މޫސާ ޒަމީރު

"އަމާޒަކީ އައިއެންއައިއޭ ތަރައްގީވާއިރު ހުރިހާ ރިސޯޓްތައް ނިންމުން"

  • ވައުދުވީ 50 ރިސޯޓަށް، އަމާޒަކީ 60 ރިސޯޓް
  • އަންނަ އަހަރު ކަންޓްރީ ޕޮޒިޝަން ރިވިއު ކުރާނެ
  • ޓޫރިޒަމް ޕްރޮމޯޝަނަށް އާ ބާރެއްލާނެ

އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއު ނިމެންވާއިރަށް މިހާރު ކޮންޓްރެކްޓްކޮށްފައިވާ ރިސޯޓުތައް ހަދާ ނިންމަން ސަރުކާރުން އަމާޒު ހިފާފައިވާ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ ގޮތުން ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާއަކަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަ ޒަމީރު ވިދާޅުވީ ފަތުރުވެރިކަމަށް ގެނެވޭ އެންމެ ބޮޑު އިންގިލާބީ ބަދަލަކީ އައިއެންއައިއޭ ތަރައްގީ ކުރުން ކަމަށެވެ. އަދި ވިދާޅުވީ އެއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުމަށް ހުޅުވިގެންދާނެ އެންމެ ބޮޑު ދޮރާށި ކަމަށާއި އެގޮތުން ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފުރިހަމަ ކުރަން އަމާޒުކޮށްފައި ވަނީ އައިއެންއައިއޭގެ މަސައްކަތް ނިމުމުގެ ކުރިން މިހާރު ކޮންޓްރެކްޓުކޮށްފައި ވާ ރިސޯޓުތައް ހަދާ ނިންމަން ކަމަށެވެ.

"އަޅުގަނޑުމެން މެނިފެސްޓޯގައި އޮންނާނީ 50 ރިސޯޓު އަޅަން. ނަމަވެސް އަމާޒު މިހުރީ 60 އެއްހާ ރިސޯޓް އެޅުމަށް އަދި އެއާޕޯޓް ނިމެންވާއިރަށް މިހާރު ކޮންޓްރެކްޓްކޮށްފައި ހުރި، ހަދަމުންދާ ރަށްތަކުގެ މަސައްކަތްކަށް އިތުރަށް ޕުޝްކޮށް އެ ރަށްތައް އަވަހަށް ނިންމަން،" މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ އަހަރު ތެރޭގައި ކުރަން އިތުރަށް ރާވާފައިވާ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ ކަންޓްރީ ޕޮސިޝަނިން ރިވިއު ކުރުމާއި އެއާޕޯޓުގެ ކެޕޭސިޓީ އިތުރުވެގެންދާއިރު ޓޫރިސްޓުން އިތުރު ކުރުމަށްޓަކާ މާކެޓިން އާއި އެޑްވަޓައިޒިންއަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.