ހަބަރު

ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީ ހޯމް މިނިސްޓްރީން ފާހަގަކޮށްފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ހޯމް މިނިސްޓްރީއިން ފާހަގަކޮށްފި އެވެ. ހޯމް މިނިސްޓްރީގައި މިއަދު މެންދުރުފަހު ބޭއްވި މި ހަފްލާގައި ކެބނެޓްގެ ބައެއް މިނިސްޓަރުން ވެސް ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއެކު ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް ކާމިޔާބު ތިން އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެކި އިވެންޓުތައް އެކި ވުޒާރާތަކުން ފާހަގަ ކުރަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ހިމެނިގެންދާ ގޮތަށް މިއަދު މި ހަފުލާއެއް ބޭއްވީ ހޯމް މިނިސްޓްރީގެ މުއައްޒިފުން އިސް ވެގެން ކަމަށެވެ. ހަބޭސް ތިނެއް އިވެންޓުގެ ހުރިހާ ތައްޔާރީތަކެއް ކުރަނީ ވެސް އެ މިިނިސްޓްރީގެ މުއައްޒިފުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ހުރިހާ އިންތިޒާމްތަކެއް ހަމަޖެއްސީ ހޯމް މިނިސްޓްރީގެ މުއައްޒިފުން. އެބޭފުޅުންގެ ހާއްސަ މެއްގެ ގޮތުގައި ދެކިގެން. ސިޔާސީ ބޭފުޅުންގެ އެހީތެރިކަން ކޮންމެވެސް ވަރަކަށް ލިބުން ނަމަވެސް ހަގީގީ ޝުކުރު ހައްގުވަނީ ހޯމް މިނިސްޓްރީގެ ހުރިހާ މުއައްޒިފުންނަށް،" އަޒްލީން ވިދާޅުވި އެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ހޯމް މިނިސްޓްރީގެ އިތުރުން އެހެން ބައެއް މިނިސްޓްރީތައް ވެސް މިހާރު ވަނީ އެކަން ފާހަގަކޮށްފަ އެވެ. އޭގެ އިތުރުން ދިވެހި ގައުމީ އެއާލައިން، މޯލްޑިވިއަން އިންވެސް ވަނީ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމާފަ އެވެ. ސަރުކާރަށް ތިން އަހަރު ފާހަގަ ކުރުމަށް 10 ދުވަހަށް ދިގު ދެމިގެންދާނެ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ އިރު ބޮޑު ހަރަކާތް އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ ރޭގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.