންމެ ރަނގަޅު ނަމޫނާއެއް ދެއްކޭނީ މެލާނިއާ ވައިޓް ހައުސް އަށް ވަޑައިނުގެން ގޭގައި މަޑުކުރެއްވުމުން ކަމަށާއި މިއީ ތައުރީފު އެކަމަނާ އަށް ހައްގު ކަމެއް ކަމަށެވެ.

އަނެއް ބަޔަކު ސަމާސާ ރާގެއްގައި ބުނަމުން ދަނީ ވައިޓް ހައުސްގެ އިންޓީރިއާ ޑިޒައިންތައް މެލާނިއާ އަށް ކަމުނުދަނީ ކަމަށް ވެދާނެ ކަމަށެވެ. އަދި ޓްރަމްޕާއި މެލާނިއާ "ވަރި ފަށަށް" އަރާފައިވާ ކަމަށް ބުނެ ސަމާސާކުރާ ބަޔަކު ވެސް އެބަ ތިއްބެވެ.

އެކަމަކު މެލާނިއާ ވިދާޅުވަނީ ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ކިޔަސް އެކަމަނާ އަށް މިވަގުތަށް އެންމެ މުހިންމީ ހަގު ދަރިފުޅު ކަމަށާއި އެހެން އެއްވެސް ކަމެއް އެއަށް ވުރެ ކުރިއަށް ނުގެންދަވާނެ ކަމަށެވެ. މިއީ ހިންގުންތެރި ފުރިހަމަ ފަސްޓް ލޭޑީއެއްގެ ގޮތުގައި މެލާނިއާ ފެނިގެންނުދާނެ ކަމުގެ އިޝާރާތެކެވެ.

މެލާނިއާ އަކީ ޓްރަމްޕްގެ ތިން ވަނަ ކައިވެންޏެވެ. މި ކައިވެންޏަށް ލިބިވަޑައިގެންފައިވާ ހަމައެކަނި ދަރިއަކީ ބެރޯން އެވެ. ކުރިން ކައިވެނި ބައްލައިގެންނެވި އަލަތު ކައިވެންޏަށް ދެ ބޭފުޅުންނާއި އަންހެން ބޭކަނބަލަކު ލިބިވަޑައިގެންފައިވާއިރު ދެ ވަނަ ކައިވެންޏަށް ވެސް ދަރިކަނބަލަކު ލިބިވަޑައިގެންފައިވެ އެވެ.

އެމެރިކާގެ ތާރީޚަށް ބަލާއިރު މީގެ ކުރިން ވެސް އެގައުމުގެ ފަސްޓް ލޭޑީން ވައިޓް ހައުސް ރަސްމީ ގެއެއްގެ ގޮތުގައި އިހްތިޔާރުނުކޮށްފައި އެބަހުއްޓެވެ. އެގޮތުން މާތާ ވޮޝިންޓަން އާއި އެނާ ހެރިސަން އަކީ ވައިޓް ހައުސްގައި ދިރިނޫޅުއްވާ ކަމަށް މަޝްހޫރު ދެ ފަސްޓް ލޭޑީންނެވެ. ފުރަތަމަ ފަސްޓް ލޭޑީ މާތާގެ ފިރިކަލުން ޖޯޖު ވޮޝިންޓަންގެ ވެރިކަމުގައި ވައިޓް ހައުސްގެ މަސައްކަތް ނުނިމެ އެވެ.

ފަސްޓް ލޭޑީ އެނާގެ ފިރިކަލުން އަދި ނުވަ ވަނަ ރައީސް ހެންރީ ހެރިސަންއާ އެކު ވައިޓް ހައުސް އަށް ބަދަލުވެ ވަޑައިގަތުމުގެ ކުރިން ހެރިސަން އަވަހާރަވީ އެވެ. --ބީބީސީ