ހަބަރު

ދެ ގާނޫނަކަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

ދެ ގާނޫނަކަށް ހުށަހެޅި ދެ އިސްލާހެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މަޖިލީހުން މިއަދު ފާސްކޮށްފައި ވަނީ ސަރުކާރު ފަރާތުން ލޯކަލް ކައުންސިލް އިންތިހާބަށް ހުށަހެޅި އިސްލާހަކާއި ކަނޑުގައި ދުއްވާ އުޅަންދުތައް ދުއްވުމާބެހޭ އިސްލާހެކެވެ.

އެގޮތުން ލޯކަލް ކައުންސިލް އިންތިހާބުތަކާ ބެހޭ ގާނޫނަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހަޅާފައިވާ އިސްލާހު ފާސްވީ 47 މެންބަރުންގެ ވޯޓުންނެވެ. އަދި އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 19 މެންބަރުން ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ދެ މެންބަރަކު ތިއްބެވެ. އެގޮތުން ރިޔާސަތުން ކަނޑައެޅީ އެ އިސްލާހު މަޖިލީހުން ފާސްވެއްޖެ ކަމަށެވެ.

މި އިސްލާހުގައި ބުނެފައި ވަނީ އިދާރީ ދާއިރާއަކަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ ނަމުގައި ފާހަގަ ނުޖެހިޔަސް ވޯޓު ބާތިލެއް ނުވާނެ ކަމަށެވެ. ނަމަވެސް އިންތިހާބު ކުރަން ޖެހޭ އަދަދަށް ވުރެއް ގިނަ ކެނޑިޑޭޓުންނަށް ވޯޓު ދިނުމުން އެ ވޯޓެއް ބާތިލު ވާނެ ކަމަށް މި އިސްލާހުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން މާވަށު ދާއިރާގެ މެންބަރު އަހުމަދު އަޒްހާން ފަހުމީ ހުށަހަޅާފައިވާ އިސްލާހު ފާސްވީ 59 މެންބަރުންގެ ވޯޓާއެކުގައެވެ. އަދި އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ފަސް މެންބަރުންނެވެ. މި އިސްލާހުގައި ބުނެފައި ވަނީ އެ ގާނޫނުން އިސްތިސްނާވާ ބައެއްގެ ގޮތުގައި ސަލާމަތީ ހިދުމަތަށް ބޭނުން ކުރާ އުޅަނދުތައް ހިމެނުމަށެވެ.